20 ސެޕްޓެމްބަރ 2018 (ބުރާސްފަތި)


ޗުއްޓީއަށް ރަށުން ފުރައިގެން ދިއުމުގެ ކުރިން ގެދޮރާއި މުދަލުގެ ރައްކާތެރިކަމަށް ސަމާލުކަން ދިނުމަށް ފުލުހުން އެދެފި

 - ފައިލް ފޮޓޯ

- ފައިލް ފޮޓޯ

މި ދުވަސްވަރަކީ ސްކޫލުތަކުގެ ކިޔެވުން ނިމި ސްކޫލުތައް ބަންދުވުމާއެކު ލިބޭ ބޮޑު ޗުއްޓީގައި ގިނަ ޢަދަދެއްގެ ބަޔަކު އެކި ދިމަދިމާއަށް ދަތުރުކުރާ ދުވަސްވަރަށްވާތީ، ޗުއްޓީއަށް ރާއްޖެއިން ބޭރަށް ނުވަތަ އަތޮޅު ތެރެއަށް ފުރައިގެން ދިއުމުގެ ކުރިން ގެދޮރާއި މުދަލުގެ ރައްކާތެރިކަމަށް ސަމާލުކަން ދިނުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

ރަށުން ބޭރަށް ވަޑައިގަންނަވާނަމަ ގޭގައި ހުންނަ އަގޮބޮޑު އަދި ފަސޭހައިން އުފުލައި ގެންގުޅެވޭ ޒާތުގެ ތަކެތި ބޮޑަށް ރައްކާކޮށް، ގޭގައި ފައިސާ ރައްކާކުރުމުގެ ބަދަލުގައި ޗުއްޓީއަށް ދިޔުމުގެ ކުރިން ބޭންކަށް ފައިސާ ޖަމާކުރުމަކީ ރައްކާތެރިކަމުގެ އެޅިދާނެ ފިޔަވަޅެކެވެ. އަދި ޕާސްޕޯޓާއި އައިޑީ ކާޑު އަދި ކޭޝްކާޑު ފަދަ މުހިއްމު ތަކެތި ހާމަތަންތަނުގައި ނުބަހައްޓައި ރައްކާކުރުމާއި ޗުއްޓީގައި ހުރިނަމަވެސް ކޮންމެވެސް ފަރާތެއް މެދުވެރިކޮށް ދޭތެރެ ދޭތެރެއިން ގޭގެ ހާލަތު އޮޅުން ފިލުވުމަށް ފުލުހުން އިލްތިމާސްކުރެއްވިއެވެ.

މީގެއިތުރުން ދިރިއުޅެމުންދާ ގެ ނުވަތަ އެޕާޓްމަންޓް ހުސްކޮށް ބަހައްޓާފައި ރަށުން ބޭރަށް ދާނަމަ އިތުބާރުކުރެވޭ ޒިންމާދާރު ފަރާތަކާ ގެ ބަލަހައްޓަން ހަވާލުކުރުމާއި ގޭގައި އެކަށީގެންވާ އަލިކަމެއް ބެހެއްޓުމުގެ އިތުރުން ގެއަށް ފަސޭހައިން ވަދެވޭގޮތަށް ހުރި ތަންތަން ރަނގަޅަށް ބަންދުކުރުމަކީވެސް ރައްކާތެރިކަމުގެ ގޮތުން އެޅިދާނެ މުހިއްމު ފިޔަވަޅުތަކެއްކަމަށާއި، އަދި ގެއިން ބޭރުގައި ބަހައްޓާފައިވާ ބޫޓު ނުވަތަ ފައިވާން ފަދަ ތަކެތީގެ ތެރޭގައި ތަޅުދަނޑު ފަދަތަކެތި ނުބެހެއްޓުމާއި ގޭގެ އެއްވެސް ދޮރެއް ތަޅު ހަލާކުވެފަ ހުރިނަމަ ތަޅު ބަދަލުކޮށް ތަޅުދަނޑި ފަދަ ތަކެތި އިތުބާރުކުރެވޭ ޒިންމާދާރު ފަރާތެއްގެ އަތުގައި ރައްކާކުރުމަކީވެސް ކުރެވިދާނެކަމެއްކަަމަށްވެސް ފުލުހުން ހާމަކުރައްވައެވެ.

ކިޔުންތެރިންގެ ޚިޔާލު

ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!

މިލިޔުމަށް ޚިޔާލެއް ލިބިފައި ނެތް!