ފައިސަލް ނަސީމު ފުލުސް އޮފީހަށް މިއަދު ހާޒިރުކުރަނީ

- ފައިލް ފޮޓޯ
ކާށިދޫ ދާއިރާގެ މެމްބަރު، ފުވައްމުލަކު ނޫޑަލްހީ ފައިސަލް ނަސީމު ފުލުހުންގެ އިދާރާ ހާޒިރުވާން އިއިދާރާއިން އަންގައިފިއެވެ. ފުހުންގެ އިދާރާ އަށް ފައިސަލް ނަސީމު ހާޒިރު ކުރުމަށް އަންގާފައިވަނީ އެއިދާރާއިން ބަލަމުންދާ މައްސަލައަކާއި ގުޅިގެންކަމަށް މިކަލް ނޫހަށް މައުލޫމާތު ލިބެއެވެ. ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް ސާފެއްނުވެއެވެ.
"އަޅުގަނޑަށް ފުރަތަމަ އެންގީ މިރޭ ފުލުސް އޮފީހަށް ހާޒިރުވާން. އެކަމަކު ރަށުގައި ހުރި ކަމަށް ބުނީމަ މާދަމާ ހެނދުނަށް ބަދަލު ކުރީ،" ނައިސަލް ނަސީމާއި ހަވާލާދީ މިހާރު ނޫހުން ރިޕޯޓްކޮށްފައިވެއެވެ.
އިޖުތިމާއީ އެކިއެކި ޚިދުމަތްތައް ކުރުމުގައި ފާހަގަކޮށްލެވޭ ފައިސަލް ނަސީމު ދާދި ފަހުން ވަނީ ފުލުހުންނަށް ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން މ. ކުނޫޒުގައި އިދިކޮޅު ފަރާތްތަކުން ބޭއްވި ޖަލްސާގައި ފައިސަލް ވިދާޅުވީ ރައްޔިތުންނަށް އިންސާފު ހޯދައިދޭން ސަލާމަތީ ބާރުތަކުން ފުންކޮށް ވިސްނަން ޖެހޭ ކަމަށާއި ފުލުހުން ޣައިރު ގާނޫނީ އަމުރުތަކަށް ކިޔަމަން ވުމަކީ އެއްވެސް ހާލެއްގައި ކުރަން ޖެހޭ ކަމެއް ނޫންކަމަށާއި ބާރަކީ އަބަދުމެ، އޮންނާނެ އެއްޗެއްކަމަށް ނުވާތީވެ ކޮންމެ ކަމަކަށް ވެސް ނިމުން އަންނާނެ ކަމަށެވެ.
ފައިސަލްގެ އިތުރުން ރައްޔިތުންގެ މަޖިލިހުގެ ބައެއް މެމްބަރުން ވަނީ މީގެ ކުރިން ފުލުސް އޮފީހަށް ހާޒިރުކޮށްފަ އެވެ. އޭގެ ތެރޭގައި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމާއި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި ކުރީގެ ރައީސް މައުމޫންގެ ދަރިކަލުން، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ހިމެނިވަޑައިގަންނަވަ އެވެ. އޭގެ ތެރެއިން ކްރިމިނަލް ކޯޓުގައި ޝަރީއަތް ހިނގަމުން ދަނީ ގާސިމާއި ރިޔާޒްގެ މައްޗަށް އުފުލާފައިވާ ދައުވާތަކަށެވެ.
ކިޔުންތެރިންގެ ޚިޔާލު
މިލިޔުމަށް ޚިޔާލެއް ލިބިފައި ނެތް!
ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!