20 ޖުލައި 2019 ( ހޮނިހިރު )

މިހާރު ފުވައްމުލަކު ކުރިޔަށްދާ ސްކޫލް ފިރިހެންކުދިންގެ ކްރިކެޓް މުބާރާތުގެ ތެރެއިން. ފޮޓޯ: ކްރިކެޓް ބޯޑް އޮފް މޯލްޑިވަސް

“ފުވައްމުލަކު އިންޓަރސްކޫލް (ބޯއިސް) ކްރިކެޓް ކަޕް” އިއްޔެ ފަށައިފި

“ފުވައްމުލަކު އިންޓަރ ސްކޫލް (ބޯއިސް) ކްރިކެޓް ކަޕް” އިއްޔެ ފަށައިފިއެވެ. މިމުބާރާތް ކުރިޔަށް ދަނީ ފުވައްމުލަކު ކްރިކެޓް ސްޓޭޑިއަމްގައެވެ. މިމުބާރާތުގައި ފުވައްމުލަކުގެ ޕްރައިމަރީ ސްކޫލް ތަކުން 8 ޓީމު ބައިވެރިވެފައި ވެއެވެ. މުބާރާތް ކުޅުމަށް ހަމަޖެހިފައި ވަނީ ދެ ގްރޫޕަށް ބަހާލައިގެންނެވެ.

މިމުބާރާތުގައި އެމްޖޭއެމް ސްކޫލުން 3 ޓީމާއި ހާފިޒް އަޙުމަދު ސްކޫލު (ހޭޒް) ން 4 ޓީމު އަދި ފުވައްމުލަކު ސްކޫލުން 1 ޓީމު ވާދަކުރެއެވެ. ގްރޫޕް 1 ގައި ހިމެނެނީ: ހޭޒް އޭ ޓީމް، ހޭޒް ސީ ޓީމު އެމްޖޭއެމް ސީ ޓީމު އަދި އެފްއެސްގެ ޓީމެވެ. ގްރޫޕް 2 ގައި ހިމެނެނީ: އެމްޖޭއެމް އޭ ޓީމް، ހޭޒް ބީ ޓީމު އެމްޖޭއެމް ބީ ޓީމު އަދި ހޭޒް ޑީ ޓީމެވެ.

މުމުބާރާތް ކުޅުމަށް ހަމަޖެހިފައި ވަނީ ގްރޫޕުގައި ލީގު އުސޫލުން އެއްބުރު ކުޅުމަށްފަހު ކޮންމެ ގްރޫޕަކުން 1 ވަނަ އަދި ދެވަނަ ސެމީ ފައިނަލްގައި ވާދަކޮށް މޮޅުވާ ދެޓީމެއް ފައިނަލް ކުޅޭ ގޮތަށެވެ. ކޮންމެ މެޗެއްގައި 15 އޯވަރު ކުޅޭއިރު ބޯލަރަކަށް ގިނަވެގެން އުކޭނީ 3 އޯވަރެވެ. މިމިބާރާތުގައި ކުޅުމަށް ހަމަޖެހިފައިވަނީ ޓޭޕްޑް ސްފްޓް ބޯޅަ އިން ނެވެ.

އިއްޔެ ކުޅެވުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ ހޭޒް ގެ އޭ ޓީމާއި އެމްޖޭއެމްގެ ސީ ޓީމެވެ. މިމެޗު 54 ލަނޑުން ކާމިޔާބުކުރީ ހޭޒްގެ އޭ ޓީމެވެ. މިމެޗުގައި އެންމެ ރަނގަޅަށް ބެޓްކޮށް، 22 ލަންޑު ހަދާފައި ވަނީ ހޭޒްގެ އަލްހިމް އެވެ. މިމެޗުގައި އެންމެ ރަނގަޅަށް އުކާފައި ވަނީ، 2 އޯވަރުގައި 7 ލަނޑަށް 3 ވިކެޓް ނެގި މުހައްމަދު ހައިޝަމް އެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ވެސް ހައިޝަމް އެވެ.

މުބާރާތުގެ 2 ވަނަ މެޗުގައި މިއަދު ހަވީރު 4 ޖަހާއިރު ބައްދަލުކުރާނީ ހޭޒްގެ ސީ ޓީމާއި އެފް އެސްގެ ޓީމެވެ.

ވީހާ ގިނަބަޔަކު މިމުބާރާތް ބެލުމަށް ކްރިކެޓް ސްޓޭޑިއަމަށް ދިއުމަށް މުބާރާތް އިންތިޒާމުކުރާ ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިން އެދެއެވެ. 


ކިޔުންތެރިންގެ ޚިޔާލު