31 މެއި 2020 ( އާދީއްތަ )

banner

ރަށަށް ނުދެވި މާލޭގައި ތާށިވެފައިވާ ފަރާތްތައް އަވަހަށް ރަށަށް ފޮނުވާ ދިނުމަށް އެމްޕީ ހުސެއިން ގޮވާލައްވައިފި

މާލެ ފުރަބަންދުވުމާއި ގުޅިގެން މާލޭގައި ތާށިވެފައިތިބި ރަށްރަށުގެ މީހުންނަށް އެމީހުންގެ ރަށަށް އަވަހަށް ދެވޭނެ ގޮތެއް ހަމަޖައްސައިދިނުމަށް ފުވައްމުލަކު މެދު ދާއިރާގެ މެންބަރު މުހައްމަދު ހުސެއިން ދީދީ ގޮވާލައްވައިފިއެވެ. އިއްޔެ ބޭއްވުނު ރައްޔިތުންގެ މަޖިލިސް ޖަލްސާގައި ވާހަކަ ދައްކަވަމުން ހުސެއިން ވިދާޅުވީ “ފުވައްމުލަކު 415 ވަރަކަށް މީހުން މާލޭގައި ތާށިވެފައި އެބަތިބި، އަދި އެމީހުންގެ ތެރެއިން އެންމެ ފުރަތަމަ ކަރަންޓީނު ފެސިލިޓީއަށް ފޮނުވާލި މީހުން ފޮނުވާލިއިރު ވެސް ޖެންޑާ މިނިސްޓްރީ އިން ނެރެފައިވާ އުސޫލުތަކާއި ޚިލާފަށް އެކަންކޮށްފައިވާ ކަަމަށް މައުލޫމާތު ލިބޭ” ކަމަށެވެ.

ހުސެއިން އިތުރަށް ވިދާޅުވީ މާލޭގައި ތާށިވެފައިވާ ފަރާތްތައް އަވަހަށް ރަށަށް ފޮނުވޭނޭ އިންތިޒާމު ހަމަޖައްސައި ދިނުމަށެވެ. ރިސޯޓުތަކުން އައިސް މާލޭގެ ތަންތަން ކުއްޔަށް ހިފައިގެން ތިބި ފަރާތްތަކަށް ސަރުކާރުން މާލި އެހީތެރިކަން ހަމަޖައްސައިދެވޭތޯ މަސައްކަތް ކުރިކަމަށާއި ނަމަވެސް އެކަން ހަމަނުޖެހުނުކަމަށްވެސް ހުސެއިން ވިދާޅުވިއެވެ.

ފުވައްމުލަކުގައި 70 ވަރަކަށް ފުލެޓު ހުރިކަމަށާއި މާލޭގައި ތާށިވެފައިވާ ފަރާތްތަށް އެފުލެޓަށް ކަރަންޓީނަށް ފޮނުވާލުގެ ކަންތައްތައް ވެސް ހަމަނުޖެހުނުކަން ފާހަގަކޮށް ރައްޔިތުން އުފުލަންޖެހޭ ތަކުލީފު ކުޑަވާގޮތަކަށް ކަންތައްތައް އިންތިޒާމުކޮށް ދިނުމަށްވެސް ހުސެއިން ގޮވާލިއެވެ.

ރަށަށް ނުދެވި މާލޭގައި ތާށިވެފައިވާ ފުވައްމުލަކު ބައެއް ފަރާތްތަކަކީ މާލޭގައި ތާށިވެފައިވާތާ 30 ދުވަހަށްވުރެ ގިނަ ދުވަސްވެފައިވާ ފަރާތްތަކެވެ.

ފުވައްމުލަކަށް ނުދެވި މާލޭގައި ތާށިވި ފަރާތްތަކުގެ ތެރެއިން އައްޑު އަތޮޅު ހެރަތެރަ ފެސިލިޓީ އަށް ކަރަންޓީނަށް މިހާތަނަށް ފޮނުވިފައިވަނި މަދު ބައެކެވެ. 200 އަށްވުރެ ގިނަ ކޮޓަރީގެ ހެރަތެރަ އަކީ 500 އެށްހާ މީހުންގެ ޖާގައިގެ ރިސޯޓެކެވެ. ނަމަވެސް، އެރަށުގައި މިވަގުތު ތިބީ އެންމެ 130 މީހުންކަމަށް މިކަލް ނޫހަށް މައުލޫމާތު ލިބެއެވެ. ފުވައްމުލަކު ސިޓީ ކައުންސިލުގެ މޭޔަރު ކުރިން ވިދާޅުވެފައިވަނީފުވައްމުލަކުގައި 58 ކޮޓަރި ކަރަންޓީނު ކުރުމަށް ތައްޔާރުކުރެވިފައިވާ ކަމަށެވެ. ނަމަވެސް އެއަދަދަށް މީހުން ކަރަންޓީނުކުރެވިފައެއް ނުވެއެވެ.


ކިޔުންތެރިންގެ ޚިޔާލު