20 ސެޕްޓެމްބަރ 2018 (ބުރާސްފަތި)


ފުވައްމުލަކު ގޮޑުދޮށް ހިމާޔަތްކުރަން އެހީ ލިބިއްޖެ

ފުވައްމުލަކުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ އެހީގެ އެއްބަސްވުމުގައި ސޮއިކުރައްވަނީ، ފޮޓޯ: ފިނޭންސް މިނިސްޓްރީ

ފުވައްމުލަކުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ އެހީގެ އެއްބަސްވުމުގައި ސޮއިކުރައްވަނީ، ފޮޓޯ: ފިނޭންސް މިނިސްޓްރީ

ފުވައްމުލަކުގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށް 10.7 މިލިއަން ޑޮލަރުގެ އެހީއެއް ލިބިއްޖެއެވެ. މިއެހީ ދީފައިވަނީ ނެދަލޭންޑްސްގެ އެންޓަޕްރައިސް އޭޖެންސީ (އޯރިއޯ) އިންނެވެ.

އެހީގެ އެއްބަސްވުމުގެ ދިވެހި ސަރުކާރުގެ ފަރާތުން ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ސޮއިކުރެއްވިއިރު އޯރިއޯގެ ފަރާތުން ސޮއިކުރެއްވީ ސްރީލަންކާގައި ހުންނަ ނެދަލެންޑްސް އެމްބަސީގެ ޑެޕިއުޓީ ހެޑް އޮފް މިޝަން އިވާ ވާސަމް އެވެ. މިހަފުލާ ބޭއްވިފައިވަނީ ސްޓެލްކޯގެ މާލަމުގައި އިއްޔެއެވެ. މިހަފްލާއަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ މަސީހު ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

އެ ހަފްލާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މުނައްވަރު ވިދާޅުވީ ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއަކީ އޯރިއޯ އިން ދޭ 10.7 މިލިއަން ޑޮލަރުގެ ހިލޭ އެހީ އާއި ކުވައިތު ފަންޑުން ދޭ ލޯނު އެހީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ 25.5 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް ކަމަށެވެ.

ކުވައިތު ފަންޑުން ދިން ލޯނުގެ އެއްބަސްވުމުގައި މިދިޔަ ޖުލައި މަހު ވަނީ ސޮއިކޮށްފަ އެވެ.

އެންވައިރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވީ އެ މަސައްކަތް ކުރަމުން އަންނަތާ ހަތަރު އަހަރުވެއްޖެ ކަމަށާއި އެގޮތުން އެ ރަށުގެ ސާވޭ ހެދުމާއި އީއައިއޭ ރިޕޯޓުގެ އިތުރުން ބައެއް ޑިޒައިން މަސައްކަތްތައް ނިމިފައިވާ ކަމަށެވެ. މި ޕްރޮޖެކްޓުގެ ދަށުން ފުވައްމުލަކުގެ 2650 އަކަފޫޓުގެ ގޮނޑުދޮށް ހިމާޔަތް ކުރާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

ރަށް ގިރުމުގެ މައްސަލައަކީ ފުވައްމުލަކަށް ވަރަށް ބޮޑަށް ދިމާވެފައިވާ މައްސަލައެކެވެ. 

ކިޔުންތެރިންގެ ޚިޔާލު

ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!

މިލިޔުމަށް ޚިޔާލެއް ލިބިފައި ނެތް!