21 ނޮވެމްބަރ 2017 (އަންގާރަ)


ރައްޔިތުންގެ މަޖުލީހުގެ ރައީސް މަސީހު އާއި ދެކޮޅަށް އިދިކޮޅު ފަރާތްތަކުން މުޒާހަރާ ކޮށްފި

މިއަދު ބ.ތުޅާދޫގައި މަޖުލީހުގެ ރައީސް މަސީހުއާއި ދެކޮޅަށް ބޭއްވި ހިނގާލުން

މިއަދު ބ.ތުޅާދޫގައި މަޖުލީހުގެ ރައީސް މަސީހުއާއި ދެކޮޅަށް ބޭއްވި ހިނގާލުން

ރައްޔިތުންގެ މަޖުލީހުގެ ރައީސް އަބްދުއްﷲ މަސީހު އާއި ދެކޮޅަށް އިދިކޮޅު ފަރާތްތަކުން މާލޭގައި އަދި ބ. ތުޅާދޫގައި މިއަދު މުޒާހަރާ ކޮށްފިއެވެ. މަސީހުގެ އިތުބާރުނެތްކަމުގެ މައްސަލަ 3 ވަނަ ފަހަރަށް މަޖުލީހަށް ވައްދާފައި ވަނިކޮށް ޕީޕީއެމްގެ ތެރޭގާއި ބައިބައިވުން އިތުރުވެ އެޕާޓީގެ 10 މަޖުލިސް މެންބަރަކު ވަނީ މަސީހުއާއި ދެކޮޅަށް ހުޅަހެޅުނު މައްސަލާގައި ސޮއިކޮށްފައެވެ.

މަސީހުއާއި ދެކޮޅަށް މިއަދު އަޑުއުފުލިއިރު އިދިކޮޅު ފަރާތްތަކުން މިހާރު އުޅެނީ ކެމްޕެއިން ކުރުމުގައި އުތުރުގެ އަތޮޅު ތަކަށް ކުރާ ދަތުރުތަކުގައެވެ.

ތުޅާދޫގައި މިއަދު ހަވީރު ބޭއްވި ހިނަގާލުމުގައި މަސީހު މަޖުލީހުގެ ރައީސްކަމުން ބޭރުކުރުމަށް ގޮވާލައި ބޭނުންކޮށްފައިވާ ލިޔުންތަކުގައި މަސީހު ބޭރުކުރަންޖެހޭ ކަމަށް އިދިކޮޅު ފަރާތްތަކުން ގޮވާލާ ސަބަބުތައް ލިޔެފައި ވެއެވެ. އެގޮތުން ކުރީގެ އުއްތަމަ ފަނޑިޔާރާއި ސްޕްރީމްގޯޓުގެ ފަނޑިޔާރު މަގާމުން ބޭރުކުރުމާއި ކުރީގެ 2 ނާއިބު ރައީސުން މަގާމުން ދުރުކުރުމާއި، ކުރީގެ އޭޖީ އަދި ޕީޖީ މަގާމުން ދުރުކުރުން ގާނޫނު އަސާސީއާއި ޚިލާފު ކަމަށް ބުނެފައިވެއެވެ. އަދި މަޖުލީހުގައި ބިލްތަކަށް އެކަށީގެންވާ ވަރަށް ބަހުސު ކުރަން ފުރުސަތު ނުދިނުމާއި ގާނޫނު އަސާސީއާއި ތައާރަޒު ވާ ބިލްތައް މަޖުލީހުގައި ބަހުސު ކުރުން ހިމެނޭ ކަމަށް ގޮވާލާފައި ވެއެވެ.

ނަމަވެސް ސަރުކާރުން ބުނެފައިވަނީ މަޖުލީހުގެ ރައީސް ކަމުން މަސީހު ބޭރުކުރަން އުޅޭނީ އޭނާގެ އެއްވެސް މައްސަލައެއް އޮވެގެން ނޫންކަމަށެވެ. އެއީ ސަރުކާރު ވައްޓާލަން ވެގެން ރާވާ ނޭއްގާނި ޢަމަލުތަކުގެ ތެރެއިން "ގުރުބާން ކުރެވޭ ކަންބަޅި"އެއް ކަމަށެވެ.

މަޖުލީހުގައި މަސީހަކީ ބިލްތަކަށް ވޯޓު ދޭމީހެއް ނޫންކަމަށާއި ވޯޓު ދެނީ މެންބަރުން ކަމަށް ވާއިރު މަސީހު ބޭރުކުރަން ޖެހޭ ސަބަބެއް ނެތްކަމަށެވެ.

ނަމަވެސް އިދިކޮޅު ފަރާތްތަކުން ބުނަނީ މަސީހުއަކީ ޑިމޮކްރެސީ ދަންނަ ބޭފުޅެއް ކަމުގައި ވާނަމަ މިހާރު ރީތިގޮތުގައި އަމިއްލައަށް އިސްތިޢުފާ ދީފި ކަމަށެވެ. އެހެނި މަޖުލީހުގެ ސާފު މެޖޯރިޓީއަށް ވުރެ ގިނަ މެންބަރުން އެވަނީ މަސީހުގެ އިތުބާރުނެތްކަށް ސޮއިކޮށްފައި ކަމަށެވެ.

ޕީޕީއެމްގެ އިސް ފަރާތްކުން ބުނަނީ މަޖުލީހުގައި ދެން ނަގާ ވޯޓަކުން ވެސް ކާމިޔާބު ލިބޭނީ އެމީހުންނަށް ކަމަށެވެ. ކުރީ ދެފަހަރު ވެސް މަސީހު އާއި ދެކޮޅަށް ހުށަހެޅުނު މައްސަލތައް ނާކާމިޔާބު ކޮށްލާފައި ވާ ކަމަށެވެ.

ކިޔުންތެރިންގެ ޚިޔާލު

ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!

މިލިޔުމަށް ޚިޔާލެއް ލިބިފައި ނެތް!