ދެކުނު އެމެރިކާގެ ކޮލަމްބިއާ ގައި މިހާރު ކުރިއަށްދާ ފީފާ ފުޓްސަލް ވޯލްޑްކަޕް ގެ ފުރަތަމަ ބުރު ނިމި ދެވަނަ ބުރަށް ދަތުރުކުރި ގަދަ 16 ޓީމު މިހާރު ވަނީ ކަށަވަރު ވެފައެވެ.
ހަ ގްރޫޕަށް ބަހާލައިގެން ގުރޫޕް ޓީމު ތަކުގެ މެދުގައި ލީގު އުސޫލަށް ކުޅެވުނު ފުރަތަމަ ބުރު ނިމި ދެވަނަ ބުރަށް ދަތުރުކޮށްފައި ވަނީ، ގްރޫޕް އޭ އިން ޕޯޗްގަލް، ކޮލަމްބިއާ އާއި ގްރޫޕް ބީ އިން ރަޝިއާ، ތައިލެންޑް، މިސްރު އާއި ގްރޫޕް ސީ އިން އިޓަލީ، ޕެރަގުއޭ، ވިއެޓްނާމް އާއި ގްރޫޕް ޑީ އިން ބްރެޒިލް، ޔުކްރެއިން އާއި ގްރޫޕް އީ އިން އާޖެންޓީނާ، ކަޒަކިސްތާން، ކޮސްޓަރިކާ އާއި ގްރޫޕް އެފް އިން ސްޕެއިން، އާޒަރުބައިޖާން، އީރާނެވެ.
ފުރަތަމަ ބުރު ނިމުނު އިރު އެންމެ ގިނަ ގޯލް ޖަހާފައިވަނީ 3 މެޗުން 9 ގޯލް ޖަހާފައިވާ ޕޯޗްގަލްގެ ރިކާޑީނޯ އެވެ. ރިކާޑީނޯ ވަނީ ޕަނަމާ ކޮޅަށް ޕޯޗްގަލް އިން ޖެހި 9 ގޯލުގެ ތެރެއިން 6 ގޯލް އަދި އުޒުބެކިސްތާނު ކޮޅަށް ޕޯޗްގަލް އިން ޖެހި 5 ގޯލްގެ ތެރެއިން 3 ގޯލް ޖަހާފައެވެ.
ދެވަނަ އަށް އެންމެ ގިނަ ގޯލް ޖަހާފައިވަނީ ފީފާ ފުޓްސަލް ވޯލްޑްކަޕް 2004 އަދި 2008 ގެ އެންމެ މޮޅު ކުޅުންތެރިޔާ ނުވަތަ ގޯލްޑެން ބޯލް އާއި ފީފާ ފުޓްސަލް ވޯލްޑްކަޕް 2004 ގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދި ބްރެޒިލްގެ ފަލްކާއޯއެވެ. މީނާ ވަނީ ފުރަތަމަ ބުރުގައި ކުޅުނު 3 މެޗުން 7 ގޯލް ޖަހާފައެވެ. ފަލްކާއޯ ވަނީ، ފުރަތަމަ ބުރުގެ ބްރެޒިލް ކުޅުނު ފަހު މެޗުގައި މޮޒެންބީކް ކޮޅަށް ޖެހި 3 ލަޑާއިއެކު 44 ގޯލް ޖަހައިގެން، ފުޓްސަލް ވޯލްކަޕްގައި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ ރެކޯޑްވެސް މުގުރާލާފައެވެ.
މިމުބާރާތުގެ ދެވަނަ ބުރުގެ މެޗުތައް މާދަމާރޭ ފަތިހު 3:30 ގައި ފެށޭނެއެވެ. މިމެޗްތައް ސޮނީ ސިކްސް އިން ދައްކަމުން ދެއެވެ. މާދަމާ ރޭ ފަތިހު ރާއްޖޭގެ ގަޑީން 3:30 ގައި ބައްދަލު ކުރާނީ ރަޝިއާ އާއި ވިއެޓްނާމެވެ. އަދި 6:00 ގައި ބައްދަލު ކުރާނީ ކޮލަމްބިއާ ޕެރަގުއޭ އެވެ.
ޚިޔާލުތައް