A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކު ސިޓީގެ މޭޔަރު ކަމަށް ފަލާޙު ހޮވައިފި

ފުވައްމުލަކު ސިޓީ ކައުންސިލް މެންބަރުން، (ވައަތުން ކަނާތަށް) މޭޔަރު: ފަލާޙު ، ޑެޕިއުޓީ މޭޔަރ: ޟިރާރު އަދި ކައުންސިލް މެންބަރު ހަމަދު. ފޮޓޯ އަބްދުﷲ ނާސިރު

މިއަދު ހުވާކުރި ފުވައްމުލައް ސިޓީގެ މޭޔަރު ކަމަށް، ނިމިދިޔަ އަތޮޅު ކައުންސިލްގެ ރައީސް، އަބްދުﷲ ފަލާޙު ޝަރީފު ހޮވައިފިއެވެ. މިއަދު ހަވީރު ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުގައި ކުރިޔަށްދިޔަ ސިޓީ ކައުންސިލަރުން ހުވާ ކުރުމުގެ ދަރުބާރުގެ ތެރެއިން، ބޭއްވުނު ސިޓީ ކައުންސިލްގެ ފުރަތަމަ ޖަލްސާގައި 3 މެންބަރުންގެ އިއްތިފާގުން ފަލާހު ވަނީ ސިޓީ ކައުންސިލް ގެ މޭޔަރުކަމަށް ހޮވާފައެވެ.

ސިޓީ ކައުންސިލްގެ ޑެޕިއުޓީ މެޔަރުކަމަށް ހޮވިފައި ވަނީ އެމްޑީޕީގެ ކައުންސިލް މެންބަރު، އަދި ކުރިން މިސްކިތްމަގު ކައުންސިލްގެ ރައީސް މުހައްމަދު ޟިރާރު އެވެ. މީގެ އިތުރުން ސިޓީ ކައުންސިލްގައި ހިމެނެނީ، ކައުންސިލް މެންބަރު ހަމަދު އަބްދުﷲ އެވެ.

ދާދީ ފަހުން ރައީސް ޔާމީނު ވަނީ މާލެ ސިޓީއާއި އައްޑޫސިޓީއެކޭ އެއްގޮތަށް ފުވައްމުލައް ސިޓީ ކައުންސިލްގެ ބާރުތައް ވެސް ހަނި ކުރައްވާފައެވެ.

އަދި ރައްޔިތުންގެ މަޖުލީހުން ވަނީ ސިޓީ ކައުންސިލް މެންބަރުންގެ މުސާރަތައް ކުޑަކުރައްވާފައެވެ. އެގޮތުން ސިޓީ ކައުންސިލުގެ މެޔަރ ގެ
މުސާރަ ވަނީ 45000 ރ. (ސާޅީސް ފަސް ހާސް ރުފިޔާއިން ) 18000 ރ. (އަށާރަ ހާސް ރުފިޔާ އަށް)، އަދި ޑެޕިއުޓީ މޭޔަރުގެ މުސާރަ 35000 ރުފިޔާ އިން 14000 ރުފިޔާ އަށް އަދި ސިޓީ ކައުންސިލް މެންބަރުގެ މުސާރަ 24000 ރުފިޔާ އިން ވަނީ 11500 ރުފިޔާއަށް ދަށްކޮފައެވެ.

ނަމަވެސް ރައްޔިތުންގެ މަޖުލީހުގެ މެންބަރުންގެ މުސާރަ ވަނީ އެމަޖުލީހުން 82000 ރ. (އަށްޑިހަ ދެ ހާސް ރުފިޔާ) އަށް ބޮޑުކޮށްފައި ވެއެވެ.

ފުވައްމުލަކުގައި ހިމެނޭ ރައްޔިތުންގެ މަޖުލީހުގެ 3 ދާއިރާ ވެސް ތަމްސީލު ކުރައްވަމުން ގެންދަވަނީ ވެރިކަން ކުރާ ޕީޕީއެމް 3 މެންބަރުންނެވެ. ނަމަވެސް މިފަހަރުގެ ކައުންސިލްތަކުގެ އިންތިޚާބުން އިދިކޮޅު އެމްޑީޕީން މި ވަނީ ފުވައްމުލައް ސިޓީގެ މެޖޯރިޓީ ހޯދާފައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !