22 ނޮވެމްބަރ 2017 (ބުދަ)


އަލީ ޝާހުގެ ގޮނޑި ގެއްލިއްޖެ

 - ފައިލް ފޮޓޯ

- ފައިލް ފޮޓޯ

ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހުގެ ގޮނޑި ގެއްލިއްޖެކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައި އެކަން ރައްޔިތުންގެ މަޖިލީހަށް އަންގައިފިއެވެ. އަލީ ޝާހުގެ އިތުރުން ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ ގެ ގޮނޑި ގެއްލިފައިވާ ކަމަށްވެސް އީސީ އިން ރައްޔިތުންގެ މަޖިލީހަށް ވަނީ އަންގަވާފައެވެ.

މިމެމްބަރުންގެ ގޮނޑިގެއްލިފައިވާ ކަމަށް އީސީ އިން ކަނޑައަޅާފައިވަނީ އެ މެމްބަރުން ކުރިން ތަމްސީލުކުރި ޕީޕީއެމް އިން އެމެމްބަރުންގެ ސުކޫލީ މައްސަލަ ބަލައި ޕާޓީން ވަކިކުރިކަމަށް މިދިޔަ ހޮނިހިރު ދުވަހު ކަމަށް ކަނޑައަުމަށްފަހު އިލެކްޝަނަށް ފޮނުވުމުންނެވެ. ނަމަވެސް އެމެމްބަރުން ބުނަމުންގެންދަނީ އެމެމްބަރުންނަކީ ޕީޕީއެމް އިން މާކުރިންވެސް ވަކިވެފައިވާ މެމްބަރުން ކަމަށެވެ. 

ޕީޕީއެމް އިން މި މެމްބަރުން މިދިޔަ ހަފުތާގައި ވަކިވި ކަމަށް ނިންމީ ސުޕްރީމް ކޯޓުގެ ހުކުމަށް ފައްތަންވެގެންނެވެ. އެ ހުކުމުގައި ވަނީ މެންބަރަކު މަޖިލީހަށް އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވުމުން، ވަކިވުމުން ނުވަތަ ޕާޓީން ވަކިކުރުމުން މަޖިލީހުގެ މެންބަރުކަން ގެއްލޭނެ ކަމަށެވެ. އެކަމަކު ކުރިން ހިނގާފައިވާ ކަންކަމަށް އެ ހުކުމުގެ ބާރު ނުފޯރާނެ ކަމަށް ވެސް އެ ކޯޓުގެ ހުކުމުގައިވެ އެވެ.

ނަމަވެސް، މި ތިން މެމްބަރުން ވެސް ޕާޓީން ވަކިވާން ސިޓީ ހުށަހެޅުއްވީ ހުކުމުގެ ކުރިންނެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާގޮތުން، އެއްވެސް މީހަކު ގަދަކަމުން ޕާޓީގައި ނުހިފެހެއްޓޭނެ އެވެ. އެހެންކަމުން ޕީޕީއެމުން ވަކިވާން މި މެމްބަރުން އަމިއްލަ އަށް ސިޓީ ހުށަހެޅުއްވި ހިސާބުން ޕާޓީން ވަކިވާނެކަމަށް އެމެމްބަރުން ވިދާޅުވެއެވެ.

ޕީޕީއެމުން މިހާތަނަށް ވަނީ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފާއި ވިލިނގިލީ ދާއިރާގެ ސައުދު ހުސައިނާއި ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ) އާއި މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ އަބްދުﷲ ސިނާން އަދި ދަނގެތީ ދާއިރާގެ އިލްހާމް އަހްމަދާއި ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހްމަދު ޕީޕީއެމުން ވަކިކުރަން ނިންމައިފަ އެވެ.

ކިޔުންތެރިންގެ ޚިޔާލު

ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!

މިލިޔުމަށް ޚިޔާލެއް ލިބިފައި ނެތް!