A wide advertisement which will be shown on all devices. (700 x 100)

ރާއްޖެއަށް މިހާރު ސްޓްރޯބެރީ މޫސުން – އެކަމަކު ފަރުވާތެރިވޭ!

ރާއްޖޭގެ ބާޒާރުގައި މިވަގުތު ހުރި ސްޓްރޯބެރީ ތަކުގެ ފޮޓޯއެއް.

ރާއްޖޭގައި ސްޓްރޯބެރީ އާއްމުކޮށް ނުހެއްދި ކަމުގައިވިޔަސް މާލޭގެ ބާޒާރުން ސްޓްރޯބެރީ ދުވަހަކު ވެސް ނުފެންނަހާ ގިނައިން ފެންނަތާ ދެތިން ހަފުތާއެއްހާ ދުވަސް ވެއްޖެއެވެ. އަދި އަގުވެސް ދުވަހަކު ނުލިބޭހާ ހެވެވެ. ކުރިން 80 ރުފިއާއަށް ލިބޭ ވަރުގެ ތައްޓެއް މިހާރު 20 ރުފިޔާ 25 ރުފިޔާއަށް ލިބެން ހުންނަތާ މިހާރު މަހެއް ހާދުވަސް ވަނީއެވެ. އެންމެ ފުރަތަމަ ބާޒާރަށް ނެރުނު ދުވަހު އަތުފަތު ނުޖެހި ވިކި، އެދުވަހު ނެރުނުބައި އެއްކޮށް ހުސްވިއެވެ. ނަމަވެސް އަދި އެއީ އެއްކޮށް ހުސްވީ ނޫންކަން އެނގުނީ އެދުވަހު ވިއްކި ފިހާރައިގެ ސޭޓު މާދަމާ އަދި މިއަށް ވުރެ ގިނައިން ނެރޭނެ ކަމަށް ބުނެ ޖެހިގެން އައި ދުވަސްތަކުގައި ވެސް ހަމަ އެއަގުގައި ލިބެން ހުރުމުންނެވެ.

ރާއްޖޭގެ ބާޒާރުގައި މިދުވަސްވަރު ލިބެން ހުރި މިސްރުގެ ސްޓްރޯބެރީ ކަމަށް ވެއެވެ.

ނަމަވެސް މިހާރު މާ ކަންބޮޑުވާ ޚަބަރުތަކެއް ސްޓްރޯބެރީ އާއި ގުޅޭ ގޮތުން އަންނަނީ ފެތުރެމުން ނެވެ. މިއަހަރު ސެޕްޓެމްބަރު 8 ގައި އެމެރިކާގެ ސެންޓަރ ފޯ ޑިޒީސް ކޮންޓްރޯލް އާއި ފުޑްއެންޑް ޑްރަގް އޮތޯރިޓީން އާއްމުކޮށްފައިވާ ބަޔާނަކާއި ހަވާލާދީ ފެތުރެމުން ދާ ޚަބަރު ތަކެކެވެ.

މި ޚަބަރުތައް ބުނާ ގޮތުން މިސްރުން އެމެރިކާ އަށް އެތެރެ ކުރި ފްރޯޒެން (ގަނޑުކޮށްފައިވާ) ސްރޯބެރީ ބޭނުންކޮށްގެން ހަދާފައިވާ ސްމޫތީ ތަކަކުން ހެޕަޓައިޓްސް އޭ ގެ އަސަރު ވަނީ ފެނިފައެވެ.

ހެޕަޓައިޓްސް އޭ އަށް ޕޮޒިޓިވް ވި 39 މީހަކު ހޮސްޕިޓަލުގައި އެޑުމިޓު ކުރެވުނު ކަމާށާއި އަދި މިބަލީގެ އަސަރު އެމެރިކާގެ 7 ސްޓޭޓަކުން 89 މީހެއްގެ ގައިން ފެނިފައިވާ ކަމަށް، ކަމާބެހޭ އިދާރާތަކުން ވަނީ ހާމަކޮށްފައެވެ. މިބަލީގެ އަލާމާތް ފެނުމުން، މިކަމުގެ އަސްލު ހޯދަން މަސައްކަތް ކުރި ތަހުލީލު ޓީމަށް ފާހަނގަކުރެވިފައި ވަނީ މިބަލީގެ އަސަރު ފެނިފައިވަނީ ހަމައެކަނި، އެމެރިކާގައި ސްމޫތީ ވިއްކާ “ޓްރޮޕިކަލް ސްމޫތީ ކެފޭ” ގެ ސްޓްރޯބެރި ސްމޫތީ އޮގަސްޓް 8ގެ ކުރިން ބޭނުންކުރި މީހުންގެ ގައިން ކަމަށެވެ. ހެޕަޓައިޓްސް އޭ ގެ އަސަރު ހުރި އެންމެން ވެސް ވަނީ އެސްމޫތީ ބޭނުންކޮށްފައި ކަމަށް ވެއެވެ.

