19 އޮކްޓޯބަރ 2019 ( ހޮނިހިރު )

banner

ހޭޒްގެ ރެއިންބޯ ޔުނިޓްގެ ދަރިވަރުންނަށް ކުރިޔަށް ގެންދާ ކްރާފްޓް މަސައްކަތް ދަސްކޮށްދިނުން. ފޮޓޯ: ހޭޒް

ހާފިޒު އަހުމަދު ސްކޫލުގެ ދަރިވަރުންނަށް ޚާއްސަ ޕްރޮގްރާމްތަކެއް ކުރިޔަށް ގެންދަނީ

ހާފިޒު އަޙުމަދު ސްކޫލު (ހޭޒް)ގެ ޚާއްސަ އެހީއަށް ބޭނުންވާ (ސެން) ކުދިންނާއި އާރޓް ކްލަބުގެ ކުދިންނަށް އުކާލެވޭ ތަކެތިން ބޭނުންތެރި އެއްޗެހި އުފެއްދުމުގެ ވޯކްޝޮޕެއް އެ ސްކޫލުގައި ކުރިޔަށް އެބަގެންދެއެވެ. ފާއިތުވި ހޮނިހިރު ދުވަހުން ފެށިގެން 5 ދުވަހުގެ މުއްދަތަށް މިހަރަކާތް ކުރިޔަށް ގެންދެވޭނެއެވެ. މިހަރަކާތް ކުރިޔަށް ގެންގޮސް ދެނީ މޯލްޑިވްސް އޯތެންޓިކް ކްރާފްޓް ކޯޕަރޭޓިވް ސޮސައިޓީ (އެމްއޭސީސީ) ގެ ފަރާތުންނެވެ.

މިއީ މިނިސްޓްރީ އޮފް އެނާރޖީ އެންޑް އެންވަރމެންޓުން ހިންގަވާ ކްލައިމެޓް ޗޭންޖް އެޑަޕްޓެޝަން ޕްރޮގްރާމްގެ ދަށުން ފުވައްމުލަކުގެ ކިޅި އަދި ޗަސްބިންތަކުގެ ވަސީލަތްތަކުން މަންފާ ހޯދިދާނެ މަސައްކަތްތަކެއް ދަސްކޮށް ދިނުމުގެ ޕްރޮގްރާމުގެ ދަށުން ހޭޒްގެ ދަރިވަރުންނަށް އެމްއޭސީސީއިން އިސްނަގައިގެން ހިންގާ ހަރަކާތެކެވެ.

މިކަލް ނޫހަށް މައުލޫމާތު ދެއްވަމުން އެކޯޕަރޭޓިވް ސޮސައިޓީގެ ޗެއަރ ޕާރސަން އާމިނަތު އަބްދުﷲ ވިދާޅުވީ އެސޮސައިޓީން ހިންގާ މިހަރަކާތުގައި ދަރިވަރުންނަށް ދަސްކޮށްދެވެނީ އުކާލެވޭ ތަކެތިން ބޭނުންތެރި އެއްޗެހި އުފެއްދުމުގެ އައްތެރި މަސައްކަތްތަކެއް ކަމަށެވެ. އެގޮތުން ޖޫސް ބޮއެފައި އެއްލާލެވޭ ޖޫސީ އަދި މައިލޯ ފަދަ ޕެކެޓްތައް ބޭނުންކޮށްގެން ތޮފި އަދި ފަންވަތުން “ސުވާ” ފަދަ ކުޅޭ ތަކެއްތި އުފައްދަން ދަސްކޮށް ދެމުންދާކަމަށް ވިދާޅުވިއެވެ.

މިހަރަކާތުގައި ބައިވެރިވަނީ އެސްކޫލުގެ ރެއިންބޯ ޔުނިޓް (ސެން)ގެ ދަރިވަރުންގެ ތެރެއިން މިފަދަ ހަރަކާތެއްގައި ބައިވެރިވެ ކުރިޔަށް ގެންދިއުމުގެ ގާބިލުކަން ލިބިފައިވާ ދަރިވަރުންނާއި އާރޓް ކްލަބުގެ ދަރިވަރުންނެވެ.

މީގެ އިތުރުން ވެސް އެޖަމްއިއްޔާއިން ވަނީ ހޭޒްގެ ސްކައުޓް ކުދިންނާއި ތިމާވެށި ކްލަބުގެ ދަރިވަރުންނަށް ވެސް ތަފާތު ދެ ހަރަކާތެއް ކުރިޔަށް ގެންގޮސްދީފައެވެ.

އެގޮތުން ތިމާވެށި ކްލަބުގެ ދަރިވަރުންނަށް ކުރިޔަށް ގެންގޮސްދީފައި ވަނީ ތިމާވެއްޓާއި ރައްޓެހި ގޮތަކަށް ‘އޯގަނިކް ފާމިން’ ކުރިޔަށް ގެންދާނެ ގޮތް ދަސްކޮށްދިނުމުގެ ހަރަކާތެކެވެ. މިހަރަކާތުގެ ތެރެއިން ތިމާވެށި ކްލަބުގެ ދަރިަވރުންނަށް ވަނީ ތީމާވެއްޓާއި ރައްޓެހި ގޮތަކަށް، ބެޑް ހެދުމާއި، އޮށް އިންދުމާއި، އަދި ފެންދޭނެ ގޮތް ދަސްކޮށްދީފައެވެ.

ސްކައުޓް ދަރިވަރުންނަށް ކުރިޔަށް ގެންދިޔަ ހަރަކާތުގެ ތެރެއިން ދިވެހި ރުކުގެ އިލާ އިން މާ ފަދަ ޑެކަރޭޓިވް ސާމަނު ހެދުމަށް ދަސްކޮށް ދީފައިވާކަމަށް އާމިނަތު އަބްދުﷲ މައުލޫމާތު ދެއްވިއެވެ.


ކިޔުންތެރިންގެ ޚިޔާލު