17 އޮކްޓޯބަރ 2018 ( ބުދަ )

banner

ސީއެމްސީއޭގެ ދަތުރުގައި ދަރިވަރުން ޗައިނާގެ ހާބިންގައި. ފޮޓޯސީއެމްސީ

ޗައިނާއަށް ދިޔަ ދަރިވަރުން އެނބުރި މާލެ އަތުވެއްޖެ

ޗައިނާ މޯލްޑިވިއަން ކަލްޗަރަލް އެސޯސިއޭޝަނުން (ސީއެމްސީއޭ) ގެ ފަރާތުން ޗައިނާއަށް ދިޔަ ދިވެހި ދަރިވަރުން އެނބުރި ރޭ މާލެ އަތުވެއްޖެއެވެ. މިދަތުރުގައި ފުވައްމުލަކުގެ 6 ދަރިވަރަކު ހިމެނެއެނެވެ. އަށް ދުވަހުގެ މިދަތުރުގައި އެދަރިވަރުން މާލެއިން ފުރާފައި ވަނީ ފާއިތުވި ޑިސެމްބަރު މަހު 23 ވަނަ ދުވަހުއެވެ.

މިދަތުރުގައި ފުވައްމުލައް ސިޓީގެ އިތުރުން މިފަހަރު ބައިވެރިކޮށްފައި ވަނީ ރ.އަތޮޅާއި ލާމު އަތޮޅުން، 13 އަހަރާއި 16 އަހަރައި ދެމެދުގެ ޖުމްލަ 16 ދަރިވަރުން ނެވެ. މިފަހަރުގެ ދަތުރުގައި ފުވައްމުލަކުން ބައިވެރިވެފައި ވަނީ 4 އަންހެން ކުދިންނާއި 2 ފިރިހެން ކުދިންނެވެ. އެއީ ރަންދާ، ޒީން، ޖީހާން، އަނާ، ޒަޔާން އަދި ޒިއާން އެވެ. މިކުދިންނަށް މިފުރުސަތު ލިބުނީ ފުވައްމުލައް ސިޓީ ކައުންސިލާއި ސީއެމްސީއޭ ގުޅިގެން ބޭއްވި އިނގިރޭސި ބަހުން މަޒުމޫނު ލިއުމުގެ އިމްތިހާނަކުން އެންމެ މަތިން މާކްސް ހޯދައިގެންނެވެ.  

ސީއެމްސީއޭގެ ޗައިނާ މޯލްޑިވްސް ކަލްޗަރަލް އެކްސްޗޭންޖް ޕްރޮގްރާމުގެ ދަށުން މިދަރިވަރުން ވަނީ ޗައިނާގެ ބޭއިޖިން އަށާއި އުތުރުން ވަރަށް ފިނި ސަރަހައްދެއްގެ ރަށެއް ކަމަށްވާ ހާބިން އަށް ވެސް ގޮސްފައެވެ. ހާބިންގައި 20- ޑިގްރީ ގެ ފިނިކަން ދަރިވަރުން ވަނީ ތަޖުރިބާކޮށްފައެވެ.

މިދަތުރުގައި ދަރިވަރުން ވަނީ ބޭޖިންގެ ބައެއް މިއުޒިއަމްތަކާއި، ހާބިންގެ އައިސް ސްކަލްޕްޗަރތަކާއި ޗައިނާގެ ފޮބިޑެން ސިޓީ އާއި ބޮޑުފާރު (ގްރޭޓް ވޯލް) އަށް ވެސް ގޮސްފައި ވެއެވެ. މީގެ އިތުރުން ޗައިނާގެ މުށިން ތަކެތިހަދާ ތަންތަނާއި (ޕޮޓަރީ) އާރޓް އެންޑް ކެލިގްރަފީ ދަރިވަރުން ވަނީ އަމިައްލައަށް ތަޖުރިބާ ކޮށްފައިކަމަށް ދަތުރުގެ ބައިވެރިން ހާމަކުރެއެވެ.   

އަމިއްލަ ޖަމްއިއްޔާއެއް ކަމަށްވާ ސިއެމްސީއޭ އިިން ފިނި މޫސުމާއި ދިމާކޮށް މިފަދަ ދަތުރެއް ރޭވުމުގެ ބޭނުމަކީ ދަރިވަރުންނަށް ދުނިޔޭގެ އެހެން ގައުމުތަކުގެ މީހުންގެ ދިރިއުޅުން ތަޖުރިބާކޮށްލަށް ފުރުސަތު ހޯދައި ދިނުމާއި ތަފާތު މޫސުމުގައި މީހުގެ ދިރިއުޅުން ހުންނަގޮތް ދަރިވަރުން އަމައްލައަށް ތަޖުރިބާކޮށްލަން ފުރުސަތު ހޯދައިދިނުން ކަމަށް ސީއެމްސީއޭގެ ފައުންޑަރ މެންބަރު މުހަންމަދު ރަޝީދު (ކުރީގެ ރައީސް، ރައީސް ނަޝީދުގެ އިކޮނޮމިކް މިނިސްޓަރު) ހާމަކުރެއްވިއެވެ.

މިދަތުރުގެ ހުރިހާ ޚަރަދެއް ކޮށްފައިވަނީ އެމްސީއޭއާއި އެ އެސޯސިއޭޝަނާއި ގުޅިފައިވާ ޗައިނާގެ ސުން ޗިން ލިން ފައުންޑޭޝަނުންނެވެ. މިދަތުރުގައި ދަރިވަރުންނަށް ވަރަށް ފުރިހަމަ މެހުމާންދާރީއަކާއި ޚިދުމަތްތަކެއް ލިބުނުކަން ދަރިވަރުންނާއި ބެލެނިވެރިން ވެސް އުފަލާއެކު ފާހަގަ ކުރެއެވެ. މުޅި ދަތުރުގެ ހުރިހާ ކަމެއް ވެސް ވަނީ ވަރަށް ފުރިހަމަށް އަށް ރާވާ ތަރުތީބު ކުރެވިފައެވެ. މިކަމަށް ބެލެނިވެރިންނާއި ދަރިވަރުންގެ ޝުކުރާއި ތައުރީފު ސީއެމްސީއޭ އަށް އޮހެނީއެވެ. މިއީ ސީއެމްސީއޭއިން ކުރިޔަށް ގެންދިޔަ މިފަދަ ދެ ވަނަ އެކްސްޗޭން ޕްރޮގްރާމެވެ.

މިއަށް ވުރެ އިތުރު ބައިވެރިންނާއެކު މި އަހަރު ވެސް މިޕްރޮގްރާމު ކުރިޔަށް ގެންދާނެ ކަމަށް ވެއެވެ. ނަމަވެސް މިއަހަރުގެ ދަތުރުން ފުވައްމުލަކު ކުދިންނަށް ފުރުސަތު ލިބުން ދުރެވެ. އެހެނީ ސީއެމްސީއޭއިން ކޮންމެ އަހަރަކު ވެސް ތަފާތު އަތޮޅުތަކުން ކުދިން ހޮވައިގެން ކުރިޔަށް ގެންދާ ޕްރޮގްރާމަކަށް ވާތިއެވެ. 

banner

ކިޔުންތެރިންގެ ޚިޔާލު