A wide advertisement which will be shown on all devices. (700 x 100)

ސީކެޕުން ފުވައްމުލަކު ދަނޑިމަގި ކިޅި ސާފުކޮށްފި

ސާފުކުރުމުގެ ހަރަކާތް ކުރިއަށް ގެންދަނީ. ފޮޓޯ: ސީކެޕް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އިން ފުވައްމުލަކުގައި ކުރިއަށްގެންދާ ކްލައިމެޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓް (ސީކެޕް)ގެ ފަރާތުން ފުވައްމުލަކު ދަނޑިމަގު ކިޅި ސާފުކުރުމަށް އިވެންޓެއް ކުރިއަށްގެންގޮސްފިއެވެ.

ކްލައިމެޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓް (ސީކެޕް)ގެ އޮފިޝަލަކު ވިދާޅުވީ މިއިވެންޓް ކުރިއަށް ގެންދިޔައީ މިދިޔަ ބުރާސްފަތި ދުވަހުގެ ހަވީރު 16:00 އިން 18:00 އަށެވެ. ފުވައްމުލަކު ދަނޑިމަގި ކިޅި ސާފުކުރުމަށް ހިންގި މިޙަރަކާތުގެ މައިގަނޑު މަޤްސަދަކީ ފުވައްމުލަކުގެ ރައްޔިތުންނާއި ފުވައްމުލަކަށް ޒިޔާރަތްކުރާ ފަރާތްތަކުން އެންމެ ގިނައިން ބޭނުންކުރާ، ރަށުގެ އެންމެ ރީތި އެއް މަންޒިލެއް ކަމުގައިވާ ދަނޑިމަގި ކިޅި ސާފުތާޙިރު ތަނެއްގެ ގޮތުގައި ބޭއްވުމެވެ. މިއިވެންޓްގައި ކިޅިއަށް ވަންނަން އޮންނަ މަގާއި، ކިޅިގެ އަރިމަތި، ކިޅިގެ އެތެރެ އަދި ކިޅި އާއި ރިކްލެއިމް ރޯޑާއި ދެމެދު ގައި ހުރި ކުނި ވަނީ ނަގާ ސާފުކޮށްފައިވެއެވެ.

“މިފަހަރުގެ އިވެންޓްގައި މައިގަނޑުގޮތެއްގައި ކުނީގެ ގޮތުގައި ނެގިފައިވަނީ ޕްލާސްޓިކް ކޮތަޅު، ޕްލާސްޓިކް ޕެކެޓް، އެނަރޖީ ޑްރިންކްސް ދަޅު އަދި ޕްލާސްޓިކް ފުޅި ފަދަ ތަކެތި” އޮފިޝަލް ވިދާޅުވިއެވެ

މިއިވެންޓް ފެށުމުގެ ގޮތުން ވާހަކަ ދައްކަވަމުން ސީކެޕުގެ ފުވައްމުލަކު ޕްރޮޓެކްޓެޑް އޭރިއާ މެނޭޖްމަންޓް ޔުނިޓްގެ ކޮންޒަވޭޝަން އޮފިސަރ އައިޝަތު އަޖުފާން ޖަވާދު ވިދާޅުވީ ފުވައްމުލަކުގެ މިފަދަ ހިތްގައިމު ރީތި ތަންތަނާއި އަދި ޙާއްސަކޮށް ރަށާއި، ރަށުން ބޭރު އަދި ރާއްޖެއިން ބޭރުން އަންނަ ގިނަ ބަޔަކު ބޭނުންކުރާ އަދި ޒިޔާރަތްކުރާ މިފަދަ ތަންތަނަކީ ސާފު އަދި ރީތި ތަނެއްގެ ގޮތުގައި ބެލެހެއްޓުމަކީ އަޅުގަނޑުމެން އެންމެންގެ ވެސް ޒިންމާއެއްކަމަށެވެ.

“މިފަދަ ތަންތަން ސާފު އަދި ރީތި ތަނެއްގެ ގޮތުގައި އޮތުމުން މިކަމުގެ ހުރިހާ ޝުކުރަކާއި، ފަޙުރެއް އަދި ޝަރަފު ލިބޭނީ ހަމަ ފުވައްމުލަކުގެ ރައްޔިތުންނަށް ކަމަށާއި އަދި ބޭނުންކުރާ ދަޅާއި، ފުޅި އަދި އެހެނިހެން ސާމާނުތަކުގެ ކުނި އެތަންތަނުގައި ބަހައްޓާފައިވާ ޑަސްބިންތަކަށް އެޅުމަށް ނުވަތަ އަނބުރާ ގެންދިއުމަށް އަޅުގަނޑުމެން އާދަކުރަންޖެހޭކަމެއް” އަޖުފާން ވިދާޅުވިއެވެ.

މިއިވެންޓްގައި ސީކެޕް ޓީމުގެ ފުވައްމުލަކުގައި މަސައްކަތްކުރާ ފަރާތްތަކާއި ސީކެޕް ވޮލެންޓިއަރ ގްރޫޕުގެ މެމްބަރުން ވަނީ ބައިވެރިވެފައެވެ. އަދި ޙާއްސަ ގޮތެއްގައި ފުވައްމުލަކުގައި ހީވާގިކަމާއިއެކު ޙަރަކާތްތެރިވާ ޖީ.އެން ވޮލަންޓިއަރސްގެ ފަރާތުން ޢަމަލީ ގޮތުން ބައިވެރިވެ ދަނޑިމަގި ކިޅި ސާފުކުރުމުގެ މިމަސައްކަތުގައި ވަނީ ވަރަށް ބުރަކޮށް މަސައްކަތްކޮށްފައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !