17 އޯގަސްޓް 2018 (ހުކުރު)


ސްކޫލް ބަންދުކޮށްފައި ފަތިސް ނަމާދަށް ކުދިން ގެންދިޔައީ ސިޔާސީ ބޭނުމަކު ބާ؟

ދަރިވަރުން ސިޔާސީ ކަންކަމުގައި ބޭނުން ނުކުރުމަށް ގިނަބަޔަކު އެދޭ.

ދަރިވަރުން ސިޔާސީ ކަންކަމުގައި ބޭނުން ނުކުރުމަށް ގިނަބަޔަކު އެދޭ.

މިއަދަކީ މުޅި ރާއްޖޭގެ ސްކޫލަތަކަށް "ފާޑެއްގެ ބަންދު" ދުވަހެކެވެ. ފޯން ކޮންފަރެންސެއްގައި ހުރިހާ ސްކޫލެއްގެ ޕްރިންސިޕަލުންނަށް އެޑިއުކޭޝން މިނިސްޓްރީން ކުރިން އަންގާފައި ވަނީ ވަކި ޚާއްސަ ގޮތްތަކަކަށް މިއަދު އަމަލު ކުރުމަށެވެ. އެއާއި އެކު ސްކޫލްތަކުގެ ޕްރިންސިޕަލުން "އޯޑަރާއި" އެއްގޮތަށް ސްކޫލުގެ ކިޔެވުން ބަންދުކޮށް އެންގުނު ކަންތައްތަކެއް ތަރުތީބު ކުރުވިއެވެ.

ސްކޫލުތަކުގެ ކިޔެވުން ބަންދުކޮށް މިއަދު ޚާއްސަ ކުރެވިފައި ވަނީ ދަރިވަރުން ލައްވައި ފަތިސް ނަމާދު ކުރުވައި ގުރުއާން ކިޔުއްވައި، ޚާއްސަ އެސެމްބްލީ އެއްގައި އޯލެވެލް އިމްތިހާނުގައި ރާއްޖެއިން ހޯދި "ކާމިޔާބަށް" ޝުކުރުވެރިވުމުގެ "ސަނާ" ކިޔުމަށް ކަމަށް ވެއެވެ. ސަނާ ކިޔުމަށް އަންގާފައި ވަނީ މި ސަރުކާރުގެ ރައީސަށާއި އެޑިއުކޭޝަން މިނިސްޓަރަށާއި ސްކޫލުގެ އިސްފަރާތްތަކާއި ދަރިވަރުންނާއި ބެލެނިވެރިން ވެސް ލިސްޓުގެ ފަހަތުގައި ހިމަނައިގެން ކަން ހާމަވީ މިއަދުގެ ހަރަކާތްތަކުގެ އަޑުއަޑުން ނެވެ.  

މިކަލް ނޫހަށް އެނގުނު ގޮތުގައި އެޑިއުކޭޝަން މިނިސްޓަރުގެ ވަރަށް އަރިސް ބޭފުޅަކު ވެސް، އަނބިގޮއްޔެ މިކަމާ ޝަކުވާ ކުރުމުން "ސިއްރުން" ބުނެފައި ވަނީ މިއީ ތިމަންނާ ވެސް ކުރަން އެދޭ ކަމެއް ނޫންކަމަށެވެ. ނަމަވެސް އެހެންމީހުނަށް "ދެއްކުމަށް" ފަތިސް ނަމާދަށް ދަރިފުޅު ގެންދަން ޖެހޭކަމަށެވެ.

އެޑިއުކޭޝަން މިނިސްޓރީގެ ދަށުގައިވާ ތަންތަނުން އެމިނިސްޓްރީގެ އެންގުމާއި އެއްގޮތަށް ދެ ލޯ މަރާލާފައި ރުހުނަސް ނުރުހުނަސް އަމަލު ކުރަން ޖެހެއެވެ. އެހެން ނޫނީ ޕްރިންސިޕަލުންނަށް މަގާމުގައެއް ނުހުރެވޭނެ އެވެ. ޕްރިންސިޕަލު ބުނާގޮތަށް ނަހަދައި ލީޑިން ޓީޗަރުންނާއި ޑެޕިއުޓީންނަކަށް ވަޒީފާގައެއް ނުތިބެވޭނެ އެވެ. އަދި ލީޑިން ޓީޗަރުން ބުނާ ގޮތަށް ނަހަދައި ޓީޗަރުންނަށް ވަޒީފާގައެއް ނުތިބެވޭނެއެވެ. - އަނބައްފުޅާއި ދަނބައްފުޅު ހަނދާނަށް ނާދެހެއްޔެވެ؟

ޕްރިންސިޕަލުންނާއި ލީޑިން ޓީޗަރުން އަދި އެނޫންވެސް ސްކޫލުގެ އިސް ފަރާތްކަށް ގަބޫލުކުރެވު ނަސް ނުކުރެވުނަސް މިފަދަކަންކަން ކުރުން މަޖުބޫރުވެފައި އޮންނަ ކަމަކަށް މިވަނީ ވެފައެވެ. އެއީ މުހިންމު ނޫން ކަމެއްކަމަށް ވިޔަސް އަދި ސިޔާސީ މަންފާއެއް ވަކިބަޔަކަށް ހޯދާއިދިނުމަށް ކުރާ ކަމެއް ވިޔަސް ކުރުން މަޖުބޫރު ވެއެވެ.

އުފެދޭ ސުވާލަކީ ހަމައެކަނި މިއަދުގެ ފަތިސް ނަމާދު ދަރިވަރުން ލައްވައި ކުރުވުމުން އެއީ ދީނީ ކަމަކަށް ސަމާލުކަން ދިނުން ކަމުގައި ބެލެވިދާނެ ހެއްޔެވެ؟ ކިތައް ދުވަހުގެ އަސުރު ނަމާދު ވަގުތުގައި ކުދިން ސްކޫލުގައި ނަމާދަށް ނުގެންގޮސް ކިޔަވައިދޭން ބައިތިއްބާ ހެއްޔެވެ؟ ދަރިވަރުން ނަމާދުކުރަން ސްކޫލުން ބާރު އަޅަނީ ކިހާ މިންވަރަކަށް ހެއްޔެވެ؟ ޓައިމް ޓޭބަލް ހަދާއިރު ނަމާދު ވަގުތު ހުސްނުކޮށް މިހެން "ޖަހާލާ ބެރަކުން" ދަރިވަރުންގެ ހިތްތަކުގައި ނަމާދަށް ގަދަރެއް އުފެއްދިދާނެ ހެއްޔެވެ؟

މިހޯދުނު "މޮޅު" ނަތީޖާގައި ބޮޑީ ދަރިވަރުންނާއި ބެލެނިވެރިންގެ ހިއްސާ ހެއްޔެވެ؟ ނުވަތަ ސްކޫލުގެ ހިއްސާ ހެއްޔެވެ؟ ނޫނެކެވެ. މިކަމުގެ ހާލަތަށް ބަލާއިރު މުހިންމީ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނާިއ ބެލެނިވެރިންނެއް ނޫނެވެ. ސަރުކާރުގެ ވެރިންކަން ހާމަވީ މިއަދުގެ އެސެމްބުލީތަކުގައި ދެކެވުނު ވާހަކަތަކާއި ސްކޫލަތަކުގެ ސޯޝަލް މީޑީއާ ޕޯސްޓް ކތަކުންނެވެ.

ޖީސީއީ އޯލެވެލް އިމްތިހާނުގައި ހަމައެކަނި މޮޅު ކުދިން ބައިވެރިކޮށްގެން ހޯދާ ނަތީޖާއަކީ މުޅި މުޖުތަމިއުގެ އިލްމީ ހާލަތު ދައްކުވައިދޭ ކަމެއް ހެއްޔެވެ؟ މޮޅު ނަތީޖާ ހޯދި ކުދިންގެ ކިޔެވުމަށް ސްކޫލުގެ ދައުރަކީ ކޮބައިކަން އިތުރަށް ސާފުކުރަން ވަނީ ޖެހިފައެވެ. އެހެނީ ބެލެނިވެރިންގެ ޖީބުން ޓިއުޝަން ދިނުމަށް ކުރި ހޭދައާއި ސްކޫލުން ލިބުނު އެހީތެރިކަމާއި އަޅާ ކިރާލުން މުހިންމެވެ.

ބެލެނިވެރިންގެ ފަރާތުން ލިބުނު މައުލޫމާތަށް ބަލާއިރު މޮޅު ނަތީޖާ ހޯދުމުގައި އެމީހުން އުފުލި ބުރައާއި ކުރި ޚަރަދު ސްކޫލުން ދިން އެއްބާރުލުމާއި އަޅާވެސް ނުކިޔޭނެ އެވެ. ޚާއްސަކޮށް ސެކަންޑަރީ މަރުހަލާގައި އެކަން ވަރަށް ބޮޑުކަމަށް އެ ބެލެނިވެރިން ދެކެއެވެ.

މިއީ ސިޔާސީ "ސްޓަންޓެއް" ކަމަށް ބެލެވެނީ މުޅި ރާއްޖޭގެ ހުރިހާ ސްކޫލެއް، އޯލެވެލް އިންތިހާނުގައި ބައިވެރިނުވާ ޕްރައިމަރީ ސްކޫލްތަކާއި ޕްރީ ސްކޫލްތައް ވެސް އެއްކޮށްލައިގެން މިހަރަކާތް ގެންގޮސް އަދި އެކަމުގެ ލައިވް ފީޑްއިން ޓްވިޓާރ ފަދަ ސޯޝަލް މީޑިއާ ފީޑްތައް "ފްލަޑް" ކޮށްލުމަށް މަސައްކަތްކޮށްފައިވާ ގޮތުންނެވެ.

ސްކޫލް ދަރިވަރުން ލައްވައި ނަމާދުކޮށް ޤުުއާން ކިޔެވުމަކީ އޭގެ ޒާތުގައި ވަރަށް ރަނގަޅު ގިނަބައެއްގެ ތައުރީފު ލިބިގެންދާނެ ކަމަކެވެ. ނަމަވެސް މިފަދަ ކަންކަން ކުރުމުގެ ހާލަތާއި ވަގުތުގެ ގޮތުން، އެކަން ގޯސްވެގެން ހިނގައިދާނެ ކަމަށް ބެލުމަކީ މުހިންމު ކަމެކެވެ. ދީނީ ކަންކަން ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރުމަށް ދީނަށް ލޯބިކުރާ އެއްވެސް ފަރާތަކުން ނޭދޭނެއެވެ.

މިއީ ރިޔާސީ ކެމްޕޭނުގައި ސަރުކާރަށް މެޑެލް' ޖެހުމުގެ ގޮތުން ކުރިޔަށް ގެންދެވުނު ހަރަކާތެއްކަމަށް ކަމަށް އިދިކޮޅު ފަރާތްތަކުން ސިފަކުރެއެވެ.

ސްކޫލްތައް މިއަދު މި ވަނީ ސިޔާސީވެފައި ކަމަށް ގަބޫލުކުރާ މީހުން މަދެއްނޫނެވެ. ނަމަވެސް ވިސްނަންވީ ކަމަކީ، ބެލެނިވެރިންނާއި އާއްމު ރައްޔިތުން އެމީހުންގެ ހައްގުތައް ފުރިހަމައަށް ބޭނުންކުރަން ފަށައިފިނަމަ ސްކޫލްތަކަށް ވެސް ދަރިވަރުން ބޭނުންކޮށްގެން ހިތު ހުރިހާ ސިޔާސީ ކުޅިގަނޑެއް ނުކުޅެވޭނެކަމެވެ. މިފަދަ ނަމޫނާ މަންޒަރެއް މީގެ ކުރިން ފެނިފައި ވަނީ އެޑިއުކޭޝަން މިނިސްޓްރީ އާއި ސްކޫލުތަކުން ދަރިވަރުން ސްކޫލަށް ފޮނުވަން އެންގުމުން ވެސް ނުފޮނުވައި، ހާލަތު ބަދަލުވުމުން އަމަލުކުރި ހިކުތްތެރި ގޮތުްނނެވެ. މިއީ ބެލެނިވެރިން ޒިންމާދާރުކަމާއެކު އަމަލުން ދައްކުވައިދިން ފުރިހަމަ ނަމޫނާއެކެވެ.

މާހައުލުގައި ހިނގާ ކަންކަމަށް ބެލެނިވެރިން ވެސް ހޭލައި، ސިޔާސީ ކަންތައްތައް ހާސިލުކުރުމުގައި ދަރިވަރުން ބޭނުން ކުރުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް، އިދިކޮޅު ފަރާތަކަށް ވެސް ސަރުކާރަށް ވެސް ނުދޭން ވީއެވެ.

ކިޔުންތެރިންގެ ޚިޔާލު

ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!