19 ޖޫން 2018 (އަންގާރަ)


ރޯހިންޔާ މުސްލިމުން މެރުމަށް ހިތްވަރުދިން ރާކޭޝް ޗެންނާ އަކީ ކާކު؟

 - ފައިލް ފޮޓޯ

- ފައިލް ފޮޓޯ

މިޔަންމާގައި ދިރިއުޅެމުންދާ ބައިމަދު ރޮހިންޔާ ދަރިކޮޅު މުސްލިމުންނާ ދެކޮޅަށް ކުރިއަށްދާ ލާއިންސާނީ ނުވަތަ ނަސްލު ނައްތާލުމުގެ ހަރަކާތަކީ މިއަދު ބައިނަލް އަގްވާމީ ސަމާލުކަމަށް އައިސްފައިވާ ކަމެކެވެ. ސޯޝަލް މީޑިއާގައި އެކަމާއި ދެކޮޅަށް ތަފާތު ޚިޔާލުތައް ފާޅުކުރެވެމުންދެއެވެ. ނަމަވެސް މިޔަންމާގެ ބުޑިސްޓުންނާއި ސިފައިން ކުރިއަށ ްގެންދާ މިލާ އިންސާނީ ނުވަތަ ނަސްލު ނައްތާލުމުގެ ކެމްޕޭނަކަށް ބަދަލެއްނާދެއެވެ. 

ޔޫއެން އާއި އިންސާނީ ހައްގުތަކަށް ގޮވާލާ ޖަމާއަތްތަކާއި ދުނިޔޭގެ ސުލްހަ ގާއިމްކުރުމުގެ ޒިންމާ އަމިއްލައަށް ނަގައިގެން އުޅޭކަމަށް ދައުވާކުރާ އެމެރިކާ ފަދަ ގައުމުތަކުން ކުރެވޭ މާބޮޑުކަމެއް ނެތުމުގެ ސަބަބުން އެމެރިކާ އާއި އެފަދަ ޖަމިއްޔާތަކަށް ފާޑުކިޔާ މީހުން ސޯޝަލް މީޑިއާގައި މަދެއްނޫނެވެ. ހާލަތު މިހާހިސާބުގައި ވަނިކޮށް ސޯޝަލް މީޑިއާއަށް ތިލަވެގެން ދިޔައީ ރާކޭޝް ޗެންނާ ނަމުގައި ހުޅުވިފައިވާ ފޭސްބުކް އެކައުންޓަކުން ބައިމަދު ރޮހިންޔާ މުސްލިމުން ގަތުލުކުރަށް ހިތްވަރުދީ ކުރި މެސެޖެކެވެ. މިމެސެޖާއި ގުޅިގެން އެފަދަ އެހެން މެސެޖްތަކެއް ތިލަވިނަމަވެސް، މިރާކޭޝް ޗެންނާއެއް މަޝްހޫރުވެގެން މިދިޔައީ އޭނާއަކީ ސައޫދީ އަރަބިއްޔާގައި މަސައްކަތްކުރާ މީހެއްކަމަށް އޭނާގެ ޕްރޮފައިލްގައި ވުމުންނެވެ. މުސްލިމުންގެ ތައްޕާހުން ކައިގެން މުސްލިމުން މެރުމަށް ހިތްވަރުދޭ މީހުން އަވަހަށް ސައޫދީ އަރަބިއްޔާއިން ބޭރުކުރުމަށް ގޮވާލާ މެސެޖްތައްވެސް އާންމުވާން ފެށިއެވެ.

މި ރާކޭޝް ޗެންނާ އާއި ގުޅިގެން އޭނާއާ ބެހޭގޮތުން ސޯޝަލް މީޑިއާގައި ދައުރުވާން ފެށި ރިޕޯޓްތައް ބުނާގޮތުން އޭނާއަކީ ފޯރެވާ ލިވިންގ ގެ އޯނަރެވެ. ލިވިން ސައޫދީ އަރަބިއްޔާ ކިޔާ ވެބްސައިޓެއް ބުނާގޮތުން އެބައިމީހުންނާއިވެސް އެމައުލޫމާތު ބަޔަކު ހިއްސާކޮށްފައިވެއެވެ. ނަމަވެސް، ރާކޭޝް ޗެންނާއަކީ ފޯރެވާ ލިވިންގެ ވެރިމީހާ ނުވަތަ އެތަނުގައި މަސައްކަތްކުރާ މީހެއްކަމާއިމެދު ސުވާލުއުފެދޭކަމަށް އެމީހުން ފާހަގަކުރެއެވެ. ސައޫދީ އަރަބިއްޔާގައި ފޯރެވާ ލިވިން ގެ ދެއޮފީހެއް ހުންނައިރު އެދެ އޮފީސްހުރީ ރިޔާޒު އާއި ޚުބާރުގައެވެ. ރާކޭޝް ޗެންނާ ދިރިއުޅެނީ ޖިއްދާގައި ކަމަށްބުނެފައިވާއިރު ޖިއްދާގައި ފޯރެވާ ލިވިން ގެ އޮފީހެއް ނުހުރެއެވެ.

ރާކޭޝް ޗެންނާގެ އެބުނާ ފޭސްބުކް ޕްރޮފައިލެއް މިހާރުނެތެވެ. ފަހަރުގައި ކުރީގެ އެކައުންޓް ޑީއެކްޓިވޭޓް ކުރީކަމަށް ނުވަތަ އޭނާ އަމިއްލައަށް އެކައުންޓް ނުވަތަ އެމައުލޫމާތު ޑިލީޓްކުރީކަމަށް ވެދާނެއެވެ. "މިފިޑި ރާކޭޝް ޗެންނާ ވަނީ އޭނާގެ ޕްރޮފައިލް ބަދަލުކޮށް ފޮޓޯ ބަދަލުކޮށް ނަމާއި އެޑްރެސްވެސް ބަދަލުކޮށްފައި، އަހަރެން އޭނާއަށް އެބަފާރަވެރިވަން، އޭނާ އަދިވެސް ހުރީ ޖިއްދާގައި، ކޮންމެވެސް މީހަކު އޭނާ މަސައްކަތްކުރާ ކުންފުނި ހޯދުމަށްފަހު ސައޫދީގެ ކަމާއިބެހޭ ފަރާތްތަކާއި ހަވާލުކޮށްދެއްވާ" ފޭސްބުކް ގައި ރާކޭޝްއަށް ފާރަވެރިވާ މީހަކު ލިޔެފައިވެއެވެ. އޭނާއަށް ފާރަވެރިވާ އެހެން މީހަކު ބުނެފައިވާ ގޮތުން މިރާކޭޝް ޗެންނާ ވަނީ ޓޯނީ ނޮޓް (Tony Ynot)  އަށް ނަން ބަދަލުކޮށްފައެވެ. 


ކިޔުންތެރިންގެ ޚިޔާލު

ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!

މިލިޔުމަށް ޚިޔާލެއް ލިބިފައި ނެތް!