A wide advertisement which will be shown on all devices. (700 x 100)

ލަސްކުރެވިފައިވާ ލޯކަލް ކައުންސިލް އިންތިޚާބު އޭޕްރީލްގައި ބޭއްވޭނެ ބާ؟

އިލްކެޝަން ކަމިޝަނުގެ ރައީސާއި ނާއިބު ރައީސް (މ.) އަދި ބައެއް މުވައްޒަފުން. ފޮޓޯ އިލެކްޝަންކަމިޝަން

މި ޖެނުއަރީ މަހު 15ގައި ބޭއްވުމަށް އިއުލާން ކުރެވުނު ލޯކަލް ކައުންސިލް އިންތިޚާބު އަންނަ އޭޕްރީލް މަހު ބޭއްވުމަށް އިލެކްޝަން ކަންކަމުގައި ގައުމީ ލަފާދޭ ކޮމެޓީގައި މަޝްވަރާކޮށް ފިއެވެ. އަންނަ އެޕްރީލް މަހު ފުރަތަމަ ހަފުތާ ތެރޭގައި އިންތިޚާބު ބޭއްވުމަށް އިލެކްޝަން ކަމިޝަނުން ޓައިމްލައިނެއް ހަދައި ގައުމީ ލަފާދެ ކޮމެޓީގައި މަޝްވަރާ ކުރެވުނު ކަމަށް ސިޔާސީ ޕާޓީތަކުގެ މަންދޫބުންނާއި ހަވާލާދީ މިޑިއާތަކުން ހާމަކުރެއެވެ.

ނަމަވެސް އެބައްދަލުވުމުގައި ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމާއި ސަރުކާރުގެ ކޯލިޝަން ބައިވެރިޔާ އެމްޑީއޭ އިން ބައިވެރިވަފައެއް ނުވެއެވެ. މިދެޕާޓީ ފިޔަވައި ދެން ހުރި ސިޔާސީ ޕާޓީ ތަކުން އިލެކްޝަން ކަމިޝަނުގެ ހުށަހެޅުމާއި އެއްގޮތަށް ލޯކަލް ކައުންސިލް އިންތިޚާބު ބާއްވަން ތާއިދުކުރެއެވެ. މީގެ ކުރިން ބޭއްވުނު އެކޮމިޓީގެ ބައްދަލުވުން ތަކުން ވެސް ހާމަވެގެން ގޮސްފައިވަނީ ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޕާޓީތައް ފިޔަވައި އެހެން ޕާޓީތަކުން އިންތިޚާބު އަވަސް ކުރުމަށް އެދޭ ކަމެވެ. އަދި ވިހާވެސް އަވަހަކަށް އިންތިޚާބު ބައްވައި ދިނުމަށް އެދި އެޕާޓީތަކުން އަންނަނީ ގޮވާލައި އަޑު އުފުލަމުންނެވެ.

ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރަން ޖެހުނީ ސިވިލް ކޯޓުން ދެމަސް ދުވަހަށް ލޯކަލް ކައުންސިލް އިނތިޚާބު ލަސްކުރަން ހުކުމް ކުރުމުންނެވެ. އެހުކުމް އައީ ތައްޔާރުނުވެވޭތީ، އިންތިޚާބު ލަސްކުރުމަށް ޕީޕީއެމްގެ ފަރާތުން ރައީސް ޔާމީނު ފެކްޝަނުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައަކާއި ގުޅިގެންނެވެ. އަދި އިލެކްޝަން ކޮމިޝަނުން އެމައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށް، ދުވަސްތަކެއްވެ ދިއުމަށް ފަހުން އެނގުނީ އެކޮމިޝަނުން ފުރިހަމަ ކުރަން ޖެހޭ ކަންތައްތަކެއް ފުރިހަމަ ކުރުމަށް ކޯޓުން އެންގުމުން އެކަންތައްތައް ފުރިހަމަކޮށްފައި ނުވަތީ މައްސަލަ ހައިކޯޓުން ބޭރުކުރި ކަމެވެ.

އެއާއިއެކު އިލެކްޝަން ކަމިޝަނުން ބުނަމުން އައީ ސިވިލް ކޯޓުގެ ހުކުމުގައި ސާފުނުވާ ކަންތަތަކެއް ހުރުމުން އެކަން ސާފުކުރުމަށް ހައިކޯޓަށް މައްސަލައެއް ލާފައި ވާކަމަށެވެ. އަދި އެމައްސަލަ ހައިކޯޓުން ބޭރުކޮށްލީ އިންތިޚާބާއި ގުޅޭ ޝަކުވާއެއް ކަމަށް ނުވާތީ އާއި، އެކަމަކީ އެކޯޓުގެ އިޚުތިސޯސުތެރޭގައި ސާފުކޮށް ދޭން ޖެހޭ ކަަމަށް ނުވާތީއެވެ.

މިހާރުގެ ޓައިމް ލައިނާއި އެއްގޮތަށް ލޯކަލް ކައުންސިލް އިންތިޚާބު އޭޕްރީލް ފުރަތަމަ ފަހުތާގައި (01 އޭޕްރީލްގައި) ބޭއްވުމާއި މެދު ސުވާލު އުފެދެނީ، ވެރިކަން ކުރާ ޕީީޕީއެމްގެ ބަސް އެކަމުގައި ނޭގޭތީއެވެ. މިދުވަސްވަރު ރާއްޖޭގެ ގިނަބަޔަކު ބުނަމުންދަނީ މިނިވަން މުއައްސަސާއަކަށް ވެސް ކޯޓުތަކަކަށް ވެސް ޕީޕީއެމްގެ ވިސްނުމާއި ދެކޮޅަށް ކަމެއް ނިންމަން ނުކެރޭނެ ކަމަށެވެ. އަދި ޕީޕީއެމުން އެދޭ ގޮތަށް ގިނަ މުއައްސަސާތަކާއި ކޯޓުތަކުން ވެސް ކަންތައް ނިމެމުން ދާކަށް ބުނެ، ގިނަ ފާޑުކިޔުންތަކެއް ކޯޓުތަކަށާއި އިލެކްޝަން ކޮމިޝަނަށް އަމާޒު ކުރަމުން ދެއެވެ.

މިފަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބުގައި މައިގަނޑުގޮތެއްގައި ވާދަކުރާނެ ކަމަށް ބެލެވެނީ ތިން ފަޅިއަކުންނެވެ. އެއީ އިދިކޮޅު އެމްޔޫއޯ ފަޅިއާއި، ޕީޕީއެމްގެ ސަރުކާރު ފަޅި އަދި ޕީޕީއެމްގެ ރައީސް، ރައީސް މައުމޫނު ފަޅިންނެވެ. ނޫންނަމަ އަމިއްލަ ކެންޑިޑޭޓުންގެ ފަޅިއޭ ވެސް ބުނެވިދާނެއެވެ.

އެމްޔޫއޯ ފަޅީގައި އިދިކޮޅު އެމްޑީޕީއާއި އަދާލަތު ޕާޓީ އަދި ނުފޫޒު ގަދަ މިނިވަން ބައެއް ފަރާތްތައް ހިމެނެއެވެ. ސަރުކާރު ފަޅީގައި ހިމެނެނީ ޕީޕީއެމްއިން ރައީސް ޔާމީންގެ ފަޅިއާއި، ސަރުކާރުގެ ކޯލިޝަން ޕާޓްނަރު އެމްޑީއޭގެ އިތުރުން ޑީއާރުޕީއެވެ. ޖުމްހޫރީ ޕާޓީން ވެސް އިންތިޚާބުގައި ވާދަކުރެއެވެ. ރައީސް މައުމޫނުގެ ފަޅިން ކުރިމަތިލާ މީހުން ކުރިމަތިލަނީ އަމިއިލަ ކެންޑިޑޭޓުންގެ ނަމުގައި ކަމަށް ވެއެވެ. އެހެނީ ޕީޕީއެމްގެ ރައީސް މައުމޫނަށް އެޕާޓީގެ އެއްވެސް ބާރެއް މިވަގުތު ލިބިފައި ނެތުމުންނެވެ. ސިޔާސީ ބާރެއް ކަމުގައި ބެލެވޭ ޖުމްހޫރީ ޕާޓީން މިއިންތިޚާބުގައި ލޮބީ ކުރަނީ މީގެތެރެއިން ކޮން ފަޅިއަކަށް ކަމެއް ސާފެއް ނުވެއެވެ.

އޮންލައިން ކިޔުންތެރިއަކު މިއަދު ހާމަކޮށްފައިވާ ގޮތުން އިލެކްޝަން ކޮމިޝަނަށް 2017ގެ އޭޕްރީލް މަހު ލޯކަލް ކައުންސިލް އިންތިޚާބު ނުބޭއްވިދާނެއެވެ. އެއީ ސިވިލް ކޯޓުގެ ހުކުމުގައި ވަނީ 2 މަސް ދުވަހަށް ލަސްކުރުން ކަމަށް ވެފައި، އިންތިޚާބު އިއުލާންކުރީ ޖެނުއަރީ 15ގައި ކަމަށްވެ، ދެމަސް ދުވަސް ހަމަވަނީ މާޗް 15އަށް ކަމަށް ވުމުނެވެ. އެހެންނޫނަމަ ކޯޓު ހުކުމާއި ޚިލާފުވި ކަމަށް ބަލައި ކޯޓުން އިލެކްޝަން ކަމިޝަން ކުށްވެރިވެ މެންބަރުން ޖަލަށް ލެވިދާނެއެވެ. މީގެ ކުރިންވެސް ކޯޓުން ވަނީ އިލެކްޝަން ކޮމިޝަނުގެ މެންބަރުން މަގާމުން ވަކިކޮށް ޖަލު ހުކުމް އިއްވާފައެވެ. ވީމާ މިފަހަރު ވެސް ޕީޕީއެމުން ނޭދޭނަމަ އެފަދަ ގޮތަކަށް ކަންތައްވެ ލޯކަލް ކައުންސިލް އިންތިޚާބު ނުބޭއްވި އިތުރަށް ގިނަ ދުވަސްތަކެއް ވެދާނެ ކަމަށް އެފަރާތުން ލަފާކޮށްފއި ވެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !