A wide advertisement which will be shown on all devices. (700 x 100)

ލޯކަލް ކައުންސިލް އިންތިޚާބުގެ ނަތީޖާއިން ފެންނަ މަންޒަރު

ލޯކަލް ކައުންސިލް އިންތިޚާބު ނިމި ވަގުތީ ނަތީޖާތައް އިއުލާންކުރަން ފެށުމާއިއެކު ބޮޑު ދެޕާޓީއިން އެޕާޓީއަށް ލިބުނު ކާމިޔާބީ ފާހަގަކޮށް އުފާފާޅުކޮށް ބަޔާންތައް ނެރެމުންދާއިރު އާންމު ރައްޔިތުންނަށް މިފެނުނު މަންޒަރާއި ގުޅިގެން ސުވާލު އުފެދެއެވެ. ކާމިޔާބު ލިބުނީ ކޮންކޮޅަކަށްތޯއެވެ. ލޯކަލް ކައުންސިލް އިންތިޚާބުގެ ވަގުތީ ނަތީޖާއަށް ބަލާއިރު ފުވައްމުލަކު ސިޓީގެ ތިން ގޮޑީގެ ތެރެއިން ދެގޮޑި މިހާރުވަނީ އެމްޑީޕީއަށް ކަށަވަރުވުމާއި ގާތުގައެވެ. އަދި އެއްގޮޑި ޕީޕީއެމް އަށް ލިބޭނެ ކަމަށް ބެލެވެއެވެ. އެހެންކަމުން، މިނަތީޖާއިން ކުރިއެރުމެއް ފެންނަނީ ބަޔަކަށްތޯއެވެ.

ފުވައްމުލަކު އުތުރު ދާއިރާ

ފުވައްމުލަކު އުތުރު ދާއިރާއަކީ ޕީޕީއެމް އިން ލީޑުކުރަމުންދާ ދާއިރާއެކެވެ. މިދާއިރާއިން ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީ މެމްބަރެއް މިހާތަނަށް ތަމްސީލުކޮށްފައެއްނުވެއެވެ. ނަމަވެސް، އަތޮޅު ކައުންސިލަށް ފާއިތުވީ ދެދައުރުގައިވެސް އެމްޑީޕީއިން އެއް މެމްބަރަކު ހޮވިފައިވެއެވެ. މިފަހަރު، މިގޮޑި ލިބޭނެ ކަމަށް ބެލެވެނީ ޕީޕީއެމްގެ ކެންޑިޑޭޓް ހަމަދު އަބްދުﷲ އަށެވެ. ކެމްޕޭން ދުވަސްވަރު އެކިގޮތަށް ވާހަކަ ދެކެވުނު ނަމަވެސް، ނަތީޖާތަކަށް ބަލާއިރު މިދާއިރާގެ މާބޮޑު ބަދަލެއް އައިސްފައެއްނުވެއެވެ. ކުރިއެކޭ އެއްގޮތަށް ޕީޕީއެމް އިން ދަޑިމަގުން ހޯދާ ތަފާތު ބޮޑު ނަތީޖާގެ ސަބަބުން ޕީޕީއެމް ކެންޑިޑޭޓަށް ކުރި ލިބުނުގެ ފުރުސަތު ބޮޑެވެ. ނަމަވެސް، އަތޮޅު ކައުންސިލަށް ބަލާއިރު ފާއިތުވީ ދެދައުރުގައިވެސް އެމްޑީޕީގެ މެމްބަރަކު މިދާއިރާއިން ދެވަނަ ކެންޑިޑޭޓްގެ ގޮތުގައި ހޮވެއެވެ. ސިޓީ ކައުންސިލަށް ބަދަލުވެ އެއް ކެންޑިޑޭޓެއް ހޮވާގޮތަށް ހަމަޖެހުމުން ކެމްޕޭނު ފޯރިގަދަވެ އެއްވަނަ ކެންޑިޑޭޓް ލީޑުކުރީ ކަމަށް ބެލެވެއެވެ.

ފުވައްމުލައް މެދު ދާއިރާ

މިދާއިރާއަކީ އެމްޑީޕީ ދާއިރާގެ ގޮތުގައި މަޝްހޫރު ދާއިރާއެކެެވެ. މިދާއިރާއިން ރައްޔިތުންގެ މަޖިލީސް ތަމްސީލުކުރުމަށް ޕީޕީއެމް މެމްބަރަކު މިދިޔަ ފަހަރު ހޮވުނު ނަމަވެސް މިދާއިރާއަކީ އޭގެކުރިން އެމްޑީޕީގެ މެމްބަރަކު ތަމްސީލުކުރަމުން ދިޔަ ދާއިރާއެކެވެ. ފާއިތުވީ ރައްޔިތުންގެ މަޖިލީސް އިންތިޚާބުގައި މިދާއިރާ ބޮޑުބައެއް ޕީޕީއެމްއަށް އެބުރުކަމަށް މިނާ ފަރާތްތަކުގެ ނާޅިން މިނާ ކަމަށްވަންޏާ މިދާއިރާ އަނެއްކާވެސް އެމްޑީޕީ އަތަށް ދީލާލީކަމަށް ބެލިދާނެއެވެ.  

ފުވައްމުލައް ދެކުނު ދާއިރާ

މިދާއިރާގެ ރައްޔިތުންގެ މަޖިލިސް ގޮޑި ޕީޕީއެމް މެމްބަރު އަބްދުﷲ މަސީހު ފުރާތާ ޒަމާންތަކެއްވެއްޖެއެވެ. އެހެންކަމުން، މިދާއިރާ ރެކޯޑްކުރެވިފައިވަނީ ޕީޕީއެމް ދާއިރާއެއްގެ ގޮތުގައެވެ. ފާއިތުވީ ރިއާސީ އިންތިޚާބުގައި ނާއިބު ރައީސަކަށް މިދާއިރާގެ ރައްޔިތަކުގެ ނަން އައުމަކީވެސް މިދާއިރާ ޕީޕީއެމްއަށް ދިއުމުގެ އަސްލެއްކަމަށް ބެލެވިދާނެއެވެ. ނަމަވެސް، ކައުންސިލް އިންތިޚާބުގައި އަތޮޅު ކައުންސިލަށް މިދާއިރާއިން ހޮވިފައިވަނީ އެމްޑީޕީ ދެމެމްބަރުންނެވެ. އެއަށްފަހު، ވާކަގިނަދުވަހެއްނުވެ ބޭއްވުނު މަޖިލިސް އިންތިޚާބުގައި ޕީޕީއެމް ކުރި ހޯދުމަކީ ޕީޕީއެމްގެ ނުފޫޒުއޮތް މިންވަރު ދައްކުވައިދޭ ދަލީލެކެވެ. ނަމަވެސް، މިފަހަރު މިދާއިރާ އެމްޑީޕީއަށް ލިބުމަކީ އަނެއްކާވެސް މިދާއިރާގެ ޕީޕީއެމް ބަލިކަށިވެގެން ދިއުންކަމަށް ގަބޫލުކުރާ ފަރާތްތައް ވެސް މަދެއްނޫނެވެ. 

ނަމަވެސް، މަޖިލިސް އިންތިޚާބާއި ކައުންސިލް އިންތިޚާބުގައި ވާދަކުރަނީ އެދާއިރާގެ ރައްޔިތުންނަށްވުމާއި އެފަރާތްތަކުގެ ގާތްތިމާގެ މީހުންގެ ނުފޫޒު މި އިންތިޚާބުތަކަށް ރިއާސީ އިންތިޚާބަށްވުރެ ބޮޑަށް ފޯރާނެއެވެ. ވީމާ އެފަދަ ސަބަބުތަކާއި ގުޅިގެން ވޯޓް ބަދަލުވުމަކީވެސް އެކަށީގެންވާކަމެކެވެ.  

ކޮންމެ ގޮތަކަށް ބެލި ކަމުގައި ވިޔަސް ފުވައްމުލަކު ގިނަ ރައްޔިތުން ސަރުކާރު ކެންޑިޑޭޓުންނަށް މިވަނީ ނޫނެކޭ ބުނެފައެވެ. ފުވައްމުލައް ތިންވަނަ ސިޓީ ގެ ގޮތުގައި ދަރަޖަ ކުރެވުނު ނަމަވެސް، އަސާސީ ގިނަ ޚިދުމަތްތަކެއް ފޯރުކޮށް ދިނުމުގައި ފުވައްމުލައް އުޅެނީ އަތޮޅަކަށްވުރެ ފަހަތުގައެވެ. ނަރުދަމާގެ ނިޒާމެއް ގާއިމެއްނުވެއެވެ. ސާފުބޯފެނެއް ފޯރުކޮށެއް ނުދެވެއެވެ. މަގުތައްވަނީ ނުހެދިއެވެ. ސިޓީ ހޮޓަލެއް ނޭޅި އެސަރަހައްދަށް ހެދޭނެ ގޮތެއްވެސް ނޭގެއެވެ. ފުވައްމުލަކަށްވުރެ އާބާދީގެ ގޮތުން ކުޑަ އެތަށް ރަށަކަށް މިފަދަ ވަސީލަތްތައް ވަނީ ގާއިމުކޮށް ދީފައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !