17 އޮކްޓޯބަރ 2018 ( ބުދަ )

banner

މެޑަމް ފާތިމަތު އިބްރާހިމް ފުވައްމުލަކަށް އިއްޔެ ކުރެއްވި ކެމްޕޭން ދަތުރުފުޅު.

“އެންމެ ގާތުން” ކެމްޕޭނަށް މެޑަމް ފުވައްމުލަކަށް

“އެންމެ ގާތުން” ނަމުގައި ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީނުގެ އަނބިކަބަލުން، މެޑަމް ފާތުމަތު އިބުރާހިމް ކުރިޔަށް ގެންދަވާ ކެމްޕޭނުގެ ދަށުން އިއްޔެ ހަވީރު ފުވައްމުލަކަށް ވަޑައިގެންފިއެވެ. މެޑަމް ފާތުމަތު އިބުރާހީމަށް މަރުހަބާ ދެންނެވުމަށް ޕީޕީއެމަށް ސަޕޯޓް ކުރާ ފުވައްމުލަކުގެ ގިނަ ބަޔަކު އެއަރ ޕޯރޓަށް ހާޒިރުވިއެވެ.

މެޑަމް ފާތުމަތު އިބުރާހިމް ގެ މިދަތުރުފުޅާއި ދިމާކޮށް ރައްޔިތުންގެ މަޖުލީހުގެ ރައީސް އަދި ފުވައްމުލަކު ދެކުނު ދާއިރާގެ މަޖުލިސް މެންބަރު އަބްދުﷲ މަސީހު އާއި ރައްޔިތުންގެ މަޖުލީހުގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު ވަނީ ކުރިން ފުވައްމުލަކަށް ވަޑައިގެންފައެވެ. އިއްޔެ ގެ މަރުހަބާ ދެންނެވުމަށް އެ ދެ ބޭފުޅުން ވެސް އެއަރ ޕޯރޓަށް ވަޑައިގަތެވެ.

ކެމްޕޭން ދަތުރެއްގައި ފުވައްމުލަކަށް ވަޑައިގަތް މެޑަމް ފާތިމަތު އިބުރާހީމަށް މަރުހަބާ ދެންނެވުމަށް އެއަރޕޯރޓަށް ދިއުމަށް ޏ.އަތޮޅު ތައުލީމީ މަރުކަޒާއި ހާފިޒް އަހުމަދު ސްކޫލް (ހޭޒް) ން ވަނީ ބެލެނިވެރިނނަށް އަންގައި ނޯޓިސް ފޮނުވާ ކަމަށް ވެއެވެ. 

މިކަމާއި ފުވައްމުލަކުގެ ގިނަ ބަޔަކު ކަންބޮޑު ވުން ފާޅުކޮށް ނުރުހުމުގެ ބަސްތައް ސޯޝަލް މީޑީއާ މެދުވެރިކޮށް އަންނަނީ ފޮނުވަމުންނެވެ. ޚާއްސަކޮށް ޏ.އޭއީސީން ފޮނުވާފައިވާ ސްލިޕްގައި ބުނެފައިވާ “ވީމާ ހުރިހާ ބެލެނިވެރިން ވެސް މީ ގައުމީ ޒިންމާއަކަށް ވާތީ މި ގަޑިއަށް ވަޑައިގެންދެއްވުން އެދެމެވެ.” ލިޔެފައިވާ އިބާރާތާއި މެދު ނުރުހުން ފާޅުކުރަމުން ދެއެވެ.

އެގޮތުން މެޑަމްގެ ކެމްޕޭން ދަތުރަކީ ގައުމީ ކަމެއް ނޫން ކަމަށާއި އެވަރު ނޭގޭ ޕްރިންސިޕަލުން މަގާމުގައި ތިބެގެން ސްކޫލްތައް ސިޔާސީ ނުކޮށް ނުކުރުމަށް ވެސް ގޮވާލާފައި ވެއެވެ. އެއިގެ ބައެއް ފަރާތްތަކުން ޏ.އޭއީސީގެ ޕްރިންސިޕަލް އިސްތިއުފާ ދިނުމަށް ވެސް ގޮވާލާފައި ވެއެވެ.

މިއަހަރު ސެޕްޓެމްބަރު މަހު ބޭއްވުމަށް ތާވަލް ކުރެވިފައިވާ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ހަރަކާތްތައް، މެޑަމްގެ މިދަތުރުގައި ފުވައްމުލަކުގައި ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އެކި އަވަށްތަކުގެ ރައްޔިތުންނާއި ބައްދަލުކުރުމަށް ރޭވިފައިވެއެވެ. 

މިހަރަކާތުގެ ތެރެއިން ރޭ ވަނީ ފުވައްމުލަކު ދޫނޑިގަމު އަވަށާއި މާލެގަމު އަވަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްވާފައެވެ. މިބައްދަލު ކުރެއްވުމުގައި އެ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ދިމާވެފައިވާ ދަތިތަކުގެ ވާހަކަ މެޑަމް އާއި ހިއްސާކުރެއްވި ކަމަށް މައުލޫމާތު ލިބެއެވެ.

މިދަތުރުފުޅުގެ ބޮޑު ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ މާދަމާ (ހުކުރު ދުވަހުގެ) ރޭ ފުވައްމުލަކު ޒުވާނުންގެ މަރުކަޒުގައެވެ. 

އިއްޔެ އެއަރޕޯރޓުން މެޑަމް ފާތުމަތު އިބުރާހީމަށް މަރުހަބާ ދެންނެވުމަށް ފަހު ޕީޕީއެމްގެ ސަޕޯޓަރުން ބުނަމުން އަންނީ އެޕާޓީއަށް ފުވައްމުލަކުގެ ބޮޑު މެޖޯރިޓީއެއް އޮތް ކަން ވަނީ ހާމަކޮށް ދައްކާލެވިފައި ކަމަށެވެ.

banner

ކިޔުންތެރިންގެ ޚިޔާލު