20 ޖުލައި 2018 (ހުކުރު)


"ކައްތިރި" ނަމުގައި ރައީސް ޔާމީނަށް ތާއިދު ކުރާކަން ދެއްކުމުގެ އެއްވުމެއް ބާއްވަނީ

ޕީޕީއެމް - ފުވައްމުލަކުގެ އެއްވުން ރަމްޒުކޮށްދޭ ބެނަރ އެއް

ޕީޕީއެމް - ފުވައްމުލަކުގެ އެއްވުން ރަމްޒުކޮށްދޭ ބެނަރ އެއް

"ކައްތިރި" ނަމުގައި ރައީސް ޔާމީނަށް ތާއިދު ކުރާކަން ދެއްކުމުގެ އެއްވުމެއް ފުވައްމުލަކުގައި ބާއްވަން ތައްޔާރުވަމުން އަންނަކަމަށް މިކަލް ނޫހަށް މައުލޫމާތު ލިބެއެވެ. މި އެއްވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ 8 މާރޗު ވާ ބުރާސްފަތި ދުވަހުގެ ރޭ ފުވައްމުލަކު ކުރީގެ އިޖުތިމާޢީ މަރުކަޒު ހުރި ސަރަހައްދުގައި ކަމަށް ވެއެވެ.

މި އެއްވުމުގައި ފުވައްމުލަކު ރައްޔިތުންގެ ތެރެއިން ރައީސް ޔާމީނަށް ތާއިދުކުރާ މީހުން ހާމަކޮށްދޭން ބޭނުން ވަނީ އެމީހުން ތިބީ ނުގުޑާފަދަ އަޒުމެއްގައި ސާބިތުކަމާއެކު ރައީސް ޔާމީނާއެކުގައި ކަމަށް ވެއެވެ.

އެގޮތުން އެއްވުމުގެ ބައެއް އިސްތިހާރުތަކުގައި ހުރި ބަސްތަކަށް ބަލާއިރު "މިކަލް ވެންނެން ކުޅި ދައްކާލަންނަ"، "ކޮބާ ތައްޔާރޮ ވެގައްވައެ" އާއި "އެއުއޭ އެއުއޭ އެންމެން އެއުއޭ" ފަދަ އިބާރާތްތައް ހިމެނެއެވެ.

ދޭތެ ދޭތެރެއިން ރައީސް ޔާމީނުގެ ސަރުކާރަށް ތާއިދު ކުރާ ފުވައްމުލަކުގެ މީހުން އަންނަނީ ތަފާތު ނަންނަމުގައި އެއްވުން ތައް ބާއްވަމުންނެވެ. އަދި އެފަދަ އެއްވުންތަކާއި ބައްދަލު ވުންތަކުން ރައީސް ޔާމީނަށް ތާއިދު ކުރުމުގެ އަޑުތައް އުފުލާ ހަދައެވެ.

މިފަދަ އެއްވުންތަކާއި މެދު އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރަމުންދަނީ ސިވިލް ސާވިސް އާއި ސަރުކާރުގެ ކުންފުނިތަކާއި އެހެނިހެން ވެސް އިދާރާތަކުގެ ވަޒީފާގައި ތިބި މީހުންނަށް ވަޒީފާގެ ބިރުދައްކައިގެން އެއްވުން ތަކުގައި ގަދަ ބާރުން ބައިވެރި ކުރަނީ ކަމަށެވެ. އެއްވުން ތަކުގައި ވަޒީފާ ހިމާޔަތް ކުރުމަށް ބައިވެރިވިޔަސް އެމީހުން ވެސް ވޯޓެއް ނުދޭނެ ކަމަށެވެ. 

ނަމަވެސް ސަރުކާރަށް ތާއިދު ކުރާ ފަރާތްތަކުން މިކަން ދޮގު ކުރެއެވެ. އަދި ބުނަމުން ދަނީ ބޮޑު ތަފާތަކުން ފުވައްމުލަކުގެ މެޖޯރިޓީ ވޯޓު އެމީހުން ހޯދާނެ ކަމަށެވެ

އިދިކޮޅު އިއްތިހާދުން އަންނަނީ މިމަހު 16ގައި ސަރުކާރާއި ދެކޮޅަށް ބޮޑު އެއްވުމެއް މުޅި ރާއްޖޭގައި ބޭއްވުމަށް ތައްޔާރުވަމުންނެވެ.

ކިޔުންތެރިންގެ ޚިޔާލު

ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!

މިލިޔުމަށް ޚިޔާލެއް ލިބިފައި ނެތް!