23 ޖުލައި 2017 (އާދީއްތަ)


ކޮލަމް ސުމެއް: ރައީސްގެ ގޮޑި ގެއްލިދާނެބާ

 - ފައިލް ފޮޓޯ

- ފައިލް ފޮޓޯ

ސިޔާސީ ހަލަބޮލި ދިވެހިރާއްޖެއަށް މިއަދަކީ ވެސް އިތުރު ސިޔާސީ ހަލަބޮލި ކަމެއް ގެނުވި ދުވަހެކެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ އެހެން ޕާޓީއަކާ ގުޅިއްޖެ ނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅައިދޭން ދައުލަތުން ސުޕްރީމް ކޯޓުގައި ހުށަހެޅި ދުވަހެކެވެ. 

އެޓާނީ ޖެނެރަލްގެ ފަރާތުން ހުށަހެޅި ދުސްތޫރީ މައްސަލާގައި ބޭއްވި ފުރަތަމަ އަޑުއެހުމުގައި ބަންޑާރަ ނައިބު މުހައްމަދު އަނިލް އެދިވަޑައިގަތީ ގާނޫނު އަސާސީގެ 26 ވަނަ މާއްދާ އާއި 30 ވަނަ މާއްދާ އާއި 74 ވަނަ މާއްދާ އަދި 75 ވަނަ މާއްދާ މާނަކޮށް، މަޖިލިސް މެމްބަރުން އެ މަގާމަށް ހޮވޭއިރު ތިބޭ ޕާޓީ ފިޔަވައި އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ ނުވަތަ އެ ޕާޓީއަކުން ވަކިވެއްޖެ ނަމަ މެމްބަރު ކަން ގެއްލޭނެ ކަމަށް ކަނޑައަޅައި ދިނުމަށެވެ.

މައްސަލަ ހުށަހަޅުއްވަމުން އަނިލް ވިދާޅުވީ ވަކި ސިޔާސީ ފިކުރަކަށް ނުވަތަ ޕާޓީއަކަށް ތާއީދުކޮށް، އެ ފިކުރު ޕްރޮމޯޓް ކުރާނެެ ކަމުގެ ޔަގީންކަން ދީގެން މަޖިލިސް އިންތިޚާބުގައި ވާދަކޮށް، މެމްބަރުކަން ލިބުމުން ޕާޓީ ބަދަލުކުރުން (ފްލޯ ކްރޮސް ކުރުން) އަކީ އެ މެމްބަރުން އެ މަގާމުތަކަށް ހޮވި ރައްޔިތުންނަށް ވެފައިވާ ސޯޝަލް ކޮންޓްރެކްޓާ މެމްބަރުން ޚިލާފްވުން ކަމަށެވެ.

މިއާއިއެކު އުފެދޭ ސުވާލަކީ ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ރައީސް ހޮވުމަކީވެސް އެފަދަ ކަމެއް ނޫންބާވައެވެ. ރައީސުލްޖުމްހޫރިއްޔާ ހޮވާއިރު ވޯޓް ކަރުދާސްކޮޅުގައިވެސް ރައީސުލް ޖުމްހޫރިއްޔާގެ ނާއިބުގެ ނަން އޮވެއެވެ. އާންމު ރައްޔިތުން ވޯޓުދެއްވަނީ އެދެބޭފުޅުންނަށް އެއްފަހަރާއެވެ. އެހެންކަމުން އެއީވެސް ރައީސުލްޖުމްހޫރިއްޔާ އަކަށް ހޮވޭފަރާތަކުން ނާއިބު ރައީސެއްގެ ގޮތުގައި ހޮއްވަވާނެ ބޭފުޅެއްކަމަށް އާންމު ރައްޔިތުންނަށް ދެއްވާ ޔަގީންކަމެއް ނޫންބާވައެވެ. އެހެންކަމުގައިވާނަމަ، ނާއިބު ރައީސް މަގާމުން ދުރުކުރުމަކީ އެ މަގާމުތަކަށް ހޮވި ރައްޔިތުންނަށް ވެފައިވާ ސޯޝަލް ކޮންޓްރެކްޓާ މެމްބަރުން ޚިލާފްވުން ކަމެއް ނޫންބާވައެވެ.

މުހައްމަދު އަނިލް ހުށަހެޅުއްވި ދުސްތޫރީ މައްސަލައާއި ގުޅިގެން ރައީސް އަބްދުﷲ ޔާމީނުގެ ފުރަތަމަ ނާއިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު ވަނީ ސޯޝަލް މީޑިއާގައި ޖޯކްޖައްސަވާފައެވެ. އެމަނިކުފާނު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ "އެކުގައި ރިޔާސީ އިންތިހާބަށް ވާދަކޮށް ނައިބު ރައީސް އެއްވެސް ގޮތަކަށް ވަކި ކޮށްފިނަމަ ރިޔާސީ ގޮނޑި ގެއްލޭ. އަނިލް ގެ ގާނޫނީ ހުއްޖަތު" މިހެންނެވެ.

ތެދެކެވެ. އެއްމިންގަޑަކުން ކިޔާނަމަ އެހެން ވެދާނެ ކަމަށް ގަބޫލުކުރެވިދާނެއެވެ.

ކިޔުންތެރިންގެ ޚިޔާލު

ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!

މިލިޔުމަށް ޚިޔާލެއް ލިބިފައި ނެތް!