17 އޮކްޓޯބަރ 2018 ( ބުދަ )

banner

އީޔޫއިން ރާއްޖެއާއި މެދު ފިޔަވަޅު އަޅަން ތައްޔާރުވެއްޖެ.

އީޔޫއިން ސަރުކާރާއި ދެކޮޅަށް ފިޔަވަޅު އަޅަން ނިންމުން އަންނަ ހޯމަ ދުވަހު

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ރާއްޖޭގެ ސަރުކާރުގެ ބައެއް އިސް ފަރާތްތަކާއި ދެކޮޅަށް ފިޔަވަޅު އަޅަން ނިންމުން އަންނަ ހޯމަ ދުވަހަށް ތާވަލް ކުރެވިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. ސަރުކާރުގެ ބައެއް ފަރާތްތަކާއި ދެކޮޅަށް އީޔޫއިން ފިޔަވަޅު އަޅަން ނިންމަނީ، ރާއްޖޭގެ އިންސާނީ ހައްގުތަކާއި ޚިލާފަށް ކުރެވޭ ބޮޑެތި ކުށްތަކުގެ ސަބަބުންނާއި ޑިމޮކްރަސީގެ އުސޫލާއި ޚިލާފަށް ސަރުކާރުގެ ފަރާތުން ހިންގާ ގިނަ ކަންތައްތައް ބަލައި ނުގަނެވޭތީ ކަމަށް ވެއެވެ. 

މި ވާހަކަތަކަށް ބާރުލިބޭ ގޮތަށް ދާދި ފަހުން ރައީސް ޔާމީން އަބްދުގައްޔޫމް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. ރައީސް ޔާމީނު ވިދާޅުވެފައި ވަނީ އީޔޫއިން ރާއްޖެއާއި މެދު ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި އެކަމާ އިދިކޮޅު އެމްޑީޕީ މެންބަރުން އުފާ ކުރިޔަސް އެކަމާ ސަރުކާރުން ދެރަވެ ހިތާމަ ކުރާއްވާ ކަމަށެވެ. ނަމަވެސް އީޔޫގެ އެދުމަށް ދޫދެވެން ނެތް ކަމަށެވެ.

އިދިކޮޅު އެމްޑީޕީން ބުނެފައި ވަނީ އެ ބޭފުޅުން ދެރަވަނީ ބައިނަލް އަގުވާމީ ގާނޫނުތަކަށް މިރާއްޖޭގެ ސަރުކާރުން ބޯ ނުލަނބާތީ ކަމަށެވެ. އަދި އިންސާނީ ހައްގުތަކާއި ޚިލާފަށް ރައްޔިތުންނަށް ދެމުން ދާ އަނިޔާތަކާ ހެދި ކަމަށެވެ.

ސަރުކާރުގެ އިސްވެރިންނާއި މެދު ފިޔަވަޅު އަޅައިގެން ވެސް ރާއްޖޭގައި އިންސާފާއި ހަމަހަމަ ކަން ގާއިމުކޮށް އިންސާނީ ހައްގުތައް ރައްކާތެރިކުރުމާއެކު ބައިނަލް އަގުވާމީ ދުނިޔެ ބަލައިގަންނަ ބަޔަކަށް ރާއްޖެ ވުން އެދޭ ކަމަށެވެ. 

ރާއްޖެއާއި މެދު ފިޔަވަޅު އަޅަން ޖެހިދާނެ ކަމަށާއި އެކަންތައްތައް އިސްލާޙު ކުރަން ރާއްޖޭގެ ސަރުކާރަށް އީޔޫއިން އެތައް ފުރުސަތެއް ދީ އިންޒާރުތަކެއް ވެސް ދީފައި ވެއެވެ. ނަމަވެސް ބައިނަލް އަގުވާމީ ގާނޫނުތަކާއި އިންސާނީ ހައްގުތަކާއި، ޚިލާފަށް އެތައް ކަންތައްތަކެއް ހިންގަމުން ދާތީއާއި އަދި އެކަންތައްތައް އިސްލާޙު ނުކުރާތީ ރާއްޖޭއާއި މެދު އަޅާ ފިޔަވަޅުތަކެއް ކަމަށް މައުލޫމާތު ލިބެއެވެ.

ރާއްޖެއާއި މެދު އަޅަން ކަނޑައަޅާފައިވާ ފިޔަވަޅުތަކުގެ ތަފުސީލެއް އަދި މުޅިން ސާފެއް ނުވެއެވެ. ނަމަވެސް ބެލެވޭ ގޮތުގައި ރާއްޖެއާއި މެދު އަޅާނެ ފިޔަވަޅުތަކުގެ ތެރޭގައި ރާއްޖޭގައި އިންސާނީ ހައްގުތަކާއި ޚިލާފަށް ކަންތައްތައް ކޮށްފައިވާ ފަރާތްތަކާއި، ގާނޫނުގެ ބާރު ކަނޑުވާލާ ފާރާތްތަކާއި ޚިޔާލު ތަފާތުވާ ގައުމީ ކަންކަމުގައި ސިޔާސީ ހައްލު ހޯދުމާއި ދެކޮޅު ހަދާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށް ބެލެވެއެވެ. އެގޮތުން ލަފާކުރެވެނީ އެކަންކަމުގައި ބައިވެރިވާ ދައުލަތުގެ އިސްފަރާތައް ޔޫރަޕުގެ ގައުމުތަކަށް ދަތުރު ނުކުރެވޭ ގޮތް ހެދުމާއި އެފަރާތްތަކުގެ މަސްލަހަތު އޮންނަ ވިޔަފާރިތަކަށް ދަތިކުރުމުގެ ފިޔަވަޅު ހިމެނިދާނެއެވެ.

banner

ކިޔުންތެރިންގެ ޚިޔާލު