A wide advertisement which will be shown on all devices. (700 x 100)

ލޯކަލް ކައުންސިލް އިންތިޚާބު 3 ވަނަ ފަހަރަށް ފަސްކޮށްފި

ރޭގައި ބޭއްވި އިލެކްޝަން ކޮމިޝަނަށް ލަފާދޭ ގައުމީ ކޮމިޓީގެ ބައްދަލުވުން ކުރިޔަށް ދަނީ. ފޮޓޯ: ތޮލާލު

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު ގެ ދަށުން މިއަހަރު ޖެނުއަރީ މަހު 14ގައި ބާއްވަން ޖެހޭ އިންތިޚާބު 3 ވަނަ ފަހަރަށް އިލެކްޝަން ކޮމިޝަނުން ރޭ ފަސް ކޮށްފިއެވެ. މިފަހަރު އިންތިާޚބު ފަސްކުރީ މިދުވަސްވަރު ރާއްޖޭގައި އުޅޭ ސްވައިން ފުްލޫއާއި ގުޅިގެން ކަމަށް އިލެކްޝަން ކަމިޝަނުން ހާމަކުރިއެވެ.

ނަމަވެސް އިލެކްޝަން ކޮމިޝަނަށް ލަފާދޭ ގާއުމީ ކޮމިޓީގައި ހިމެނޭ ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ބުނަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީން ފޮނުވާފައިވާ ސިޓީގައި އިލެކްޝަން ލަސް ކުރަން ބުނެފައިނުވާ ކަމަށާއި، ސްވައިން ފްލޫ އެލާރޓް ލެވެލް އެޗްޕީއޭ އިން ބަދަލުކޮށްފައި ނުވާ ކަމަށެވެ. މިހާރުވެސް ހުރީ ލެވެލް 3 ގައި ކަމަށާއި އެއީ ޓެކްނިކަލް ގޮތުން ކޮންޓްރޯލް ކުރެވޭ ލެވެލްއެއް ކަމަށާއި، އިލެކްޝަން ފަދަ ކަންކަން ހުއްޓާލާވަރުގެ ލެވެލް އެއް ނޫންކަމަށެވެ. އަދި މިހާރު ހުމުގައި ޑޮކްޓަރަށް ދައްކާ ގިނަ ފަރާތްތަކަކީ އާއްމު ރޯގާގެ ބަލިތަކަށް ޑޮކްޓަރަށް ދައްކާ މީހުންކަމަށް ކަމާ ގުޅޭ އިސް ޑޮކްޓަރުން ހާމަކޮށްފައިވާ ކަމަށެވެ.

އިދިކޮޅު ފަރާތްތަކުގެ ދެކޮޅު ހެދުމާއެކު ވެސް އިލެކްޝަނުން ނިންމާފައި ވަނީ ލޯކަލް ކައުންސިލް މޭ މަހު 6 އަށް ލަސްކުރުމަށެވެ. މީއީ މިއިންތިޚާބު ލަސްކުރި 3 ވަނަ ފަހަރެވެ. އެންމެ ފުރަތަމަ ލަސްކުރީ ވެރިކަންކުރާ ޕީޕީއެމްގެ ތެރޭގައި އޮތް ދެބަސްވުންތަކާއި ގުޅިގެން ޕީޕީއެމަށް އިންތިޚާބަށް ތައްޔާރު ނުވާކަމަށް ބުނެ ސިވިލް ކޯޓު މެދުވެރިކޮށެވެ. އެފަހަރުވެސް އިދިކޮޅު ފަރޓީތަކުން ބުނެފައި ވަނީ އެއީ ސިވިލްކޯޓަށް ލިބިގެންވާ ބާއްރެއް ނޫން ކަމަށައި، އެއްބަޔަކަށް ތައްޔާރު ނުވެވިގެން އިންތިޚާބު ލަސްކުރުމަކީ ޑިމޮކްރަސީގައި އެއްވެސް ތަނެއްގައި ކަންކަން ކޮށްއުޅޭ އުސޫލެއް ނޫންކަމަށެވެ. އިންތިޚާބީ މައްސަލަތައްކުގެ ފުރަތަމަ މަރުހަލާ ވެސް ފެށެނީ ހައިކޯޓުން ކަމަށެވެ. އަދި ދެވަނަ ފަހަރަށް އިންތިޚާބު އިއުލާން ކުރީވެސް މަކަރުވެރި ގޮތަކަށް، މުޅިން އާ އިންތިޚާބެއްގެ ގޮތުގައި، އާއްމު އުސޫލުތަކާއި ޚިލާފަށް ކަމަށް އިދިކޮޅު ފަރާތްތަކުން ދިޔައީ ބުނަމުންނެވެ. އަދި އެ އިއުލާން ކުރުމުގައި ކޯޓު އަމުރާއި ޚިލާފު ކަންތައްތަކެއް ވެސް ހުރިކަމަށެވެ.

ދެވަނަ ފަހަރު އިންތިޚާބު ލަސްކުރީ ގައުމީ މިފަދަ ކަމަކަށް ދައުލަތުގެ ސްކޫލްތައް ނުލިބޭ ކަމަށް ބުނެއެވެ. އެކަން ވެސް ބަލައިގަތުމަށް ގިނަބަޔަކަށް އުނދަގޫވިއެވެ. އެއީ ގާނޫއު އަސާސީގައި ވަކި މުއްދަތެއްގައި ބާއްވަން ކަނޑައޅާފައިވާ އިންތިޚާބެއް، ސްކޫލް ބަންދު ދުވަހަކު ބާއްވަން ނިންމާފައި ތައްޔާރީތައް ކުރިޔަށް ކުރިޔަށް ދަނިކޮށް ކުއްލިއކަށް ސްކޫލްތައް ނުލިބޭ ކަމަށް ބުނެ އިންތިޚާބު ލަސްކުރުމުންނެވެ.

މިހުރިހާ ލަސްވުންތަކަކީ އާއްމުންގެ ގިނަ ބަޔަކަށް ބޮޑެތި ތަކުލީފުތަކެއް ކުރިމަތި ވާނެ ކަންކަމެވެ. އެހެނީ ލޯކަލް ކައުންސިލް އިންތިޚާބަކީ އާއްމު ރައްޔިތުންގެ ބައިވެރިވުން އެންމެ ފުޅާ ދާއިރާއެއްގައި އޮންނަ އިންތިޚާބަށް ވުމެވެ. އަދި އެންމެ ގިނަ ކެންޑިޑޭޓުން، އެންމެ ގިނަ ސަރަހައްދުތަކުން ބައިވެރިވާ އިންތިޚާބަށް ވުމެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން މި އިންތިޚާބަށް ތައްޔާރުވަމުން އައުމާއި، އެކަމާއި ގުޅިގެން ގިނަ އާއިލާތަކަކުން އާއްމު ދިރިއުޅުމުގެ އެތައްކަމެއް ލަސްކުރަމުން އަންނަނީ އިންތިޚާބުގެ ތާރީޚާއި ގުޅުވައިގެންނެކަމަށް ވުމެވެ. މިއާއެކު ގައުމުގެ ތަރައްގީގެ އެއްތަށް މަސައްކަތެއް، ކޮންމެ ފަރުދެއްގެ ފަރާތުންވެސް ލަސްވެ އަގުވަޒަން ނުކުރެވޭ އެތައް ގެއްލުމެއް މިގައުމުން އަންނަނީ ތަހައްމަލު ކުރަމުންނެވެ. މިކަން އިލެކްޝަން ކޮމިޝަނަށްވަޒަން ނުކުރެވެނީ ބާވައެވެ؟ ނޫނީ ހަތެރެސްފައި ބަނދެވިފައި ވަނީ ހެއްޔެވެ؟ 

އިދިކޮޅު ފަރާތްތަކުން ގޮވަމުން އަންނަނީ މހުރިހާ ލަސްކުރުންތަކެއްގެ ވެސް އަސަލަކީ އެއްކަމެއް ކަމަށެވެ. އެއީ ވެރިކަންކުރާ ޕީޕީއެމަށް އިންތިޚާބުު ކާމިޔާބު ނުކުރެވޭނެތީ އިތުރު ގޮތްތައް ހޯދުމަށް ‘އަޑިން’ ހިންގާ ނޭދެވޭ އަމަލުތަކެއް ކަމަށެވެ. 

މިގޮތަށް ރާއްޖެގައި ފުރަތަމަ އިންިތިޚާބެއް ލަސްކުރީ 2013ގެ ރިޔާސީ އިންތިޚާބެވެ. އެފަހަރު އިންތިޚާބު ލަސްކުރީ ސްޕްރީމް ކޯޓު މެދުވެރިކޮށެވެ. އަހަމ އެފަހަރު ދެވަނަ ލަސްވުމެއް އައީ މޯލްޑިވްސް ޕޮލިސް ސާވިސްގެ ބައެއް ފުލުހުންގެ ސަބަބުން ކަމަށް ފަހުން ވަނީ ކަމާއިގުޅޭ މުއައްސަސާތަކުން ނިންމާފައެވެ. އަދި އާދައިގެ ފުލުހުންގެ މީހަކު އެމައްސަޅާގައި ކުށްވެރިވާކަން ވެސް ވަނީ ހާމަކޮށްފައެވެ. އެކަމަކު އާއްމު ވިސްނުމުން އެންމެ ފުލުހުންގެ މީހަކާހެދި ރާއްޖޭގެ ގާނޫނު އަސާސީ ލާޒިމުކުރާ އިންތިޚާބެއް ލަސްވާނެ ކަމަށް ގަބޫލުކުރުމަކީ މޮޔަކަމެކެވެ.

މިފަހަރުގެ އިންތިޚާބު ލަސްކުރުމުގެ ނަމުގައި ރޭ ބޭއްވި އިލެކްޝަނަނަށް ލަފާދޭ ކޮމެޓީގެ ޖަލްސާ ކުރިޔަށް ދަނިކޮށް، އިލެކްޝަން ކަމިޝަނުން ވަނީ ވަކިން ނޫސް ކޮންފަރެންސެއް ބާއްވައި އިންތިޚާބު ލަސްކުރި ކަން ހާމަކޮށްފައެވެ. މިއީ ވެސް އިދިކޮޅު ފަރާތްތަކުގެ ތުހުމަތުތައް އިލެކްޝަން ކޮމިޝަނުގެ މައްޗަށާއި ސަރުކާރުގެ މައްޗަސް އިތުރުވެގެންދިޔަ އެއްކަމެވެ. އެމީހުން ތުހުމަތުކޮށްފައި ވަނީ ގައުމީ ލަފާދޭކޮމެޓީގެ ބައްދަލުވުމުގެ ކލުރިންވެސް އިލެކްޝަނާއި ސަރުކާރުން ގުޅިގެން ވަނީ އިލްޝަން ފަސްކުރަމަށް ނިންމާފައި ކަމަށެވެެ. އަދި މިކަމުގައި ހިއުމަން ރައިޓްސް ކަމިޝަން އޮފް މާލްޑިވްސްގެ އަތެއް ވެސް ވާކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !