17 ނޮވެމްބަރ 2018 ( ހޮނިހިރު )

banner

މަސީހުގެ އިތުބާރު އޮތްކަމަށް މިއަދު ފާސްވީ 48 ވޯޓުން.

މަޖުލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތްކަމަށް ފާހެއް ނުވި

ރައްޔިތުންގެ މަޖުލީހުގެ ރައީސް، އަދި ފުވައްމުލަކު ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖުލީހުގެ މެންބަރު އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ހުށަހަޅައިގެން މިއަދު މަޖުލީހުގައި ނެގި ވޯޓުން 48 ވޯޓާއެކު މަސީހުއަށް އިތުބާރު އޮތްކަމަށް ފާސްކޮށްފިއެވެ.

ޕީޕީއެމްގެ ފައުންޑަރ މެންބަރު، އަދި މަޖުލީހުގެ ދިއްގަރު ދާއިރާގެ މެންބަރު ފާރިޝް މައުމޫނު އިސްވެ ހުންނަވައިގެން މަޖުލީހަށް ވެއްދި މައްސަލަ ކާމިޔާބު ވާނެކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުން ދިޔައީ ވަރަށް އިތުބާރާއެކު އެވެ. ނަމަވެސް މިއަދު ބޭއްވުނު މަޖުލިސް ޖަލްސާގައި މުޅިން އަލަށް “ރޯލް ކޯލް” ވޯޓުގެ އުސޫލުން ވޯޓުނަގަން ސަރުކާރު ޕާޓީން ހަށަހަޅއި ފާސްކުރިއެވެ. އެއިގެ ފަހުން އިދިކޮޅު މެންބަރުންގެ ދެކޮޅުހެދުމުގެ ސަބަބުން ވޯޓު ނުނެގި ލަސްވެގެން ދިޔައެވެ.

އެންމެ ފަހުން ރިޔާސަތުން ނާއިބު ރައީސް ރީކޯ މޫސާ މަނިކު ވަނީ އިދިކޮޅު 13 މެންބަރަކު ނަންއިއްވައި ގަދަކަމުން މަޖުލީހުގެ ޗެމްބަރުން ނެރެފައެވެ. އަދި ހަމައެކަނި ސަރުކާރަށް ތާއިދުކުރާ މެންބަރުންގެ ހާޒިރުގައި ވަކިވަކިން ކޮންމެ މެންބަރެއް ކައިރީގައި ވޯޓަށް އަހައިގެން، ވޯޓުލާ ނިންމާލީއެވެ.

ސަރުކާރަށް ތާއިދުކުރާ ފަރާތްތަކުން މިއީ ބޮޑު ކާމިޔާބީއެއް ކަމަށް ބަލާއިރު އިދިކޮޅު ފަރާތްތަކުން ބުނަނީ މިއަދުގެ ޖަލްސާގައި ކަންތައްތައް ދިޔައި މުޅިންވެސް މަޖުލީހުގެ ގަވާއިދާއި ޚިލާފަށް ކަމަށާއި، މިއަދު ވޯޓަށް އެހި ގޮތް ބަލައިނުގަންނަ ކަމަށެވެ. އަދި ވަރަށް އަވަހަށް އަލުން މަޖުލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް އަލުން ހުށަހަޅާނެ ކަމަށެވެ. މިއަދުގެ ވޯޓު އެގޮތަށް ގެނދިޔުމުން އެއީ ނާކާމީޔާބީއެއް ކަމުގަިއ ބަލައި ނުގަންނަ ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން އެންމެ ބޮޑަށް ފާހަގަކުރަނީ، މަޖުލީހުގެ ގައިވާއިދުގައި ސާފުކޮށް، މަޖުލީހުގެ ވޯޓިން ސިސްޓަމުން ވޯޓު ނަގަން ޖެހޭނެ ކަމަށް ބުނާއިރު އެގޮތަށް ވޯޓަށް ނޭހުމަކީ މަޖުލީހުގެ ގަވާއިދާއި ޚިލާފު ބާތިލް ނިންމުމެއް ކަމަށް ބުނެއެވެ.

ދެވަނައަށް ފާހަގަކުރަނީ “ރޯލް ކޯލް” ވޯޓަށް ފާސްކުރީ މަޖުލީހުގެ ވޯޓިން ސިސްޓަމަށް އިތުބާރުކޮށްގެން ކަމަށް ވެފައި، އެއީ މައްސަލަ ޖެހިފައި ހުރި ސިސްޓަމެއް ކަމަށް ސަރުކާރުގެ ޕާޓީގެ ފަރާތުން ވެސް ބުނެފައިވާއިރު އެފަދަ ސިސްޓަމަކުން ނަގާ ވޯޓަކީ އެއިގެ މައްޗަށް އެހެން ކަމެއްގެ ބާރު ލިބިދެވޭނޭ ކަމެއް ނޫންނެވެ. އެހެނީ އެއީ މައްސަލަ ޖެހިފައިވާ ސިސްޓަމަކުން ސައްހަ ނަތީޖާ އެއް ލިބޭނެ ކަމަށް ބަލައި ނުގަނެވޭނެތީ ކަމަށެވެ.

ކޮންމެއަކަސް މިއަދު، މަޖުލީހުން އެއޮތީ މަސީހުގެ އިތުބާރު އޮތްކަމަށް ފާސްކޮށްފައެވެ. އަދި އެކަން މަޖުލީހުން ބަލައިގެންފައެވެ. އަދި ކުރިއަށް ހުރި ޖަލްސާތަކުގައި ރިޔާސަތުގައި އިންނަވާނީ ހަމަ މަސީހުއެވެ.

ފުވައްމުލަކަށް ނިސްބަތްވާ ނާއިބު ރައީސް، ޑރ. ޖަމީލަށް މަޖުލީހުގައި ޖަވާބުދާރީވުމަށް ފުރުސަތު ނުލިބުނު ކަމުގައި ވިޔަސް މިއަދު މަސީހަށް އެފުރުސަތު ލިބުނެވެ. އަދި ޖަމީލަށް އިތުބާރު އޮތްކަމަށް ވޯޓު ނުލިބުނު ކަމުގައިވިޔަސް މަސީހުއަށް ވަނީ އިތުބާރު އޮތް ކަމަށް ފާސްކޮށްފައެވެ.

banner

ކިޔުންތެރިންގެ ޚިޔާލު