19 އޮކްޓޯބަރ 2018 ( ހުކުރު )

banner

އެމްޕީ ޝާހު އާއެކު ތިބި ޕީޕިއެމްގެ އިސް ހަރަކާތްތެރިން. ފޮޓޯ: ޝާހު އެފްބީ

ފުވައްމުލަކުގައި ރަނގަޅު ފެންވަރުގެ ދަނޑެއް ނެތްކަން ސަރުކާރުގެ ކަމާއިގުޅޭ ފަރާތްތަކަށް އެނގޭނެ – އެމްޕީ ޝާހު

ފުވައްމުލަކުގައި އެކަށީގެންވާ ރަނގަޅު ދަނޑެއް ނެތްކަން ސަރުކާރުގެ ކަމާ ގުޅޭ ހުރިހާ އިދާރާތަކަށް ވެސް އެނގޭނެ ކަމަށް ފުވައްމުލަކު އުތުރު ދާއިރާގެ މަޖުލިސް މެންބަރު އަލީ ޝާހު މިއަދު ވިދާޅުވެއެޖެއެވެ. ޝާހު މިހެން ވިދާޅުވީ ފުވައްމުލަކުަގއި ރަނގަޅު ފެންވަރުގެ ދަނޑެއް ނެތްކަމުގެ ޝަކުވާ ކަމާބެހޭ އިދާރާތަކަށް ލިބިފައި ނެތްކަމަށް ރާއްޖޭގެ މީޑިއާގައި ސަރުކާރުގެ ފަރާތުން ވިދާޅުވި ކަމަށް ރިޕޯރޓް ކުރުމާއި ގުޅިގެންނެވެ. ޝާހު މިކަން ހާމަކުރައްވާފައި ވަނީ މިއަދު އޭނާގެ ފޭސްބުކު ޕޭޖް މެދުވެރިކޮށެވެ.

ދައުލަތުގެ ބަޖެޓާއި ގުޅޭގޮތުން ޝާހުއަށް މަޖުލީހަށް ވަދެވެނު ދުވަސްވަރު ކޮންމެ ޖަލްސާއެއްގައި ވެސް އެވާހަކަ ދައްކާފައި ވާނެކަން މަޖުލިސް ޔައުމިއްޔާތަކުން އެނގޭނެ ކަމަށް ޝާހު ވިދާޅުވެފައިވެއެވެ.

ޚުދު ރައީސުލް ޖުމްހޫރިއްޔާއަށް އަނގަބަހުންނާއި ލިޔުމުން އަދި ވައިބަރ މެސެޖުން ވެސް ދަންނަވައި މިކަމުގައި އަވަސް ހައްލެއް ފުވައްމުލަކުގެ ރައްޔިތުން ބޭނުންވާކަމަށް ދަންނަވާފައިވާނެ ކަމަށް ޝާހު ހާމަކުރެއްވިއެވެ. މީގެ އިތުރުން ޕީޕީއެމްގެ ޕީޖީ ގްރޫޕްއިން ބަޖެޓްގައި ކަންކަން ހިމެނުމަށް އެދި ތައްޔާރުކުރި ކަރުދާހުގައި “ޓާފް ދަނޑެއް” ހިމަނައި ދިނުމަށް ތަކުރާރުކޮށް އެދިފައިވާނެ ކަމަށް ޝާހު ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން ވެސް ފުވައްމުލަކަށް ބޭނުންވާ ގިނަ ކަންތައްތަކެއްގެ ވާހަކަ ދަންނަވާފައި ވާނެ ކަމަށް ވިދާޅުވިއެވެ. އެގޮތުން އައުޓްޑޯ ޖިމް އަކާއި އިންޑޯރ ހޯލަކާއި، މިނޫންވެސް ކަންތައްތައް ބަޖެޓުގައި ހިމަނަިއ ދިނުމަށް އެދިފައިވާނެ ކަމަށް އެމްޕީ ޝާހު ވަނީ ހާމަކުރައްވާފައެވެ.

ސަރުކާރުން މިކަންކަން ނުކޮށްދެއްވާ އޮތީ ފުވައްމުލަކުގައި ތިބި ޕީޕީއެމްގެ އިސް މީހުން މިވާހަކަ ނުދައްކައި އޮތުމުގެ ސަބަބުން ނޫން ކަމަށް ޝާހު ވިދާޅުވިއެވެ. އަދި އެއީ ފުވައްމުލަކުގެ ރައްޔިތުން މިޝަކުވާ ނުކޮށްގެނެއް ވެސް ނޫން ކަމަށެވެ.

ސަރުކާރުގެ އިދާރާތަކުން ޒިންމާދާރުކަމާއެކު މިކަންކަމައި ގުޅޭގޮތުން ރައްޔިތުންނަށް ޖަވާބުދާރީ ވުމަށް ޝާހު ވަނީ އެދިވަޑައިގެންފައެވެ. މީގެ އިތުރުން ޝާހު ވިދާޅުވެފައި ވަނީ މިކަންކަމުގައި ޖަވާބުދާރީ ނުވެއްޖެނަމަ އިތުރަށް މިކަމާއި ގުޅޭ ގޮތުން ހިނގާފައިވާ މުއާމަލާތްތައް ރައްޔިތުންނަށް މިއަށްވުރެ ތަފުސީލުކޮށް ހާމަކުރުމަށް މަޖުބޫރު ވާނެކަމަށެވެ.

އެމްޕީ ޝާހުގެ ގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ގާނޫނޫ އަސާސީއާއި ޚިލާފަށް ނިންމާފައެވެ. އަދި އޭގެ ފަހުން ޝާހު މަޖުލީހުގެ ޖަލްސާތަކަށް ނުވައްދައެވެ. 

banner

ކިޔުންތެރިންގެ ޚިޔާލު