A wide advertisement which will be shown on all devices. (700 x 100)

މެމްބަރު ޝާހް އެފްއޭއެމްގެ އެކްސްކޯ އިން ވަކިކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އެގްޒެކްޓިވް ކޮމިޓީ (އެކްސްކޯ)ގެ މެމްބަރު ކަމުން ވަކިކޮށްފިއެވެ. ޝާހް އެކްސްކޯ އިން ވަކިކޮށްފައިވަނީ ވިދިވިދިގެން 6 ޖަލްސާއަށް ހާޒިރުވެފައިނުވާތީ ކަމަށް އެފްއޭއެމް އިން ނެރުނު ނޫސްބަޔާނުގައިވެއެވެ. 

އަލީ ޝާހްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީ އާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު (އަބުޅޯ) ވެސް ވަނީ އެފްއޭއެމްގެ އެކްސްކޯއިން ވަކިކޮށްފައެވެ. މިތިން މެމްބަރުންނަކީ ވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު އެމަޖިލީހުގެ ރައީސްކަމުން ވަކިކުރުމަށް ސޮއިކުރި 45 މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަދި ޕީޕީއެމް އިން ވަކިވުމަށްއެދި ސިޓީ ފޮނުވި މެމްބަރުންނެވެ.

“ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ގަވާއިދުގެ އާޓިކަލް (ށ) ގެ (33) ވަނަ މާއްދާގެ (9) ވަނަ ނަމްބަރަށް ރިއާޔަތްކޮށް އެކްސްކޯ މެމްބަރެއްގެ މަގާމް ހުސްވުމަށް ކަނޑައަޅާފައިވާ ހާލަތްތަކުގެ ތެރެއިން، މަތީގައި ދެންނެވިފައިވާ ތިން މެމްބަރުން ވިދިވިދިގެން ހަ ބައްދަލުވުމަށް ހާޒިރުވެފައިނުވާތީ އެ ހާލަތަކީ އެ މާއްދާތަކުގެ ދަށުން މަގާމް ހުސްވުމަށް މެދުވެރިވާ ހާލަތެއްކަމުން މަތީގައި ދެންނެވިފައިވާ ތިން މެމްބަރުން އެފްއޭއެމްގެ އެކްސްކޯގައި ފުރުއްވަމުން ގެންދަވާ މަގާމުން ވަކިކުރެވިފައިވާކަން މީޑިއާތަކުގެ މައުލޫމާތަށްޓަކައި ދަންނަވަމެވެ.” އެފްއޭއެމުގެ ބަޔާނުގައިވެ އެވެ.  

ހުސްވި ތިން މަގާމުގެ ތެރެއިން އެއް މަގާމަށް އެފްއޭއެމްގެ ކުރީގެ ނައިބް ރައީސް އަދި ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ފޯވާޑް އަލީ އުމަރު އައްޔަންކުރުމަށް ވަނީ މިއަދު ފާސްކޮށްފަ އެވެ.  

“އަޅުގަނޑު އަދި އަޑުއެހިތާ މިހުރީ. ތިބޭފުޅާ ގުޅުމުން މި އެނގުނީ ތިފަދަ ކަމެއް ވެގެންއުޅޭކަން. އެފްއޭއެމުން ނެތް އަންގާފައެއް އަދި އެކްސްކޯ ބައްދަލުވުމަކަށް ހާޒިރުނުވާން ނެތް ނޯޓިސްދީފައެއް،” ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ މުހައްމަދު އާއި ހަވާލާދީ މިހާރު ނޫހުން ރިޕޯޓްކޮށްފައިވެއެވެ.  

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !