30 އެޕްރީލް 2017 (އާދީއްތަ)


ހަލުއި ސްޕީޑެއްގައި ވައިރަލް ހުން ފެތުރެނީ

HINI މިބައްޔަށް ދިވެހި ބަހުން 'ހިނި' ރޯގާ ކިޔުން ކިހިނެތް ވަނީ؟

HINI މިބައްޔަށް ދިވެހި ބަހުން 'ހިނި' ރޯގާ ކިޔުން ކިހިނެތް ވަނީ؟

މިދުވަސްކޮޅު ރާއްޖޭގައި ހަލުއިކަމާއެކު ހުމުގެ ރޯގާއެއްކަމަށްވާ ސްވައިން ފްލޫ ފެތުރެމުން އެބަދެއެވެ. މާލޭ ސަރަހައްދުގެ ހޮސްޕިޓަލްތަކަށް ބާރުބޮޑުވެ، 'ފްލޫ' އަށް ޚާއްސަ ކްލިނިކް ތަކެއް ވެސް ހޮސްޕިޓަލްތަކުގައި ވަނީ ގާއިމުކޮށްފައެވެ. ފުވަމްއުލަކުގައި ވެސް މިބަލި ފެތުރެމުން އެބަދެއެވެ. ފުުވައްމުލަކު ހޮސްޕިޓަލުގެ ކުޑަކުދިންގެ ވޯޑްގެ ބެޑްތައް ފުރިފައި ވާކަމަށް މައުލޫމާތު ލިބެއެވެ.

ނަމަވެސް ނިސްބަތުން ފުވައްމުލަކުގައި ހުމުގެ މިރޯގާ ފެތުރޭ މިންވަރު ކުޑަކަމަށް ވެއެވެ. މާލޭގެ ބައެއް ޕްރީސްކޫލްތަކުގެ ކްލާސްތައް ވެސް ވަނީ މި ހަފުތާއިން ފެށިގެން ކުރިޔަށް އޮތް ސްކޫލް މިޑްޓާރމް ބްރޭކް ހަފުތާ ނިމެންދެން ބަންދުކޮށްފައެވެ. މާލޭ އައިޖީއެމްއެޗުގެ ކުޑަކުދިންގެ ކުޅޭ ސަރަހައްދު ވަގުތީ ގޮތުން ބަންދުކޮށް، ކުޑަކުދިން ބަލިމީހުންނަށް ޒިޔާރަތް ކުރުން މިހާރު ވަނީ މަނާކޮށްފައެވެ.

މިއާއި ގުޅިގެން ސިއްޙީދާއިރާގެ މާހިރުން ސޯޝަލް މީޑީއާ މެދުވަރިކޮށް އާއްމުންގެ ހޭލުންތެރިކަން އިތުރު ކުރުމަށް ޓްވީޓްތަކާއި ފޭސްބުކް ޕޯސްޓްތައް ކުރުން އިތުރުވެފައި ވެއެވެ. އަދި ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ވަނީ ފްލޫ އެލާރޓް ވެސް ނެރެފައެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އާއްމުކޮށްފައިވަ ބަޔާނުގައި ވާގޮތުން މިހާރު ފެތުރެމުންދާ ރޯގާއަކީ ނޭވާލުމުގެ ނިޒާމަށް ޖެހޭ ރޯގާއެކެވެ. މިއީ ސްވައިން ފްލޫ ނުވަތަ އެޗްވަންއެންވަން (ހިނި) ގެ މޫސުމީ ރޯގާއެކެވެ. މިބަލީގެ އަސްލު ފުރަތަމަ ފެނިފައި ވަނީ އޫރުގެ ހަށިގަނޑުންނެވެ. 

މިރޯގާ ފުރަތަމަ 2009 ގައި ރާއްޖެއިން ތަޖުރިބާކުރި ވަރަށް ވުރެ ނުރައްކާތެރިކަމުގެ މިންވަރު މިހާރު ވަރަށް ބޮޑުތަން ކުޑަވެފައި ވާކަމަށް ކަމާބެހޭ މާހިރުން ހާމަކުރައްވައެވެ. އެއިގެ ސަބަބެއް ކަމަށް އެފަރާތްތަކުން ހާމަކުރައްވާފައި ވަނީ ގިނަބައެއްގެ ދިފާއީ ނިޒާމު މިރޯގާއަށް ތައްޔާރުވެފައި ވުމުން ކަމަށެވެ.

އަދި މިރޯގާގެ އަސަރު ބޮޑަށް ކުރާނީ 12 އަހަރުން ދަށުގެ ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ނޭވާލާ ނިޒާމުގެ ބަލިތަކުގެ މީހުންނަށްކަމަށެވެ.

ބައެއް އާއިލީ ޑޮކްޓަރުން ނަސޭހަތްތެރި ވަނީ މި ދުވަސްކޮޅު ކުޑަކުދިން އެހެން މީހުންނާއި އަތާއި އަތްޖޯޑުކޮށް ސަލާމް ނުކުރުމަށެވެ. އަދި މިބަލީގެ ނުރައްކާ އެހާ ބޮޑު ނޫންކަމަށާއި، ދުވަސްކޮޅަކުން މީގެ އަސަރު ފޮހެވިގެން ދިއުމުގެ ފުރުސަތު ބޮޑުކަމަށެވެ.

މިބައްޔަށް ރައްކާތެރިވުމުގެ ގޮތުން ގިނަގިނައިން ސައިބޯނި ލައިގެން އަތް ރަނގަޅަށް ދޮވުންމާއި ބަލި މީހުން ކެއްސާ ކިނބިހި އަޅާއިރު ޓިޝޫ ފަދަތަކެތި ބޭނުން ކުރުމަށްފަހު އަވަހަށް ޑަސްބިނަށް ލުމަށް ކަމާގުޅޭ ފަރާތްތަކުން އިލްތިމާސުކުރެއެވެ. ބަރާބަރަށް ކެއުމާއި ގިނައިން ދިޔާތަކެތި ބޭނުންކުރުމަށް ވެސް އިލްތިމާސްކުރެއެވެ.

މިބަލި ޖެހުމުން ހަށިގަނޑުގެ ވަރުދެރަވެ ހުން އައުމާއި، ބޮލުގައި ރިއްސުން ހިމެނެއެވެ. މިބައްޔަށް ޚާއްސަ ވެކްސިނެއް ތައްޔާރު ކުރެވި ބޭނުންކުރަން ވަނީ ފަށާފައެވެ.

ކިޔުންތެރިންގެ ޚިޔާލު

ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!

މިލިޔުމަށް ޚިޔާލެއް ލިބިފައި ނެތް!