A wide advertisement which will be shown on all devices. (700 x 100)

ކުށްހުރި ޤުއާން ތަރުޖަމާތައް ފޮނުވީ އުކާލާކަށް ނޫން، ތިލަފުއްޓަށް ގެންދިޔައީ ކަނޑައެޅިފައިވާ އުސޫލުން ނައްތާލުމަށް

ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ބަޔަކު ބޭނުން ކުރަމުންދާ ކުށްހުރި ގްރުއާން ތަރުޖަމާގެ ކޮޕީތައް.

ފާއިތުވި ހަފުތާގައި ތިލަފުށިން ފެނުނު ޤުރުއާން ތަރުޖަމާތަކަކީ ކުށް ހުރުމުގެ ސަބަބުން ނުބެހުމަށް އިސްލާމިކް މިނިސްޓްރީން އަންގައި، ގިނަ ދުވަސްތަކެއް ވަންދެން ފުވައްމުލަކުގައި ބަހައްޓާފައި ހުރި ތަކެތިކަން މިކަލް ނޫހަށް އެނގިއްޖެއެވެ. ރައީސް މައުމޫނުގެ ވެރިކަމުގެ ފަހު ދައުރުގައި (މީގެ 10 ވަރަށް އަހަރު ކުރީ 2007 ހިސަބުގައި) ދިވެހިރާއްޖޭގެ ކޮންމެ ރައްޔިތަކަށް ޤުރުއާން ތަރުޖަމާއެއް ހިލޭ ދިނުމުގެ ގޮތުން ތައްޔާރުކުރެވުނު ތަރުޖަމާތަކުގެ ތެރެއިން ބައެއްކަމަށް ވެއެވެ.

ނަމަވެސް އެ ތަރުޖަމާތައް ރަށްރަށަށް ފޮނުވުމުން އޭގައި ކުށް ހުރިކަން، ދީނީ މައުލޫމާތު އެނގޭ ފަރާތްތަކުން ފާހަގަކޮށް ސަރުކާގެ ސަމާލުކަމަށް ގެނައުމުން އިސްލާމިކް މިނިސްޓްރީން ވަނީ އެތަރުޖަމާތައް ނުބެހުމަށް އަންގާފައެވެ.

ފުވައްމުލަކަށް ފޮނުވާފައި ހުރި ޤުރުއާން ތަރުޖަމާ ފޮތްތަކުގެ ވެރިފަރާތަކީ ކޮބައިކަމާއި މެދު އެކިފަރާތްތަކުގެ ޚިޔާލު ތަފާތުވެފައި ވެއެވެ. އެގޮތުން މި ތަރުޖާމާތަކުގެ މިލްކުވެރިފަރާތަކީ އިސްލާމިކް މިނިސްޓްރީ ތޯ، ރައީސް އޮފީސް ތޯ ނުވަތަ ފުވައްމުލައްކު ސިޓީ ކައުންސިލް ތޯ މިއީ މުޅިން ސާފުނުވާ ކަމެކެވެ. ބައެއް ފަރާތްތަކުން ދެކެނީ އެއީ އިސްލާމިކް މިނިސްޓްރިގެ ތަކެތިކަމަށެވެ. އެއެއްޗެހިތައް ސިޓީކައުންސިލްގެ ބެލުމުގެ ދަށުގައި ހުރީ ކަމަށެވެ.

މިކަލް ނޫހަށް އެނގިފައިވާ ގޮތުގައި މިތަކެތި ނައްތާލުމުގެ އުސޫލެއް އަތޮޅު ކައުންސިލަށް އަދި ފަހުން ސިޓީ ކައުންސިލަށް ވެސް ރަސްމީ ސިފައެއްގައި ލިބިފައެއް ނުވެއެވެ. ކުށް ހުރި މިތަރުޖަމާތައް ނަތާލުމުގެ ގޮތުން ވަޅުލުން، ކަނޑު ފެއްތުން ނުވަތަ އެންދުމުގައި އަމަލުކުރާނެ އުސޫލެއް އަދި އެކަމުގެ ބާރެއް ވެސް ކައުންސިލްތަކަށް ލިބިގެނެއް ނުވެއެވެ. ވުމާއިއެކު މިތަކެތި ނައްތާލުމުގެ ގޮތުން އެތަކެތި އުޖާލާ ބޯޓުން މާލެ ފޮނުވީ އިސްލާމިކް މިނިސްޓްރީއާއި ވާހަކަ ދެއްކުމަށްފަހުގައި ކަމަށް ވެއެވެ. ބޯޓު މާލެ ގޮސް ތަކެތި ބޭލުމަށް އިސްލާމިކް މިނިސްޓްރީން ނައައުމުން ބޯޓުން ސިޓީ ކައުންސިލަށް އެންގީ ފުރަން ދަތިވާތީ އެތަކެތި ބޯޓުން ހުސްކުރުމަށް ކަމަށް ވެއެވެ.

އެހިސާބުން ސިޓީކައުންސިލުން އިސްލާމިކް މިނިސްޓްރީ އާއި ވާހަކަ ދެއްކިކަމަށް ވެއެވެ. އިސްލާމިކް މިނިސްޓރްީގެ ގުދަންތަކުގައި އެވަގުތު ޖާގަ ނެތިގެން އެތަކެތި ބެހެއްޓޭނެ ގޮތެއް ނެތް ކަމަށް އެންގި ކަމަށް ވެއެވެ.

އެހިސާބުން ސިޓީ ކައުންސިލުން މަސައްކަތްކުރީ ވެމްކޯ އާއި ވާހަކަ ދައްކައިގެން ކުށް ހުރި ޤުރުއާން ތަރުޖަމާގެ ކޮޕީތައް ނައްތާލުމުގެ ކަންތައްތައް ކުރިޔަށް ގެންދިއުމަށެވެ. ތިލަފުށީގައި ކުނި ނައްތާލުމުގެ މަސައްކަތް ކުރާއިރު މިފަދަ ޚާއްސަ ތަކެތި ނައްތާލުމުގައި ޢަމަލުކުރާނެ އުސޫލުތަކެއް ގާއިމުކުރެވިފައި ވާކަމަށް ވެއެވެ. ވެމްކޯއަށް މިތަކެތި ހަވާލުވުމަށް “ކޯޓުކޮށް ދިނުމަށް” އެދުމުން ތަކެއްޗާއި ހަވާލުވެވޭނީ ތިލަފުށީ ސައިޓަށް ގެންދިއުމުން ކަމަށް ހާމަކުރި ކަމަށް ވެއެވެ.

އެއާއެކު ސިޓީ ކައުންސިލުން އެގޮތުން ކޮންޓްރެކްޓަށް ބަޔަކާއި ހަވާލުކޮށް ދޯންޏެއްގައި ކުށް ހުރި ޤުރުއާން ތަރުޖަމާގެ ކޮޕީތައް، އެކަމަށް ކަނޑައެޅިފައިވާ އުސޫލާއި އެއްގޮތަށް ނައްތާލުމަށް ތިލަފުއްޓަށް (ވެމްކޯއަށް) ފޮނުވީ ކަމަށް ވެއެވެ. އެގޮތުން ގެންދިޔަ 135 ފޮށިގަނޑު އެ ގެންދިޔަ ދޯނީން ތިލަފުއްޓަށް ދައްކަންޖެހޭ ފައިސާ ދައްކައި ލިޔެކިޔުންތައް ފުރިހަމަ ކުރުމަށް ފަހު، ބާލައި ވަކި ތަރުތީބަކުން ބަހައްޓާފައި ހުރިކަން ފޮޓޯތަކުން ހާމަވެއެވެ. ދޯނީގެ ފަރާތުން މިތަކެތި ބާލައި އަދި އެއީ ކުށްހުރި ޤްރުއާނުގެ ތަރުޖަމާތަކެއް ކަމަށް ވެމްކޯގެ ކަމާއި ގުޅޭ އޮފިޝަލުންނަށް އެންގި ކަމަށް ވެއެވެ. އަދި މި ފޮށިގަނޑުތަކުގައި އެއީ ޤުރުއާން ތަރުޖަމާކަމަށް ލިޔެފައި ވެއެވެ.

ފަހުން، ތިލަފުށީގައި ބަހައްޓާފައި ހުރި މިފޮށިގަނޑުތައް ބަޔަކު ވީދައި، ހަލާކުކޮކޮށް ކުށް ހުރި ޤުރުއާން ތަރުޖަމާތައް ނަގައި އެއިގެ ފޮޓޯތައް ސޯޝަލް މީޑިއާގައި އާއްމުކޮށްފައި ވެއެވެ. އަދި މާްތަވެގެންވާ ފޮތްކަމުގއި ވާ ޤުރުއާނަށް އިހާނެތިކޮށް ހިތާފައިވާ ކަމަށް ބުނެ އެކަމާއި ޝުއޫރުތައް ފާޅުކުރަމުން ދެއެވެ. ގިނަބަޔަކު ގަބޫލުކުރާނީ މިއީ ސިޔާސީ ވިސްނުމެއްގައި ބަޔަކު ކުރާކަމެއްކަމަށެވެ.

މިމައްސަލަ ފުލުހަށް ރިޕޯރޓް ކޮށްގެން ތަހުގީގުކުރަމުން އެބަދެއެވެ. އަދި ކަމާިއ ގުޅުން ހުރި ލިޔެކިޔުންތކުގެ ހެކިތައް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ވެއެވެ.

އަދި މިކަމަކީ ސިޔާސީ ގޮތުން އެއްބައެއްގެ އަގުވައްޓާލައި ބަދުނާމު ކުރުމަށް ދީނީ ކަންކަން ބޭނުންކުރާ އުސޫލުން ކުރާ ކަމެއްކަމަށް ވެސް ބައެއް ފަރާތްތަކުން ސިފަކުރެއެވެ. ނަމަވެސް މިކަމާއި ގުޅުންހުރި އެއްވެސް އިދާރާއަކުން ރަސްމީ ސިފައެއްގައި މިކަމުގައި އެއްބަޔަކު އަނެއްބަޔަ ކުށްވެރިކޮށްފައެއް ނުވާކަން ފާހަގަ ކުރެވެއެވެ. އެކަމަކު ސިޔާސީ ބައެއް އެކްޓިވިސްޓުން މިކަމުގައި ފުވައްމުލަކު ސިޓީކައުންސިލް ބަދުނާމު ވާގޮތަށް ވާހަކަދައްކަމުން ދެއެވެ.

މިކަމާއި ގުޅިގެން މިކަލް ނޫހުން ސިޓީކައުންސިލާއި ސުވާލު ކުރުމުން މިމައްސަލާގައި އަދި އެއްޗެއް ބުނަން ބޭނުންނުވާމަށް ހާމަކުރިއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !