22 ސެޕްޓެމްބަރ 2018 ( ހޮނިހިރު )

banner

ފުވައްމުލަކު އުތުރު ދާއިރާއިން ބޮޑު މެޖޯރިޓީއެއް ނަގާނަން- ކޯލީޑަރ ހަސަން

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ފުވައްމުލަކު އުތުރު ދާއިރާއިން ބޮޑު މެޖޯރިޓީއެއް ހޯދާނެ ކަމަށް އުތުރު ދާއިރާގެ ޕީޕީއެމްގެ އެއް ކޯލީޑަރު ހަސަން އަބްދުﷲ (ކޭ-ހަސަން) ހާމަކޮށްފިއެވެ. އެހެން ފަހަރުތަކަށް ވުރެ ވެސް ބޮޑު މެޖޯރިޓީއެއް މިފަހަރު އުތުރު ދާއިރާއިން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޔާމީނު އަބްދުލް ގައްޔޫމަށް ލިބޭނެ ކަމަށް މިކަލް ނޫހަށް މައުލޫމާތު ދެއްވަމުން ކޭ-ހަސަން ހާމަކުރައްވައިފިއެވެ.

އޭނާ ހާމަކުރެއްވި ގޮތުން އުތުރު ދާއިރާގައި ހިމެނޭ 3 އަވަށުން ވެސް މެޖޯރިޓީ ޕީޕީއެމަށް ލިބޭނެއެވެ. ނަމަވެސް މިކަލް ނޫހާއި ވާހަކަދެއްކި ޕީޕީއެމްގެ އެހެން އިސް ކޭމްޕޭނަރަކު ބުނި ގޮތުގައި އެމީހުން މަސައްކަތް ކުރަނީ މިފަހަރު އުތުރު ދާއިރާއިން މެޖޯރިޓީ ހޯދުމަށެވެ. ކުރީގެ ރިޔާސި އިންތިޚާބުތަކުން ދާއިރާގެ މެޖޯރިޓީ ޕީޕީއެމަށް ލިބިފައި ވެއެވެ.

ހޯދަޑު އަވަށުން %55 ޕަސެންޓަށް ވުރެ މަތިން ވޯޓު ލިބޭނެ ކަމަށް ކޭ-ހަސަނު ވިދާޅު ވިއެވެ. އެއީ 394 ވޯޓެވެ. ނަމަވެސް ފާއިތުވި ދެ ރިޔާސީ އިންތިޚާބުގައި ވެސް ހޯދަޑު އަވަށުގެ މެޖޯރިޓީ ހޯދާފައި ވަނީ އިދިކޮޅު އެމްޑީޕީއިން ނެވެ.

ދިގުވާނޑު އަވަށުން %60 ވޯޓު ލިބޭނެ ކަމަށެވެ. އެއީ 355 ވޯޓެވެ.

އަދި ދަޑިމަގު އަވަށުން %65 ލިބޭނެ ކަމަށެވެ. އެއީ 510 ވޯޓެވެ.

މީގެ އިތުރުން ފުވައްމުލަކުގެ އުތުރު ދާއިރާގެ 3 އަވަށުގެ މީހުން ވޯޓުލުމަށް މާލޭ އަރަބިއްޔާ ސްކޫލުގައި ވެސް ވޯޓު ފޮށްޓެއް ބެހެއްޓޭނެއެވެ. އެފޮށްޓަށް ވޯޓު ލުމަށް 689 މީހުން ރަޖިސްޓްރީ ކޮށްފައިވެއެވެ. މިފޮށިން މެޖޯރިޓީ ހޯދުމަށް 3345 ވޯޓު ހޯދަން ޖެހެއެވެ. އާއްމު ގޮތެއްގައި ކުރީގެ އިންތިޚާބުތަކުގައި މާލޭގައި ބެހެއްޓެ ފޮށިގެ މެޖޯރިޓީ ނަގަނީ އިދިކޮޅު އެމްޑީޕީއިންނެވެ.

މިއީ ފުވައްމުލައް ސިޓީގައި ހިމެނޭ 3 ދާއިރާގެ ތެރެއިން އެންމެ ބޮޑު ދާއިރާއެވެ. މި ދާއިރާއިން މެޖޯރިޓީ ހޯދުމަށް 1417 ވޯޓު ހޯދަން ޖެހެއެވެ. މިއީ ހަމަ އެކަނި ފުވައްމުލަކު އުތުރު ދާއިރާގެ މީހުން ވޯޓު ލުމަށް ކަނޑައެޅިފައިވާ 4 ފޮށީގެ ވޮޓުންނެވެ. 

މީގެ އިތުރުން ރިޒޯޓް ތަކާއި ސިނާޢީ ސަރަހައްދު އަދި އެހެން ރަށްރަށާއި އަދި ޖަލުގައި ބެހެއްޓޭ ވޯޓު ފޮށިތަކަށް ވެސް ކޮންމެވެސް ވަރަކަށް މި ދާއިރާއަށް ނިސްބަތްވާ މީހުންގެ ވޯޓު އެޅިގެންދާނެއެވެ. 


ކިޔުންތެރިންގެ ޚިޔާލު