16 އޮކްޓޯބަރ 2018 ( އަންގާރަ )

banner

ފުވައްމުލަކު އިރު-އުތުރުން ގިރައިގެން ދާ ސަރަހައްދެއް. 2014ގައި ނެދަރލޭންޑްގެ އެހީގައި ހަމަޖެހުނު ޕްރޮޖެކްޓް އަދިވެސް ނުފެށި ލަސްވަނީ. ފޮޓޯ: ރޯޔަލް ހެސްކޮނިން ނެދަރލެންޑް

ގޮނޑުދޮށުން ގަލާއި ވެލި ނުނެގުމަށް ހަނދާން ކޮށްދީފ

ފުވައްމުލަކުގެ ގޮނޑު ދޮށުން ގަލާއި ވެލި، ކަށިވެލި، އަކިރި އަދި ދޮންވެލި އެއްވެސް ވަރަކަށް ނެގުމަކީ މަނާކަމެއް ކަން ހަނދާން ކޮށްދީ ސިޓީ ކައުންސިލުން އިއުލާނެއް ނެރެފިއެވެ. ސިޓީ ކައުންސިލްގެ އިއުލާނުގައި ފާހަގަކޮށްފައިވާ ގޮތުގައި މިއީ މަނާކަމެއް ކަމަށް ހަމަޖައްސާފައި ވިޔަސް ބައެއް ފަރާތްތަކުން ވެލި ނަގަމުންދާ ކަމަށް އެކައުންސިލަށް ފާހަގަ ކުރެވިފައިވާ ކަމަށް ވެއެވެ. އަދި ގޮނޑުދޮށުން ވެލި ނަގަމުންދާ ކަމުގެ ކަންބޮޑުވުން ގިނަ ފަރާތްތަކަކުން އެކައުންސިލަށް ހުށަހަޅަމުންދާ ކަމަށް ވެސް އިއުލާނުގައި ވެއެވެ.

ފުވައްމުލަކު ގޮނޑުދޮށުގެ އެއްވެސް ހިސާބަކުން އެއްވެސް މިންވަރަކަށް ވެއްޔާއި، އަކިރި، ގަލާއި ކަށިވެލި އަދި ދޮންވެލި ވެސް ނެގުމަކީ މަނާކަމެއް ކަން އާއްމުކޮށް އިއުލާން ކުރެވި އަދި އެކަން ތަކުރާރުކޮށް މީގެ ކުރިން ވެސް ވަނީ ހަނދާން ކޮށްދެވިފައެވެ. ނަމަވެސް ބައެއް ފަރާތްތަކުން ވެލި ނަގަމުންދާ މަންޒަރު ދައްކުވައިދޭ ވީޑިއޯތައް ސޯޝަލް މީޑިއާގައި މިކަމާއި ދެކޮޅަށް މަސައްކަތް ކުރާ މީހުން ޝެއަރ ކުރަމުން އާދެއެވެ.

މިއަދު ވެސް ފުވައްމުލަކުގެ ޒުވާން އަންހެން ކަނބަލަކު ސޯޝަލް މީޑިއާގައި މިކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރަމުން ލިޔެފައިވެއެވެ.

“ރޯދަމަހު ގޭ ގޯތިތެރެ ނަލަކުރަން އަޅާފައި ހުންނ ވެއްޔަކީ ‘ހުއްދަ’ ވެލި ކަމަށް އެ ފަރާތްތަކުން ބުނޭ. އަޅުގަނޑުގެ ސުވާލަކީ ކޮބާތޯ އޭ (އެބުނާ) ‘ހުއްދަ’ ވެއްޔަކީ؟ ފުވައްމުލަކުގެ އަތިރިމަތިން ވެލި ނެގުން މަނާކޮށްފައި އޮންނަ އިރުވެސް ކޮންމެ ވެސް މީހަކު ވިއްކާ ‘ހުއްދަ’ ވެއްޔެއް ހުރޭ!

ހައިރާންވާ ކަމަކީ މީއި ކޮންފަދަ ނޭދެވޭ ކަމެއްކަން އެނގި ހުރެމެ ވެލި ގަންނަ މީހުން ގިނަ ކަން. ވެލި ގަންނަ ބަޔަކު ނުތިބޭ ނަމަ ވެލި ވިއްކާނެ ބަޔަކު ވެސް ނުތިބޭނެ”. ޝަޒްމީނާ އޭނާގެ ފޭސްބުކް ޕޭޖްގައި ލިޔެފައިވެއެވެ.

ޝަޒުމީނާ ފާގަކުރި ގޮތަށް މިއީ ފަރުދީ ގޮތުންވެސް ހުއްޓުވަން ޖެހޭ ކަމެއްކަން ދަނެގެން އެންމެން މަސައްކަތް ކުރަން ޖެހެއެވެ. އެއްވެސް ގޮތަކުން ފުވައްމުލަކުގެ ގޮނޑުދޮށުން ނަގާ ވެލި ބޭނުން ކުރުން ހުއްޓާލަން ޖެހެއެވެ. އެހެން ނޫނީ ފުވައްމުލަކުގެ ވެލިން ވިޔަފާރި އުފެދި އެއީ އަގުބޮޑު ވިޔަފާރިއަކަށް ވެގެން ހިގަނއިދާނެއެވެ.

ފުވައްމުލަކަކީ ރަށްގިރުމުގެ މައްސަލަ ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ރަށަކަށް ވުމުން، ރަށުގެ ސަލާމަތަކައްޓަކައި ގިނަ ގުނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށް ސިޓީ ކައުންސިލުގެ އިއުލާނުގައި ވެއެވެ. ނަމަވެސް ދައުލަތުގެ ފަރާތުން މިމައްސަލަ ހައްލު ކުރުމަށް އެކަށީގެންވާ އަވަސް މިނެއްގައި މަސައްކަތް ކުރަމުންދާ ތަނެއް ނުފެނެއެވެ.

ފުވައްމުލަކުގެ ވަށައިގެން ގިރާ ސަރަޙައްދުތައް ހިމާޔަތް ކުރުމަށް ތޮށި ލާން ސަރުކާރުގެ ބަޖެޓުގައި ޖަހައި، ބޭރުގެ އެހީ ހަމަޖެހިފައިވާތާ ވެސް އެތަކެއް އަހަރެއް ފާއިތުވެއްޖެއެވެ. ނަމަވެސް އެކަމުގެ އަމަލީ މަސައްކަތެއް އާއްމު ރައްޔިތުންނަށް ފެންނާކަށެއް ނެތެވެ.

ރަށް ގިރުން ހުއްޓުވުމަށް އެކުލަވާލި ޕްރޮޖެކްޓު ހުއްޓި-ހުއްޓި އޮތެއްކަމަކު ރަށް ގިރުން ހުއްޓުމަކަށް ނާދެއެވެ. ދުވަހެއް ދުވަހަކަށް ރަށުން ބައިތަކެއް ގިރައިގެން މޫދަށް ވަމުންދާކަމުގެ ކަންބޮޑުވުން އެކިސިފަސިފާގައި އުފުލެމުން ދެއެވެ. ނަމަވެސް މިކަމުގެ ހައްލެއްގެ އިންތިޒާރު ފުވައްމުލަކުގެ ރައްޔިތުންނަށް ދިގުލައިގެން ދަނީއެވެ.

banner

ކިޔުންތެރިންގެ ޚިޔާލު