17 އޯގަސްޓް 2018 (ހުކުރު)


ކަރަންޓު މައްސަލަ ހައްލު ކުރުމަށް އާއިންޖީނެއް ގެނެސްފި

އައު 800KW އިންޖީނާއެކު ފުވައްމުލަކުގެ ކަރަންޓްގެ ޚިދުމަތަށް ރައްޔިތުންގެ އިތުބާރު ހޯދޭނެ ބާ؟ ފޮތޯ: އަތީގު

އައު 800KW އިންޖީނާއެކު ފުވައްމުލަކުގެ ކަރަންޓްގެ ޚިދުމަތަށް ރައްޔިތުންގެ އިތުބާރު ހޯދޭނެ ބާ؟ ފޮތޯ: އަތީގު

މިހާރު ފުވައްމުލަކުގެ ކަރަންޓަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް 800 ކިލޯވޮޓުގެ ޖަނެރޭޓަރެއް މިއަދު ރަށަށް ގެނެސްފިއެވެ. ފެނަކައިން ކުރިން މީޑިއަގާއި ބުނެފައިވާ ގޮތުގައި މިޖަނެރޭޓަރު ގެނައުމުން ފުވައްމުލަކުގެ ކަރަޓަންޓަށް ދިމާވެފައިވާ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ.

މީގެ ކުރިން ފެނަކައިން ބުނެފައި ވަނީ އެފަހަރު ފުވައްމުލަކަށް ގެނައި 1.2 މެގަވޮޓުގެ ޖަނެރޭޓަރު ބޭނުންކުރަން ފެށުމާއެކު ފުވައްމުލަކުގެ ކަރަންޓަށް ދިމާވަމުން ދިޔަ މައްސަލަތައް މުޅިން ހައްލުވެ 24 ގަޑިއިރުގެ ކަރަންޓް ޔަގީން ވެގެން ދާނެ ކަމަށެވެ. ނަމަވެސް ފުވައްމުލަކުގެ ކަރަންޓުގެ ޚިދުމަތަށް ރައްޔިތުންގެ އިތުބާރު ގެއްލިފައި މިވަނީ އިތުބާރު ކުރެވޭ ގޮތަށް ބަރާބަރަށް ކަރަންޓްގެ ޚިދުމަތް ދެވެމުން ނުދާތީއެވެ. މުޅި އަހަރުތެރޭގައި ވެސް ދޭތެރެ ދޭތެރެއިން ކަރަންޓް ކެނޑިފައި އޮވެމެ، މީހުންގެ އަސާސީ ބޭނުންތައް ފުއްދުމުގައި ކަރަންޓް ނެތުމުން ދަތިތަކާއި ތަކުލީފުތަކެއް އުފުލަން ޖެހޭތީއެވެ. 

މިކަލް ނޫޙާއި ވާހަކަ ދެއްކި އިލެކްޓްރިކަލް އިންޖިނިއަރިން ދާއިރާގެ ތަޖުރިބާ ކާރަކު ބުނެފައި ވަނީ ފުވައްމުލަކުގެ އިންޖީނުގެއަކީ ފައިދާ ނެރެވޭ ޚިދުމަތެއް ކަމަށެވެ. ވުމާއެކު ފުވައްމުލަކުގެ ކަރަންޓަށް އިތުބާރު ހިފޭވަރުގެ ސިސްޓަމް ތަކެއް އިންޖީނުގޭގައި ގާއިމުކުރަން ޖެހޭ ކަމަށާއި، އެކަށީގެންވާ ބެކަޕް ސިސްޓަމަކާއި ސްޕެއަރޕާރޓްސް ތައް ހުންނަން ޖެހޭ ކަމަށެވެ.

އެ އިންޖީނުގޭގައި އިދާރީ އަދި ސަޕޯޓް މުވައްޒަފުންނަށް ވުރެ މެނޭޖަރުން މާގިނަ ކަމަށެވެ. އެގޮތުން އޭނާ ބުނީ 10 އަށް ވުރެ މަދު ނޫން އަދަދަކަށް މިހާރުވެސް މެނޭޖަރުން އެބަތިބި ކަމަށެވެ. އެއިގެ ކޮންމެ މީހެއްގެ މުސާރަ ވެސް އުޅޭނީ 15 ހާހަށްވުރެ މަތީގައި ކަމަށް އޭނާ ލަފާކުރެއެވެ. މިފަދަ ހާލަތުގައި ޚިދުމަތް ނުދެވި ކުންފުނީގެ ފައިސާ ޚާރަދުކުރެވިގެންދަނީ ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތައްތޯ އޭނާ ސުވާލު އުފެއްދިއެވެ.

އެކަމަކު، އިންޖީނުގޭގައި އިލެކްޓްރިކަލް އިންޖިނިއަރިން ދާއިރާގެ ފަންނީ މުވައްޒަފުން ތަނުގައި ނެތްކަމަށާއި އިންޖީނުގެއަށް ދިމާވާ މައްސަލަތައް ހައްލުކުރުމުގައި މައި ކުންފުނީގެ އިހުމާލު ވެސް އޮތް ކަމަށެވެ. އެގޮތުން އޭނާ ފާހަގަ ކުރީ ފެނަކަ ފުވައްމުލަކު އިންޖީނުގެއިން އޯޑަރު ކުރާ ސްޕެއަރ ޕާރޓްސްތައް ހޯދާ ނުދެވި ގިނަ ދުވަސްތަކެއް ވުމާއި، ސްޕެއަރ ޕާރޓްސް ގެ މުއްދަތު(ޓައިމް ލިމިޓް) ހަމަވެ ކޮންމެ ފަހަރަކު އިންޖީނެއް "ބަޑި ޖަހަންދެން" ބަލަން ތިބެން ޖެހިފައިވާ ހާލަތާއި ވެސް ދިމާވާކަމަށް އެނާ ފާހަގަކުރިއެވެ. 

މައި ކުންފުންޏާއި ސަރުކާރުން އެތަން ބޭނުން ކުރަނީ، ރަނގަޅު ޚިދުމަތެއް ދިނުމަށްވުރެ ބޮޑަށް ސަރުކާރުގެ ސިޔާސީ މަގާމުތައް ބަހާލުމަށް ކަމަށް ތުހުމަތު ކުރަމުން އޭނާ ބުނީ މިހާރު ވެސް ރަށުގެ ކޮންމެ އަވަށަކަށް ނިސްބަތްވާ ގޮތަށް 8 މެނޭޖަރުން ލާފައި ވަނީ ސިޔާސީ ނުފޫޒުން ކަމަށެވެ.

ފުވައްމުލަކުގެ އިންޖީނުގެއިން ވިޔަފާރީގެ ނަފާ ހޯދޭއިރު ޚިދުމަތްތައް މިހާރަށް ވުރެ ފުރިހަމަވާން ޖެހޭ ކަމަށް ފުވައްމުލަކުގެ ގިނަބަޔަކު ގަބޫލުކުރެއެވެ. ކަރަންޓް ނެތި ދާ ކޮންމެ ހިނދުކޮޅަކީ، އަސާސީ ޚިދުމަތުން ތަކުލީފު އުފުލުމުގެ އިތުރުން ރަށަށް އިގުތިސާދީ ގޮތުންނާއި ފަންނީ ގޮތުން ނުހަނު ބޮޑު ގެއްލުންތަކެއް ވެގެންދާ ވަގުތުތަކެ ކެވެ. 

ކިޔުންތެރިންގެ ޚިޔާލު

ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!

މިލިޔުމަށް ޚިޔާލެއް ލިބިފައި ނެތް!