10 ޑިސެމްބަރ 2018 ( ހޯމަ )

banner

ހޮހަޅައިގައި ތާށިވި ފުޓްބޯޅަ ޓީމު ސަލާމަތްކޮށްފި

މިދިޔަ ޖޫން މަހު 23 ދުވަހު ތައިލެންޑުގެ ތަމް ލުއާންގ ހޮހަޅައިގައި ތާށިވި ޒުވާން ފުޓްބޯޅަ ޓީމު 12 ކުޅުންތެރިންނާއި ކޯޗު 17 ދުވަހަށްފަހު މިއަދު ހުރިހާ ކުޅުންތެރިންނާއި ކޯޗު އެހޮހަޅައިން ސަލާމަތްކޮށްފިއެވެ. ހޮހަޅައިގައި ތާށިވި ކުދިން ހޯދުމަށް ޑައިވަރުން ކުރަމުން ގެންދިޔަ މަސައްކަތުން އެންމެ ފުރަތަމަ އެކުދިން ފެނިފައިވަނީ އިގިރޭސި ދެޑައިވަރަކަށެވެ. އެދެޑައިވަރުންނާއި މުއާމަލާތްކޮށްފައިވާ އެކުދިންގެ ތެރޭގައި ހުރި އިގިރޭސި ދަންނަ ހަމައެކަނި ކުއްޖާކަމަށްވާ މިޔަންމާއަށް ނިސްބަތްވާ އުމުރުން 14 އަހަރުގެ އަދުލް ސަމް އޮން އެވެ. 

ޑައިވަރުން އެކުދިން ފެނުނުއިރު އެންމެ ހާލު ދެރައީ ކޯޗެވެ. ކޯޗުވަނީ ހޮހަޅައިގައި ތާށިވި ދުވަހުން ފެށިގެން އޭނާއަށް ކެއުމަށް ކަނޑައެޅި ހުރިހާ ބައެއް އެކުދިންނަށް ދީފައެވެ. ކުރިން ބުޑިސްޓް ފާދިރީ އެއްގެ ގޮތުގައި ހުރުމަށްފަހު ފުޓްބޯޅަ ކޯޗަކަށް ބަދަލުވި 25 އަހަރުގެ ކޯޗަކީވެސް މިއަންމާއަށް ނިސްބަތްވާ މީހެކެވެ. 

ހޮހަޅައިން ކުދިން ނެރެފައިމިވަނީ ތިންދުވަސް މަތިންނެވެ. ފުރަތަމަ ދެދުވަހު ކޮންމެ ދުވަހަކު 4 ކުދިން ނެރެފައިވާ އިރު މިއަދު ވަނީ 4 ކުދިންނާއި ކޯޗާއި އަދި އެކުދިން ފެނުނު ދުވަހުން ފެށިގެން އެކުދިން ބެލެހެއްޓުމުގައި ހަރަކާތްތެރިވި ޑޮކްޓަރާއި ތިން ޑައިވަރުން ވެސް ހޮހަޅައިން ނެރެފައެވެ. އެހެން ދުވަސްދުވަހާއި ޚިލާފަށް މިއަދު ކުދިން ސަލާމަތްކުރުމުގެ މަސައްކަތް ފެށިއިރުވެސް ބޯކޮށް ވާރޭވެހެމުން ދިޔަކަމަށް ބީބީސީ އިން ރިޕޯޓްކުރެއެވެ. 

ހޮހަޅައިން ކުދިން ނެރުމުގައި އެންމެ ނުރައްކާ ބަޔަކީ ހޮހަޅައިގެ ތެރޭގައި އިންނަ ޓީ-ޖަންކްޝަނެވެ. އެ ހަނި ދޭތެރޭން ފުރަތަމަ ޖެހޭނީ އަޑިއަށް ފީނަށެވެ. އޭގެ ފަހުން މައްޗަށް ފީނާށެވެ. މައްޗަށް އަރާ އިރު ހޮހަޅައިގެ ބައެއް ތަންތަނުގެ ފުޅާ މިނަކީ 40 ސެންޓިމީޓަރެވެ. އެހެންވެ ޑައިވަރުންނަށް ވެސް ޖެހޭނީ ވައި ފުޅި ބުރަކަށިން ނައްޓާލުމަށް ފަހު ހަށިގަނޑުގެ އެއް އަރިއެއްގައި ބަހައްޓައިގެން ފީނާށެވެ. މިއީ ވަރަށް ތަޖްރިބާކާރު ޑައިަވަރުންނަށް ވެސް އެހާ އުނދަގޫ ކަމެކެވެ. ނަމަވެސް ކުޅަދާނަ ޑައިވަރުންވަނީ އެހުރިހާ ކުދިން ނެރެފައެވެ.

މިހާރު އެކުދިން ވަނީ ހޮސްޕިޓަލަށް ގެންދެވިފައެވެ. މިރެއިން ފެށީގެން އެކުދިންގެ ބެލެނިވެރިންނަށް އެކުދިންނާއި ބިއްލޫރި ހުރަހެއް މެދުވެރިކޮށް ބައްދަލުކުރެވޭނެއެވެ. އެކުދިންނަށް އެއްވެސް އިންފެކްޝަނެއް އަރައިފާ ހުރެދާނެތީވެ ހުރަހެއްނެތި ބައްދަލު ނުކުރުމަށް ޑޮކްޓަރުންވަނީ ލަފާދީފައެވެ. މީގެ އިތުރުން، އެހާ ގިނަ ދުވަހު އާންމު ކެއުމުން މަހުރޫމްވެ ކަނުއަދިރީގައި އުޅެން ޖެހުމުގެ ސަބަބުން ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ފަރުވާ ހޮސްޕިޓަލުން ދެމުންގެންދާނެއެވެ.

ފުޓްބޯޅަ ކޮމިއުނިޓީއިންވެސް ދަނީ އެކުދިންނަށް ތަފާތު އެހީތައް ވަމުންނެވެ. އެގޮތުން ފުޓްބޯޅައިގެ މައި އިދާރާ ފީފީއިން ހުށަހެޅި ވޯލްޑްކަޕް ފައިނަލް މެޗް ބަލާލުމުގެ ފުރުސަތު އެކުދިންނަށް ބޭނުން ނުކުރެވުނު ނަމަވެސް އެހެން ކޮންމެވެސް ފުރުސަތުތަކެއް ފީފީއިން ހުށަހެޅުމަށް ތައިލެންޑްގެ ފުޓްބޯޅަ އެސޯސިއޭޝަނާއި ވާހަކަ ދައްކަމުންދާނެ ކަމަށް ބެލެވެއެވެ. މީގެ އިތުރުން، އެކުދިންގެ ތެރެއިން ގިނަ ކުދިން ސަޕޯޓްކުރާ މެންޗެސްޓާ ޔުނައިޓެޑް އިން ވަނީ އަންނަ ފުޓްބޯޅަ ސީޒަނުގައި އެޓީމުގެ ދަޑަށް އައުމަށް ފުރުސަތެއް ދީފައެވެ.

banner

ކިޔުންތެރިންގެ ޚިޔާލު