A wide advertisement which will be shown on all devices. (700 x 100)

ކަންގަތި އެވޯރޑްގެ އަތޮޅު ކައުންސިލްތަކުގެ 1ވަނަ ފުވައްމުލަކު އަތޮޅު ކައުންސިލަށް

ފުވައްމުލަކު ސިޓީ ކައުންސިލްގެ މޭޔަރ ފަލާހު ކަންގަތި އެވޯޑާއި ހަވާލުވެވަޑައިގަންނަވަނީ

ލޯކަލް ގަވަރމެންޓް އޮތޯރިޓީން އިންތިޒާމުކުރާ ކަންގަތި އެވޯޑުގެ އަތޮޅު ކައުންސިލްތަކުގެ ބައިން 1 ވަނަ ފުވައްމުލަކު އަތޮޅު ކައުންސިލަށް ލިބިއްޖެއެވެ. މިރޭ ކ. ގުރައިދޫގައި ކުރިޔަށް ގެންދިޔަ ކަންގަތި އެވޯޑު ދިނުމުގެ ރަސްމިއްޔާތުގައި މިއެވޯޑާއި ހަވާލުވެ ވަޑައިގަތީ ފުވައްމުލަކު ސިޓީ ކައުންސިލްގެ މޭޔަރު އަބްދުﷲ ފަލާޙު ޝަރީފެއެވެ. 

މިރޭ މިދެވުނު އެވޯޑަކީ 2016 ވަނަ އަހަރުގެ ކައުންސިލްތަކުގެ ޕާފޯމަންސް އިންޑެކްސްއަށް ބަލައިގެން އެއްވަނަ ހޯދައިގެން ފުވައްމުލަކު އަތޮޅު ކައުންސިލަށް ލިބުނު އެވޯޑެކެވެ. މިއެވޯޑުގެ އިތުރުން “އިފެކްޓިވް ނެސް އެވޯޑް” ވެސް ވަނީ ފުވައްމުލަކު ކުރީގެ އަތޮޅު ކައުންސިލަށް ވަނީ ލިބިފައެވެ. 

ފުވައްމުލަކުގައި ކުރިން އޮތް 8 އަވަށު ކައުންސިލާއި އަތޮޅު ކައުންސިލާއި އެކު ޖުމްލަ 9 ކައުންސިލް އުވާލައި ފުވައްމުލަކު ސިޓީ ކައުންސިލް އުފެދިފައި ވަނީ 4 ޖޫން 2017 ގައެވެ. ކުރިން އަތޮޅު ކައުންސިލްގައި 6 މެންބަރުން ތިބި ކަމުގައިވިޔަސް ފަހުން އުފެދުނު ސިޓީ ކައުންސިލްގައި ތިބެނީ 3 މެންބަރުންނެވެ.

މިރޭގެ ރަސްމިއްޔާތުގައި ރަށު ކައުންސިލްތަކުގެ ބައިން އެއްވަނަ އެވޯޑު ލިބިފައި ވަނީ މާލެ އަތޮޅު ހުރާ ކައުންސިލަށެވެ. މީގެ އިތުރުން މީގެ ކޮންމެ ބަޔަކުން ވެސް 2 ވަނަ އަދި 3 ވަނަ މަގާމު ހޮވައި އެވޯޑު ދިނުން ވެސް، އެލްޖީއޭގެ ބޯޑުގެ ރައީސް އަދި ހޯމް މިނިސްޓަރު އަޒުލީން އަޙުމަދު ޝަރަފުކޮށްދެވި ރަސްމިއްޔާތުގައި ކުރިޔަށް ގެން ގޮސްފައި ވެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެލްޖީއޭގެ ރައީސް ވަނީ ކައުންސިލްތަކުން އެމީހުންނާއި ނުބެހޭ ކަންތައްތަކުގައި ގަރާރު ނެރެމުންދާ ކަމަށް ތުހުމަތު ކުރައްވާފައެވެ.  އަދި ދާދި ފަހުން ސަސްޕެންޑް ކުރި ގިނަ ކައުންސިލަރުން ސަސްޕެންޑް ކުރަން ޖެހުނީ ކޮންމެވެސް ސަބަބަކާއި ހެދި ކަމަށާއި އެއީ ނިސްބަތުން މަދު ކައުންސިލްތަކެއް ކަމަށް ވިދާޅުވިއެވެ. 

އިތުރަށް ހޯމް މިނިސްޓަރު އަޒުލީނު ކުރިޔަށް އޮތްތަނުގައި ކައުންސިލަރުންނަށް ގައުމީ ފެންވަރުގެ އެވޯޑުތަކެއް ތަޢާރަފު ކުރައްވާނެކަމަށެވެ. އެލްޖީއެގެ ރައީސްގެ މިހެން ވިދާޅުވިއެއް ކަމަކު މި ސަރުކާރުން ވަނީ ލާމަރުކަޒި ގާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ކައުންސިލްތަކުގެ ބާރުތައް ވަނީ ހަނިކޮށްފައެވެ. ގިނަ ކައުންސިލަރުން ފާހަގަކުރާ ގޮތުގައި މިހާރު ކައުންސިލްތަކަށް ކުރެވޭހާވެސް ކަމަކީ ރަށުގެ ވިހާ މަރުވާ ބެލެހެއްޓުމެވެ. ސަރުކާރުން ކައުނސިލްތަކުގެ ބާރުތައް ހަނިކުރީ ގިނަ ކައުންސިލްތަކެއްގެ މެޖޯރިޓީ އިދިކޮޅު ޕާޓީތަކުން ހޯދުމުންނެވެ. 

ލާމަރުކަޒީ ގާނޫނަށް މިހާތަނަށް ގެންސްފައިވާ 7 އިސްލާހަށް ބަލާލުމުން ވެސް މިސަރުކާރުން ލާމަރުކަޒުކުރުމާއި ރައްޔިތުންނަށް ބާރެއް ހަވާލުކުރަން ބޭނުން ނުވާކަން ހާމަވެއެވެ. ކުރިްނ ކައުންސިލްތަކުން ކުރަމުންއައި މައިގަނޑު ހުރިހާ މަސައްކަތެއް ވަނީ ސަރުކާރުގެ މިނިސްޓްރީތަކުގެ ދަށަށް ގެނެސްފައިވެއެ. އެއިގެ ސަބަބުބް ކުރިން ކައުންސިލްތަކުން ރައްޔިތުންނާއި ގާތުން ދެމުންއައި ގިނަ ޚިދުމަތްތަކެއް ހޯދުމަށް މާލޭގައި ހުންނަ މިނިސްޓްރީތަކުގެ އޮފިޝަލަކަށް ވަގުތު ވީއިރަކުން ގޮތް ކަނޑައަޅަންދެން މަޑުކުރަން ޖެހި ގިނަ ދުވަސްތަކެއް އެކަމުގަިއ ގުނަގުނައި ތިބެން ޖެހުނީއެވެ.   

މި ހަފުލާގައި ކައުންސިލްތަކުގެ ފަރާތުން ވާހަކަ ދެއްކުމުގެ ފުރުސަތު ދީފައިވަނީ ހުރާ ކައުންސިލުގެ މެންބަރަކަށެވެ. ރަށުކައުންސިލަށް ވުރެ އިސްލެވެލެއްގައި މަސައްކަތް ކުރާ އަތޮޅު ކައުންސިލަށް އެފުރުސަތު ނުދިނީ ކޮން ވިސްނުމަކުން ތޯ ސުވާލު އުފެދެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !