A wide advertisement which will be shown on all devices. (700 x 100)

ފަލަސްތީނުގެ ދައުލަތް ގަބޫލުކުރަން އެމެރިކާގެ ކުރީގެ ރައީސް ޖިމީ ކާރޓާރ ގޮވާލައްވައިފި

އެމެރިކާގެ ކުރީގެ ރައީސް ޖިމީ ކާރޓާ (ކ) އިޒުރޭލް އަދި މިސްރުގެ ބޮޑުވަޒީރުންނާއެކު ވައިޓްހައުސްގައި 1978 ގައި ބައްދަލުކުރައްވަނީ. މެދުއިރުމަތީގެ ފުރަތަމަ ސުލްހައިގެ އެއްބަސްވުން އިއުލާން ކުރުމިގެ ރަސމިއްޔާތުގެ ތެރެއިން. ފޮޓޯ: އޭޕީ

ފަލަސްތީނުގެ ދައުލަތް ގަބޫލުކުރަން އެމެރިކާގެ ކުރީގެ ރައީސް ޖިމީ ކާރޓާރ އޮބާމާގެ ސަރުކާރަށް ގޮވާލައްވައިފިއެވެ. ފަލަސްތީނާއި އިޒުރޭލުގެ ސުލްހައަށް އަބަދުވެސް ތާއިދުކުރައްވާ ޖިމީ ކާރޓާ ވިދާޅުވެފައި ވަނީ މިހާރުވެސް ވަގުތު ކުޑަތަންވެއްޖެ ކަމަށާއި ނަމަވެސް އޮބާމާގެ ސަރުކާރު އަންނަ ޖެނުއަރީ 20ގައި ނިމުމުގެ ކުރިން ފަލަސްތީނުގެ ދައުލަތް ރަސްމީކޮށް ގަބޫލުކުރުމަށް އަދި ވަގުތު އެބައޮތް ކަމަށެވެ.

އޮބާމާ ސަރުކާރުން ފަލަސްތީނު-އިޒުރޭލުގެ ސުލްހައަށް ކުރެއްވި މަސައްކަތަށް ތައުރީފު ކުރައްވަމުން ކާރޓާ ނިއުޔޯކު ޓައިމުސްގައި ލިއޔއްވާފައި ވަނީ އެކަން މިހާރު ނުކުރެވިއްޖެ ނަމަ ކުރިޔަށް އަންނަން އޮތް ސަރުކާރުން، މިހާރު ކުރެވިފައި ހުރި މަސައްކަތްތައް ވެސް އިދިކޮޅަށް ޖަހާނެ ކަމަށެވެ. އޭނާ ގަބޫލުފުޅު ކުރައްވާ ގޮތުގައި އަދިވެސް އެމެރިކާ އަށް ފަލަސްތީނު މައްސަލަ ހައްލު ކުރެވިދާނެއެވެ. އެ ދެގައުމަށް ސުލްހަވެރިކަމާއި އަމާން ކަމާއެކު އުޅުމަށް މަގު ފަހި ކުރެވިދާނެއެވެ.

އދ.ގެ ސަލާމަތީ މަޖުލީހަށް ކުރީގެ ރައީސް ކާރޓާ ގޮވާލައްވާފައި ވަނީ ފަލަސްތީނާއި އިޒުރޭލުގެ ހަމަނުޖެހުން ހުއްޓުވުމަށް ކުރަން ޖެހޭ ކަންތައްތައް ކަނޑައަޅައި ސަލާމަތީ މަޖުލީހުން ގަރާރެއް ފާސްކުރުމަށެވެ.

ފަލަސްތީނާއި އިޒުރޭލުގެ އިން، 1967ގައި އދ. އިން ކަނޑައެޅި ގޮތާއި ޚިލާފަށް އިޒުރޭލުން ވަޒަންވެރި ކުރުވަމުން ގެންދަނީ ބައިނަލް އަގުވާމީ ގަނޫނުތަކާއި ޚިލާފަށް ކަމަށާއި މިކަން ހައްލުކޮށް، ކުރިޔަށް ދިއުމަށް ދެގައުމުގެ ދެމެދުގައި ވާހަކަތައް ބާއްވައި އަލުން އިން އިސްލާޙު ކުރެވޭގޮތަށް ވެސް ހުޅުވާލެވިފައި ބޭއްވުމަކީ މުހިންމު ކަމެއްކަމަށް ކާރޓާ ވިދާޅުވިއެވެ.

ހިފާފައިވާ ބިންތަކުގައި އިޒުރޭލުން ވަޒަންވެރި ކުރުވުން ކާޓާ ކުށްވެރި ކުރައްވާފައި ވެއެވެ. އަދި ލިޔުއްވާފައި ވަނީ އެބިމުގައި (އިޒުރޭލުން ހިފާފައިވާ ސަރައްދު) މިހާރުވެސް ފަލަސްތީނުގެ 4.5 މިލިއަނަށް ވުރެ ގިނަ މީހުން ދިރިއުޅެމުންދާކަމަށާއި އެއިގެ ތެރެއިން ގިނަ މީހުން ތަހައްމަލު ކުރަމުން ދަނީ އިޒުރޭލުގެ ހަރުކަށި މިލިޓަރީ އުސޫލުކަމަށް ކާޓާ ހާމަކުރައްވާފައި ވެއެވެ. އެމީހުންނަކީ އިޒުރޭލު ރައްޔިތުން ނޫން ކަމަށާއި އެމީހުން އިޒުރޭލުގެ އިންތިޚާބުތަކުގައި ވޯޓް ވެސް ނުލެވޭ ކަމަށެވެ. ކާޓާ 2006 ގައި ލިޔުއްވި ފަލަސްތީނުގެ ސުލްހައާއި ބެހޭ ގޮތުން ލިޔުއްވި ފޮތެއްގައި ވިދާޅުވެފައި ވަނީ، އެތަނުގައި ހިނގަނީ ކުރިން ސަައުތު އެފްރިކާގައި ކަޅު މީހުނާއި ދޮންމީހުނާއި ދެމެދު ހިންގި ފަދަ ދަށު ދަރަޖައިގެ އަމަލުތައް ކަމަށެވެ.

ކުރީގެ ރައީސް ކާރޓާ އަކީ އެމެރިކާގައި އިޒުރޭލު ކުށްވެރިކޮށް ވާހަކަ ދައްކަވަމުން ގެންދަވާ އެންމެ ހަރު އެއްއަޑު ކަމަށް ވެއެވެ.

އޮބާމާގެ ސަރުކާރުން 2009 ގައި ވަނީ އިޒުރޭލުން ހިފާފައިވާ ބިންތަކުގައި ވަޒަންވެރި ކުރުރުން ކުށްވެރި ކުރައްވާފައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !