20 ނޮވެމްބަރ 2018 ( އަންގާރަ )

banner

… ނުކައި އެއްލާލައިފައި އޮންނަ ކަހަނަލަކޮޅެއް ވެސް، ދިވެހި ރަސްކަމަށްވުރެ، މާ ރަގަޅު”

ދިވެހި ތާރީޚަކީ ވެރިކަމުގެ ފަރާތުން ލިޔަމުން އައިސްފައިވާ ތާރީޚަކަށް ވާތީވެ، އަޅުގަނޑުމެންނާއި ހަމައަށް ވާސިލުވެފައިވަނީ ވެރިކަމުގެ ތާރީޚެވެ. އަދި ވެރިން ދައްކަން ބޭނުންވާ ކުލަވަރެވެ. 

ވެރިކަން ހިގަމުންދާ ބީދައިން ރަސްކަލަކަށްފަހު ރަސްކަލެއް އަންނަމުން އައިސް ދިވެހި އެތައް ބަޔަކުގެ ލޯބި ހޯދާފައިވާ ހާޖީ ބަންޑާރައިން ނުވަތަ އިޔާސުއްދީން ރަދުންގެ ވެރިކަންވެސް ނިމުމަކަށް އައެވެ. އަނިޔާވެރި ގޮތަކަށެވެ. އެރަދުން އުމުރުފުޅުން އެންމެ 41 އަހަރުގައި ޝަހީދުކުރުމަށްފަހު އެރަދުންނާއި ގުޅުންހުރި އެތަކެއް މުދާތަކެއް ނެގުނެވެ. އަދި އެރަދުންގެ އަރިހުގައި އުޅުނު ގިނަ ބައެއްގެ މުދާ އަތުލައި އެބައިމީހުން އެކި ރަށްރަށަށް އަރުވާލެވުނެވެ. 

އަދި ހާޖީ ރަދުންގެ ދަރިކަލުން ފަހުން އިބްރާހިމް ފާމުލަދޭރި ކިލެގެފާނު ގަތުލުކުރުމަށް މާލޭގެ ވެރިކަމުގެ ބޮޑުންގެ މެދުގައި ވާހަކަ ދެކެވުނުކަމާއި މިތުއްޕުޅު ބޭފުޅާގެ ސަލާމަތަށް މަތިވެރިﷲ މެދުވެރިކުރެއްވީ ފުވައްމުލަކު ދެމަފިރިއެއްކަމަށް ލިޔުންތަކުން އެގޭ ކަމަށް އަބްދުﷲ ހިލްމީ ލިޔުންތެރިންގެ ގުޅުމުގައި ލިއްވާފައިވެއެވެ.

ޣިޔާޘުއްދީން ރަދުންގެ ދަރިކަލުން ސަލާމަތްވީ ފުވައްމުލަކު  ފުވައްމުލަކު ދައިގަޑު ގަނޑުވަރު އަޙުމަދު މަނިކުފާނާއި ދިގަލެގެދަރު އާމިނާ މަނިކެފާނާއި ދެމަފިރިކަނބަލުން ގެ ބެލުމުގެ ދަށަށް ފުވައްމުލަކަށް އެތުއްޕުޅު ދަރިކަލުން ގެނައުމުން ކަމަށް އިބްރާހީމް ފާމުލަދޭރިކިލެގެފާނުގެ އާމިނާދީދީ (ބެރިމަގުދީދީ)ގެ ޢަލިދީދީގެ ކަތްދާދީދީ ވިދާޅުވެފައިވާ ކަމަށް ހިލްމީ ލިއުއްވައެވެ. 

ހާޖީ ބަންޑާރައިންގެ މިތުއްޕުޅު ދަރިކަލުން ބޮޑުވަމުން އައިސްފައިވަނީ ދިގަލެގެދަރުގައި ކަމަށްބެލެވެއެވެ. އެއަށްފަހު މީލާދީ ސަނަތުން 1789 ގައި ޙަސަން ނޫރައްދީން (1) ރަދުން ޙައްޖަށް ވަޑައިގަތެވެ. މިދަތުރުފުޅުން އެބުރި މާލެ ވަޑައިގެން، ފުވައްމުލަކުގައި ހުންނެވި ޙާޖީ ބަންޑާރައިންގެ ދަރިކަލުންނަށް ރަސްކަން ހޯދައިދިނުމަށް ބަޔަކު މަސައްކަތް ކުރިކަމަށް ދެކެވުނު ދޮގު ވާހަކައާއި ގުޅިގެން އެތައްބަޔަކު އަރުވާލެއްވިއެވެ. އެބޭބޭފުޅުންގެ ތެރޭގައި އޭރުގެ ފަޑިޔާރު މަނިކުފާނު ސިރާޖުއްދީނަށްވެސް ބޮޑެތި އަދަބުތަކެއް ދެއްވައި އަރުވާލެއްވިއެވެ. އަދި އެނޫން އެތައްބަޔަކު އެފަހަރުވެސް އަރުވާލެއްވިއެވެ. މިވާހަކަ ވަނީ ދިވެހި ތާރީޚުގައި ލިއުއްވާފައެވެ.

“ރަދުންގެ އަރިއަހުގައި ޢަރަބިކަރާ ގެންދެވި އިބްރާހީމް ސިރާޖުއްދީން ފަޑިޔާރުމަނިކުފާނު އޭނަޔާއެކު ގައި ބަޔަކުމީހުން ރަސްކަން އަތުލާން ވާހަކަ ދެކެވިގެން މިވާހަކަ ދެކެވުނު ދޮގުބަސްތައް ގަބޫލުވެވިގެން މިފަޑިޔާރުމަނިކުފާނު ތަޅައި ވަރަށް އަދަބު ދެއްވައިފައި އެމަނިކުފާނު ހުވަދޫ ކަޑުހުޅުދުވަށް އަރުވާލެއްވިޔޭ. އޭނާގެ މަންމާ ފާޠިމާ ރަނިކިލެގެފާނު ވެސް އެމަނިކުފާނާއެކު ފޮނުވާލެއްވިޔޭ، އެފަޑިޔާރުމަނިކުފާނަށް އަދަބުދެއްވާން ތެޅުއްވި ތެޅުއްވުމުގައި އޭނާގެ ގައިގައި ހަތަރުސަތޭކަ ހަތްދިހަގަޑު ފާރު ހުއްޓޭ، މީގެތެރޭގައި ލޭ އަންނަވަރު ފާރާއި މަސްކެފުނު ފާރާއި އެޔަށްވުރެ ފުންވެ މަހާ ކައްޓާ ދެމެދުގައި ހުންނަ ދުލި ފެންނަ ފާރާއިހުއްޓޭ. މިދެމައިން އެކުގައި ޙަސަން ތާޖުއްދީން ފަޑިޔާރު ކަލޭގެފާނުންގެ ފުތް ކުޑަ ފަޑިޔާރުކަލޭގެފާނުގެ ފުތް މައްކާ ސީދީގެ ފުތް އަޙުމަދު މަނިކުފާނު އަރުވާލެއްވިޔޭ، މީނާގެ ދެދަރިންވެސް ފޮނުއްވިޔޭ، އަދި އެހެން މީސްމީހުންވެސް އޭނަޔާއިއެކު އަރުވާލެއްވިޔޭ. މިކަންތައްވީ 1206ހ. ވަނައަހަރު ޛުލްޤަޢުދު މަހު އަށްދުވަހުއޭ، ދެން މޫސާ ނަޖުމުއްދީނަށް ފަޑިޔާރުކަން ދެއްވެވިޔޭ، ދެން ހުވަދޫ މީހުންނަށް އަމުރުކުރެއްވިޔޭ އެފަޑިޔާރުމަނިކުފާނަށް (އިބްރާހީމް ސިރާޖުއްދީނަށް) އެއްވެސް ހަދިޔާއެއް ނުކުޅައުމަށް، ބިލެތްފަތްގަޑެއްވެސް ނުދިނުމަށް، ގެޔެއް އެޅުމުގައިވެސް އެހީޔެއް ނުވުމަށާއި، ދީނުގެ މަސްއަލަޔެއްވެސް ނުއެހުމަށާއި މާލޫދެއްވެސް އޭނާ ގާތުން ނުކިޔެވުމަށާއި މިކަންތަކަށް އަމުރުކުރެއްވިޔޭ”

ކޮންމެއަކަސް މިކަމެއް ހިގައިދިޔައިރު ޙާޖީ ބަންޑާރައިންގެ ދަރިކަލުން ހުންނެވީ ފުވައްމުލަކުގައެވެ. އެމަނިކުފާނަށް އެއްވެސް ކަމެއް ރަދުން ނުކުރެއެވެ. 

އެއަށްފަހު ހަސަން ނޫރައްދީން ރަދުން ދެވަނަފަހަރު ޙައްޖަށް ވަޑައިގަތުމުގެ ކުރިން، ކުރިން އަރުވާލައްވާފައިވާ ބައެއް ބޭބޭފުޅުން ދޫވެސް ކުރެއްވިއެވެ. އަދި ފުވައްމުލަކުގައި ހުރި ހާޖީ ބަންޑާރައިންގެ ދަރިކަލުން ފަހުން އިބްރާހިމް ފާމުލަދޭރި ކިލެގެފާނު ވެސް މާލެ ގެނެވުނެވެ. މާޅެ ގެނެވުނީ، ރަދުން ޙައްޖަށް ފުރާވަޑައިގަންނަވާތީ ރަސްކަން ޙަވާލުކުރެއްވި އެރަދުންގެ ދަރިކަލުން މުޢީނުއްދީން(1) އަށް  ސިޔާސީގޮތުން ފަހި ވެއްޓެއް ޤާއިމް ކޮށްދެއްވުމަށް ކަމީވެސް ކުރުކަމެއްނޫނެވެ. ނުވަތަ ހާޖީ ބަންޑާރައިންގެ ދަރިކަލުން ހުންނެވި ގޮތް އޮޅުން ފިލުވައި ޚަބަރު ބެއްލެވުމުގެ ބޭނުމުގައި ކަމަށްވެސް ވެދާނެއެވެ.

ޙާޖީ ބަންޑާރައިންގެ ދަރިކަލުން ޢިއްޒަތުގައި މާލެ ގެންނަވައި ރަސްކަމުގެ ބޮޑުންނާއިއެކު ރަސްކަމުގެ ގަނޑުވަރުގައި ރަދުން އެމަނިކުފާނާއި ބައްދަލުކުރެއްވިއެވެ. ޙާލުކޮޅުގެ ވާހަކަ އެއްސެވިއެވެ. އަދި ކުރިން އެމަނިކުފާނަށް ރަސްކަން ހޯދައިދޭން ބަޔަކު އުޅުނުކަމަށް ބުނެވޭ ވާހަކައާއި މެދު ވިދާޅުވަނީ ކީކޭތޯ ރަދުން އެއްސެވިއެވެ. ޖަވާބުގައި އެމަނިކުފާނު ވިދާޅުވީ “ދިވެހި ރަސްކަމަށްވުރެ މުލަކު ދިގަލަގެދަރު އާމިނާ މަނިކެފާނު ފެނުކައްކައި ނުކައި އެއްލާލައިފައި އޮންނަ ކަހަނަލަ ކޮޅެއް ވެސް އަޅުގަނޑަށް މާރަގަޅެވެ”.

banner

ކިޔުންތެރިންގެ ޚިޔާލު