16 އޮކްޓޯބަރ 2018 ( އަންގާރަ )

banner

ރޭގެ ޖަލްސާގައި ފުވައްމުލަކަށް ކޮށްދޭނެ ކަމެއް ނެތުމުން ޕީޕީއެމް ސަޕޯރޓަރުން މާޔޫސްވެފައި ފޮޓޯ؛ ވާފީ

ފުވައްމުލަކަށް ކޮށްދެއްވާނެ ކަމެއް ހާމަ ނުކުރެއްވުމުން މާޔޫސް ކަން!

ރޭ ޕީޕީއެމްގެ ރިޔާސި ކެންޑިޑޭޓް ރައީސް ޔާމީނު އަބްދުލް ގައްޔޫމު ‘ފުވައްމުލަކުގެ ރައްޔިތުންނާއި’ ކުރެއްވި ބައްދަލުވުމަކީ ރަށުގެ އެއްކޮޅު ސަޕޯރޓަރުންނާއި އިދިކޮޅު ސަޕޯރޓަރުން ވެސް ވަރަށް ކަނުލައި އަޑު އެހި ބައްދަލުވުމެކެވެ. ގިނަ ބަޔެއްގެ އުއްމީދަކަށް ވެފައިއޮތީ ރިޔާސި އިންތިޚާބުގެ ވައުދުތަކުގެ ތެރެއިން ޕީޕީއެމް ސަރުކާރެއްގައި ފުވައްމުލަކަށް ކޮށްދެއްވަން ޕްލޭނު ކުރެވިފައި ވަނީ ކޮންކޮން ކަންތައްތަކެއް ތޯ އަޑު އެހުމެވެ.

ރޭ 9:15 އެއްހާއިރު ހާފިޒު އަޙުމަދު ސްކޫލު ގޯތިތެރޭގައި ފެށުނު ޖަލްސާ 11:30 ހާއިރު ނިމިގެން ދިޔައިރު ވެސް ފުވައްމުލަކަށް ރައީސް ޔާމީނު ސަރުކާރެއްގެ ދެވަނަ ދައުރުގައި ކޮށްދެއްވާނެ އެއްވެސް ކަމެއް އިއުލާން ވެގެނެއް ނުދިޔައެވެ. މުޅިން ވެސް އިވިގެން ދިޔައީ ފުވައްމުލަކުން ރައީސް ޔާމީނުގެ ސަރުކާރަށް މަޖުލީހުގެ 3 ގޮނޑި ކާމިޔާބުކޮށް ދިންކަމާއި ނާއިބު ރައީސާއި މަޖުލީހުގެ ރައީސެއް ލިބިގެން ދިޔަކަމުގެ ވާހަކައެވެ.

ރައީސް ޔާމީނު ވިދާޅުވީ ނިމިގެން މިދާ ދައުރުގައި 1.1 ބިލިޔަން ރުފިޔާ ގެ ބޮޑު ޚަރަދެއް ފުވައްމުލަކަށް ކުރެވިގެން ދާކަމަށެވެ. ނަމަވެސް ރައީސް ގެ މިވާހަކަ ތަކަށް ރައްދު ދެމުން މި އަދާއި ރޭ ސޯޝަލް މީޑީއާގައި ފުވައްމުލަކުގެ ގިނަ ބަޔަކު ސުވާލު އުފައްދަނީ އެވިދާޅުވާ ބޮޑު ޚަރަދެއް ކުރެވިގެން ދިޔައީ ފުވައްމުކުގެ ކޮން ޕްރޮޖެކްޓަކަށް ތޯއެވެ؟

ފުވައްމުލަކުގެ ފެނާއި ނަރުދަމާ ޕްރޮޖެކްޓަށް ޚަރަދުވި 297 މިލިޔަން ރުފިޔާގެ އިތުރުން ބާކީވާ 803 މިލިޔަން ރުފިޔާ ޚަރަދުވީ ކޮންކޮން ކަމަކަށްތޯ ތަފުސީލު ދިނުމަށް ބައެއް މީހުން ވަނީ ގޮވާލާފައެވެ. ފުވައްމުލަކުގެ ފެނާއި ނަރުދަމާގެ ޕްރޮޖެކްޓަކީ ރައީސް މައުމޫނުގެ ވެރިކަމުއް ސުރެ ޑިޒައިންކުރެވި ފަންޑު ހަމަޖެހި ކުރިޔަށް ނުގެންދެވި އޮތް ޕްރޮޖެކްޓެކެވެ. އެކަން ރޭގެ ޖަލްސާގައި ރައީސް ޔާމީނުގެ ވާހަކަފުޅުން ވެސް ހާމަވިއެވެ.

ބައެއް މީހުން ހާމަކޮށްފައިވާ ގޮތުން އެ ވިދާޅުވާ 1.1 ބިލިޔަން ރުފިޔާގެ އަގަކީ ރިޔާސީ ދެ ދައުރރަށް މަޖުލީހުގެ 3 މެންބަރުންނާއި ނާއިބު ރައީސާއި ރައްޔިތުންގެ މަޖުލިސް ރައީސްގެ އަގަށް ވެދާނެއެވެ. އެހެންވެ އިތުރު ކަމެއް އަންނަން އޮތް ދައުރަށް ނެތީ ކަމަށެވެ. މާޔޫސު ކަމާއި އެކު ޖަލްސާގައި ތިބި ޕީޕީއެމް ސަޕޯރޓަރުން ފާހަގަކޮށް އިދިކޮޅު ފަރާތްތަކުން އަންނަނީ ސޯޝަލް މީޑީއާގައި ފޮޓޯތައް ޝެއަރ ކުރަމުންނެވެ.

ރައީސް ޔާމީނުގެ ފުރަތަމަ ދައުރުގައި ވެސް ފުވައްމުލަކަކީ ބާކީ ކުރެވިފައިވާ ތަނެއްކަމަށް ބުނެ ފާޑުކިޔުންތައް އަމާޒުކުރެއެވެ. އެގޮތުން ގދ. ތިނަދޫއާއި ދ.ކުޑަހުވަދޫއާއި، ތ.ވިލިފުއްޓާއި ރ. އުނގޫފާރާއި ރ.މީދޫގައި ކުރިޔަށް ގެންދެވިފައިވާ ޕްރޮޖެކްޓް ތަކުގެ ވާހަކައިން އިދިކޮޅު ފަރާތްތަކުން އަޅާކިޔައެވެ. މިރަށް ރަށަކީ ފުވައްމުލަކާ އަޅާބަލާއިރު މާކުދިކުދި އާބާދީ ތަކަށްވެ ފުވައްމުލަކުން ޕީޕީއެމަށް ދިން ސަޕޯޓާ އާޅާ ބަލާއިރު ރައީސް ޔާމީނުގެ ފުރަތަމަ ދައުރު ނިމެމުން ދާއިރު ފުވައްމުލަކަށް ލިބުނީ “ހޫހެއް” ކަމަށް އެފަރާތްތަކުން ބުނެއެވެ. ނަމަވެސް ރައީސް ޔާމީނުގެ ސަޕޯރޓަރުން އެކަން ގަބޫލުކުރަން ބޭނުމެއް ނުވެއެވެ.

banner

ކިޔުންތެރިންގެ ޚިޔާލު