މިބަލީގެ އަސަރު ކުއްލިއަކަށް ގިނަބައެއްގެ ގައިން ފެނުމާއި ގުޅިގެން ތަހުލީލު ޓީމުން ނިންމީ ހެޕެޓައިޓްސް އޭ ގެ އަސަރު ފެނިފައި ވަނީ މިސްރުން އިމްޕޯރޓްކުރި ގަނޑު ކުރި ސްޓްރޯބެރީން ކަމަށެވެ. މި ނިންމުމާއެކު ޓްރޮޕިކަލް ސްމޫތީ ކެފޭއިން ވަނީ މިސްރުން އެތެރެކުރި ސްޓްރޯބެރީތައް ނައްތާލައި އެހެން ގައުމެއްގެ ސްޓްރޯބެރީ ބޭނުން ކުރަން ފަށާފައިކަމަށް ވަނީ ހާމަކޮށްފައެވެ.

ވުމާއެކު ރާއްޖޭގެ ބާޒާރުގައި މިހާރު ހުރި ސްޓްރޯބެރީއާއި މެދުވެސް ވިސްނާލުމަކީ މުހިންމު ކަމެކެވެ. ކުއްލިއަކަށް ބޮޑުތަން އަގު ހެޔޮވުމަކީވެސް މިމަގުން ވިސްނާލުމަށް ލިބޭ ސިގުނަލަކަށް ވެދާނެއެވެ. ރާއްޖޭގެ ފުޑް އެންޑް ޑްރަގު އޮތޯރިޓީން މި ސްޓްރޯބެރީ ޓެސްޓް ކުރެވިފައިވާ ކަން އެނގޭކަން ނެތެވެ. ކަމާބެހޭ ރާއްޖޭގެ އިދާރާތަކުން ވެސް އަވަހަށް މިސްރުގެ މިސްޓްރޯބެރީތައް ޓެސްޓްކޮށް ބޭނުންކުރާ މީހުންނަށް ޔަގީންކަން ދިނުމަކީ މުހިންމު ކަމެކެވެ.

ރާއްޖޭގެ މާރުކޭޓުގައި ހުރި ސްޓްރޯބެރީއާއި އެމެރިކާގައި ފާހަނގަކުރެވުނު ސްޓްރޯބެރީގެ އެއްގޮތް ކަމަކީ އެއްގައުމެއްގެ ސްޓްރޯބެރީއަށް ވުމެވެ. ނަމަވެސް ރާއްޖޭގެ މާރުކޭޓްގައި ހުރި ސްޓްރޯބެރީގެ ސަބަބުން އެއްވެސް މައްސަލައެއް ފާހަނގަކުރެވިގެން މިހަތަނަށް ރިޕޯރޓު ކުރެވިފައެއް ނެތެވެ. ގަންނަ މީހުން ބުނަނީ ކުރިން ލިބޭ ސްޓްރޯބެރީއަށް ވުރެ މިދުވަސްކޮޅު ލިބެން ހުރި ސްޓްރޯބެރީ މާބޮޑުތަން ވެސް ތާޒާކަމަށެވެ.

ހެޕެޓައިޓްސް އޭގެ އަލާމަތްތައް

ހެޕެޓައިޓްސް އޭ އަކީ ފުރަމެ (ލިވަރ)އަށް ޖެހޭ ސީރިއަސް ބައްޔެކެވެ. މިބަލީގެ އަލާމަތްތަކުގެ ތެރޭގައި ލޮލާއި ހަންގަނަޑު ރީނދޫ ވުން، ބަނޑުގައި ރިއްސުން ނުވަތަ ބޮޑުކަމުދާ ތަކެތީގެ ކުލަ ފަނޑުވުން ހިމެނެއެވެ. ހެޕެޓައިޓްސް އޭ ގެ މި އަލާމާތްތައް ފެނުމަށް 10 ދުވަހާއި 50 ދުވަހުގެ މުއްދަތެއް ނަގާ ކަމަށް ވެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !