20 ނޮވެމްބަރ 2018 ( އަންގާރަ )

banner

ފުވައްމުލަކު އަތިރިމަތިން ބަޔަކު ވެލި ނަގަނީ. ފޮޓޯ: އަލީ އިއްޒަތު އިބުރާހިމް

ރޯދަމަސް އަންނާތީ ކޮންމެ ހެން ގެއަށް ވެލި ލާން ޖެހޭތަ؟

ރަމަޟާން މަސް ނުވަތަ ރޯދަމަސް އަންނަންނީއެވެ. އެމަހަށް ގެތަކާއި ގޯތިތެރެ ވަކިން ސާފުކޮށް ރީތި ކުރުމަކީ ދިވެހިންގެ އާދައެކެވެ. ޚާއްސަކޮށް ފުވައްމުލަކު މީހުން ވަރަށް އިސްކަން ދޭ ކަމަކެވެ. ކުރިން ގޯތި ގެދޮރު ރީތި ކުރުމަށް ގޮނުދޮށުން ވެލިނެގިއަސް މިހާރު އެކަމަކީ މަނާ ކުރެވިފައިވާ ކަމެކެވެ. އަދި ކުރުން ރަނގަޅު ކަމެއް ވެސް ނޫނެވެ. ނަމަވެސް އަދިވެސް މަދުމަދުން މީހުން އަތިރިމަތިން ވެލި ނަގަމުންދާ ކަން ސޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯ ތަކުން ހާމަވެއެވެ.

ކުރިން ގެއާއި ގޯތިތެރެއަށް ވެލި ލުމަށް އެންމެ ގިނައިން ވެލި ނަގާއުޅުނީ ރަށުގެ ދެކޮޅުން، ތުނޑީ ސަރަހައްދުންނާއި ދޫނޑިގަމު ރަށިކެޑެ ސަރަހައްދުންނެވެ. މިހާރުވެސް ސިއްރުން ވެލި ނަގާ މީހުންގެ އަމާޒަކަށް މި ދެ ސަރަހައްދު ވާކަން ބޮޑަށް ފާހަގަ ވެއެވެ.

ވެލި ނެގުން މަނާކޮށްފައި އޮތީ ވަކިބަޔަކަށް ވެލި ނެގޭ ގޮތަކަށް ނޫން ކަމަށާއި އެއީ ރަށަށް ގެންލުންހުރި ކަމެއްކަމަށް ވާތީ އެކަން ހުއްދަކޮށް ދޫކޮށްލެވެން ނެތުމުން ކަމަށެވެ. އެގޮތުން އެއްވެސް ބަޔަކު ކިތަންމެ ކުޑަ މިންވަރަކަށްވެސް އަތިރިމަތިން ވެލި ނެގުމަކީ މަނާކަމެކެވެ. އަދި އެކަމަށް އަދަބު ކަނޑައެޅިފައިވެއެވެ. ވެލި ނެގުމުގެ ސަބަބުން އެހެން މީހުންގެ ކުރިމަތީގައި ތިމާ ބޭޒާރުވެއެވެ. އެހެނީ ވެލި ނަގާފައި އަޅަނީ އެންމެންނަށް ވެސް ފެންނަ ތަންތަނަށެވެ. 

ރަށްދެކެ ލޯބިވާ ބަޔަކު ރަށަށް ގެންލުމެއް ދޭކަށް ބޭނުމެއް ނުވާނެއެވެ. ނަމަވެސް ރަށް ލިބޭ ގެއްލުމުގެ މައުލޫމާތު ނޭގޭ މީހުންނާއި ކުރީއްސުރެ ވެލި ނެގުމުގެ އާދަ ގެންގުޅޭ މީހުންނަށް އެފަދަ ކަންކަން ދޫކޮށްލުމަށް ފަސޭހަ ނުވެދާނެއެވެ. ނަމަވެސް އެކަން ހުއްޓުވަން ޖެހެއެވެ. އެކަމާއި ދެކޮޅަށް ވާހަކަ ދައްކަން ޖެހެއެވެ. އަޑު އުފުލަން ޖެހެއެވެ. 

އެކަން އެންމެ ފަސޭހައިން ހުއްޓުވޭނީ ވެލިނެގުމުން ރަށަށް ލިބޭ ގެއްލުން އެނގޭ، އެފަދަ ގޭގޭގައި އުޅޭ ޒުވާން ކުދިން އެކަން ހުއްޓުވުމަށް ބާރު އަޅައިގެން ކަމަށް ބައެއްމީހުން ބުނެއެވެ. ވެލި ނަގައި، އަޅާފައިވާ ގެއަކަށް ވަދެވޭ ކޮންމެ މީހަކު ވެސް އެގޭ މީހުން ގާތު އެވާހަކައިން ސުވާލު ކުރުމަކީ ވެސް މިކަމުން މީހުން ދުރުކުރުމަށް އެޅޭ ބާރަކަށް ވާނޭ ކަމެކެވެ.

ވެލި އަޅައިގެން ޒީނަތްތެރި ކުރުމަށްވުރެ މާ ރީތިކޮށް ގެ އާއި ގެދޮރު ޒީނަތްތެރި ކުރެވޭނެ ގޮތްތައް މިހާރު މާގިނައެވެ. އެފަދަ ކަންކަން އިސްކޮށް ވެލި ނެގުމާއި މިކަން ކުރާ މަދު މީސް ކޮޅު ދުރު ކުރުމަށް ބާރު އެޅުމަކީ ކޮންމެ ފަރުދެއްގެ ވެސް ކަމެއްކަމުގައި ދެކެން ވާނެއެވެ. 

ގޮނުދޮށުން ވެލިނެގުމާއި ދެކޮޅަށް މަސައްކަތް ކުރާ ޒުވާނެއް ކަމަށް ވާ އަލީ އިއްޒަތު އިބުރާހިމް، އޭނާ ފޭސްބުކުގައި ލިޔެފައި ވަނީ ” އެފަދަ މީހުންގެ ފޮޓޯތައް (އަތިރިމަތިން ވެލި ނަގާ ތަނުގެ ފޮޓޯ) ފޭސްބުކުގައި އާއްމު ކުރުމުން، ވެލިނަގާ މީހުން އޭނާއަށް ވަރަށް “ވަރު” ކުރާ ކަމަށެވެ. ވަރު ކުރިޔަސް އޭނާ ފޮޓޯތައް ހާމަކުރާނެ ކަމަށާއި އެކަމަކީ ކައުންސިލުން މަނާކޮށްފައިވާ ކަމެއްކަމަށް އޭނާ ބުނެފައިވެއެވެ. 

ކޮންމެ މީހަކުވެސް މިކަމާއި ދެކޮޅަށް ކުރެވެން އޮތް މަސައްކަތެއް ކުރުން މުހިންމެވެ.

banner

ކިޔުންތެރިންގެ ޚިޔާލު