28 މެއި 2020 ( ބުރާސްފަތި )

banner

ޕެޓިޝަނުގެ ސޮއިކުރުމުގެ މަސައްކަތް މިއަދު ފުވައްމުލަކު ބަނދަރު ސަރަހައްދުގައި ކުރިޔަށް ގެންދަނީ - ފޮޓޯ ޝަޒީމް

އެއާޕޯޓް ސަރަހައްދުގައި އޭޓީއެމްއެއް ބެހެއްޓުމަށް އެދި ޕެޓިޝަނެއް

ފުވައްމުލަކު އެއާޕޯޓް ސަރަހައްދުގައި ބޭންކް އޮފް މޯލްޑިވުސް ގެ އޭޓީއެމް އެއް ބެހެއްޓުމަށް އެދި ފުވައްމުލަކު ޒުވާނުންތަކެއް އިސްނަގައިގެން ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފިއެވެ.

ފުވައްމުލަކުގެ އެއާޕޯޓް ސަރަހައްދުގައި އޭޓީއެމް އެއް ނެތުމުގެ ސަބަބުން ރައްޔިތުންނަށް ނުހަނު ގިނަ ގުނަ ދަތިތަކާއި ކުރިމަތިލާން ޖެހޭކަމަށާއި، މިކަން ބީއެމްއެލް ގެ ސަމާލުކަމަށް ގެނައުމަށް، ޒުވާނުންތަކެއް އިސްނަގައިގެން ކުރިޔަށް ގެންދާ ޕެޓިޝަނެއް ކަމަށް، މިއަދު ފުވައްމުލަކު ބަނދަރު ސަރަހައްދުގައި ޒުވާނުންތަކެއް އިސްނަގައިގެން ސޮއިކުރަން ފެށި، ޕެޓިޝަނުގެ ކަންތަކުގައި އިސްކޮށް ހަރަކާތްތެރިވާ ފުވައްމުލަކު ދޫޑިގަމް ކައުންސިލްގެ މެމްބަރ އަލީ ޝަޒީމް މުހައްމަދު މިކަލް ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.

“ޙާއްސަކޮށް ކައިރި އަތޮޅުތަކުގެ މަސްދޯނިތަކުން ފުވައްމުލަކަށް އަންނަ މަސްވެރިންނަށް، އެސަރަހައްދުގައި އޭޓީއެމް އެއް ނެތުމުގެ ސަބަބުން ދަތިތަކާއި ކުރިމަތިލާން ޖެހޭ، މިފަދަ ގިނަ މަސްވެރިންނަކީ ރަށުތެރެއަށް ދާން ބޭނުންވާ ބައެއް ނޫން، ކައިރީގައި ހުރި ރެސްޓޯރެންޓަކަށް ނުވަތަ ފިހާރައަކަށް ދާން ބަލާނަމަ، ގިނަ ތަންތަނަކުން ކޭޝް ކާޑުގެ ހިދުމަތެއް ނުލިބޭ، އެހެންކަމުން މި ސަރަހައްދުގައި އޭޓީއެމް އެއް ނެތުމުން މިފަދަ މަސްވެރިންނަށް ވެސް ނުހަނު ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހޭ” ޝަޒީމް ވިދާޅުވިއެވެ.

އިތުރަށް ވާހަކަ ދައްކަމުން ޝަޒީމް ވިދާޅުވި ގޮތުގައި މި ސަރަހައްދުގައި އޭޓީއެމް އެއް ބެހެއްޓިއްޖެ ނަމަ، ފުވައްމުލަކަށް ވަންނަ އާމްދަނީގެ އަދަދު ވެސް އެތަށް ގުނައަކަށް އިތުރުވެގެން ދާނެކަމަށެވެ.

ޓާގެޓަކީ ޒުވާނުން އިސްނަގައިގެން ކުރިޔަށް ގެންދާ ޕެޓިޝަނަށް، 3 ދުވަހުގެ ތެރޭގައި 1000 މީހުންގެ ސޮއި ހަމަކުރުމަށް ފަހު ބީއެމްލް ގެ ހެޑް އޮފީހަށް ހުށައެޅުންކަމަށް، ޝަޒީމް ވިދާޅުވިއެވެ.

ރަށުން ބޭރުގައި ދިރިއުޅުއްވަމުން ގެންދަވާ ބައެއް ފަރާތްތަކުން ވެސް ސޯޝަލް މީޑިއާގައި، މި ޕެޓިޝަނަށް ތާއީދުކުރައްވާކަމަށް ދަނީ ހާމަ ކުރައްވަމުންނެވެ. މިގޮތުން މި ޕެޓިޝަނަށް ތާއީދު ކުރައްވާ ކަމަށް ފުވައްމުލަކަށް ނިސްބަތްވެ ވަޑައިގަންނަވާ، މި ސަރުކާރުގެ ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރ މުހައްމަދު މަލީހު ޖަމާލް ވަނީ ސޯޝަލް މީޑިއާގައި ހާމަކޮށްފައެވެ.

ރާއްޖޭގައި 3 ވަނަ އަށް އެންމެ އާބަދީ ބޮޑު ފުވައްމުލަކުގައި ހުންނަނީ ޖުމްލަ ދެ އޭޓީއެމް އެވެ. މި ދެ އޭޓީއެމްވެސް ހުންނަނީ ރަށުގެ މެދުތރޭގައި،ހުންނަ ބީއެމްއެލް ފުވައްމުލަކު ބްރާންޗްގައެވެ.


ކިޔުންތެރިންގެ ޚިޔާލު