19 އޮކްޓޯބަރ 2018 ( ހުކުރު )

banner

ފުވައްމުލަކު ތުނޑި ދޮންވެލިގަނޑު. ތަފާތު މާހައުލެއްގައި ރޯދަ ވިއްލުމަށް އާއިލާތަކުން ތުނޑިއަށް އާދޭ

ސްކޫލްތަކުގެ ދަރިވަރުން އެއްކޮށްގެން ރޯދަވީއްލުމެއް ބާއްވަނީ؟

ފުވައްމުލަކުގެ ސްކޫލްތަކުގެ ހުރިހާ ދަރިވަރުން އެއްކުށްގެން ރޯދަވީއްލުމެއް ބާއްވަން އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސްކޫލްތަކަށް އަންގާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. މިރޯދަ ވީއްލުން ބޭއްވުމަށް ޚަރަދުކުރުން ހަމަޖެހިފައި ވަނީ ދަރިވަރުން ނާއި ބެލެނިވެރިން ކަމަށް ވެއެވެ. އަދި މިކަމުގެ އިންތިޒާމުތައް ފުވައްމުލަކުގައި ހިމެނޭ ސަރުކާރުގެ 4 ސްކޫލް ގުޅިގެން ކުރިޔަށް ގެންދިއުމަށް ތައްޔާރުވަމުން އަންނަކަމަށް މައުލޫމާތު ލިބެއެވެ. މި ހަރަކާތް ބޭއްވާނެ ތަނެއްގެ ގޮތުގައި ބެލެވެނީ ފުވައްމުލަކު ތޫނޑު ސަރަހައްދެވެ.

މިއީ މުޅި ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ކުރިޔަށް ގެންދިއުމަށް މަށް އެޑިއުކޭޝަންމިނިސްޓްރީން އަންގާފައިވާ ކުއްލި ހަރަކާތެއްކަމަށް ވެއެވެ. އެހެނީ ސްކޫލްތަކުގެ އެކްޓިވިޓީ ކަލަންޑަރުގައި މިކަން ހިމެނިފައެއް ނުވެއެވެ. 

ސްކޫލްތަކުގެ މިއަހަރުގެ ފުރަތަމަ ޓާރމްގެ ކިޔެވުން ނިންމައި ރިޕޯރޓްފޯމް ދޭން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. ސްކޫލްތަކުގެ ޓީޗަރުންނަށް އަންނަ އެންމެ ބުރަ އެއް ދުވަސްކޮޅާއި ދިމާކޮށް އިތުރު ޕްރޮގްރާމްތައް ހިންގަން އެންގުމުން ޓީޗަރުންގެ ހިތްހަމަނުޖެހުން ވަނީ އިތުރުވެފައެވެ.

މާދަމާ ނޫން އަނެއްދުވަހަކީ (ބުރާސްފަތި ދުވަހަކީ) ރިޕޯޓްފޯމް ދީ ސްކޫލްތައް 1 ހަފުތާއަށް ބަންދުކުރާ ދުވަސްކަމަށް ވުމުން، އެޑިއުކޭޝަން މިނިސްޓްރީން އަންގާ ރޯދަ ވީއްލުން އެއިގެ ކުރިން ބޭއްވިދާނެ ބާއެވެ؟ ނޫނީ އެއިގެ ފަހުން މިފަދަ ހަރަކާތެއް ރޯދަމަހު ބާއްވަން ބެލެނިވެރިންނާއި ދަރިވަރުންގެ އެއްބާރުލުން ލިބިދާނެ ބާވައެވެ؟ މިކަލް ނޫހަށް އެނގުނު ގޮތުގައި ރޯދަމަހު އަމިއްލަގޭގެ ނުވަތަ އާއިލާގެ ރޯދަވީއްލުމުގެ ކަންތައްތައް ބަލަހައްޓާ އަންހެން މުދައްރިސުންނަށް މިއީ ފަސޭހަކަމަކަށް ނުވާނެއެވެ. އަދި މިކަމުގެ ކަންބޮޑުވުން ޓީޗަރުން ސިއްރު ސިއްރުން ފާޅުކުރެއެވެ.   

ފާހަގަ ކުރެވޭ އެއްކަމަކީ މިދުވަސްވަރު ސްކޫލްތައް ބަންދުކޮށްފައި ވަނީ މުޅި ރާއްޖޭގައި ވެސް ހުމުގެ ރޯގާއެއް ފެތުރިގެން އަންނާތީއެވެ. މިފަދަ ހަރަކާތެއްގެ ސަބަބުން ކުރިން ސްކޫލް ބަންދުކުރި ސަބަބާއި މުޅިން ތަޢާރަޒުވާކަން ހަނދާންކުރަން ޖެހެއެވެ. މީގެ ސަބަބުން ބަލިފެތުރުމަށް މަގުފަހިވާ މާހައުލެއް އުފެދިގެން ދާނެތީއެވެ.

އެޑިއުކޭޝަން މިނިސްޓްރީން އަންގާފައިވާ ކަމަށް މިކަލް ނޫހަށް މައުލޫމާތު ލިބފައިވަނީ މިހަރަކާތް ބާއްވައި، ފޮޓޯ ނަގައި ސޯޝަލް މީޑިއާގައި އެމިނިސްޓްރީއަށް ޓެގްކޮށް ފޮޓޯތައް ޝެއަރ ކުރުމަށެވެ. ސްކޫލްތަކުގެ ކިތަންމެ ކުޑަ ހަރަކާތެއް ބޭއްވިޔަސް އެކަމެއްގެ ފޮޓޯނަގައި ފޭސްބުކް ޓްވިޓަރ ފަދަ މީޑިއާތަކުގައި އެޑިއުކޭޝަން މިނިސްޓްރީއަށް ޓެގްކޮށް ޝެއަރ ކުރަނީ އެމިނިސްޓްރީން އެގޮތަށް އަންގައިގެން ކަމަށް ވެއެވެ. މީގެ އަސްލު ބޭނުމަކީ ކޮބައިކަން ފުންކޮށް ވިސްނާލަން ޖެހެއެވެ. 

މިފަހަކަށް އައިސް އެޑިއުކޭޝަން މިނިސްޓްރީން އަންނަނީ ކުއްލިކުއްލިއަށް ސްކޫލްތަކުގައި ގިނަ ހަރަކާތްތަކެއް ބާއްވަމުންނެވެ. އެފަދަ ކުއްލި ހަރަތްކާތްތަކުގެ ސަބަބުން ސްކޫލްތަކުން ކުރިއާލާ ތައްޔާރުވެފައިވާ ބައެއް ހަރަކާތްތަކަށް ބުރޫއަރާ، ބައެއް ހަރަކާތްތައް ހުއްޓާލަން ޖެހުން ނުވަތަ ފަސްކުރަން ޖެހޭ ކަމަށް ޓީޗަރުން ހާމަކުރެއެވެ.

އެގޮތުން ޓީޗަރުން ފާހަގަ ކުރާ ބައެއް ހަރަކާތްތަކުގެ ތެރޭގއި ފަރުކޮއެ ޕްރޮގްރާމާއި، ކުއްލިކަށް ބަދަލުގެނެވުނު ސްޓޫޑެންޓް ލެޑް ޕޭރެންޓް ޓީޗަރ މީޓީން އަދި މި ރޯދަ ވީއްލުން ހިމެނެއެވެ.  މިފަދަ ހަރަކާތްތަކުން ނިކުންނަ ނަތީޖާއާއި މެދުވެސް ވިސްނާލުން ރަނގަޅެވެ. މީޑިއާ ހެޑްލައިންތަކުން ޖާގަ ހޯދުން ބާވައެވެ؟

banner

ކިޔުންތެރިންގެ ޚިޔާލު