24 މާރިޗު 2019 ( އާދީއްތަ )

banner

ކަރަންޓް ބިލަށް އައި ބަދަލާއި ގުޅިގެން ތަކެތީގެ އަގު އުފުލިގެން ދާނަމަ އެކަމަކީ އަތޮޅު ކައުންސިލް އިން ކަންބޮޑުވާނެކަމެއް - ކައުންސިލްގެ ޒިންމާދާރު އިސްވެރިޔާ، އަހުމަދު މުހައްމަދު

ކަރަންޓް ބިލުގެ ރޭޓްތަކަށް ގެނައި ބަދަލާއި ގުޅިގެން ފުވައްމުލަކު ވިޔަފާރިވެރިން، އަތޮޅު ކައުންސިލާ ބައްދަލު ކޮށްފި

ކަރަންޓް ބިލުގެ ރޭޓްތަކަށް ގެނައި ބަދަލާއި ގުޅިގެން ފުވައްމުލަކު ވިޔަފާރިވެރިން، ފުވައްމުލަކު އަތޮޅު ކައުންސިލާ ބައްދަލު ކޮއްފިއެވެ.

މި ބައްދަލުވުމުގައި ވިޔަފާރިވެރިން ގެ ފަރާތުން އަތޮޅު ކައުންސިލްގައި މައިގަނޑު ދެކަމަކަށް ވަނީ އެދިފައެވެ. އެއީ ވިޔަފާރިވެރިންގެ ފަރާތުން ތައްޔާރު ކޮށްފައިވާ ޕެޓިޝަން ސަރުކާރުގެ އިދާރަތަކަށް ފޯރުކޮށްދިނުމާއި ފުވައްމުލަކު ފެނަކަ ކޯޕަރޭޝަންއާއި އެކު ބައްދަލުވުމެއް ބޭއްވޭނެ އިންތިޒާމު ހަމަޖައްސަވާދެއްވުމެވެ.

ވިޔަފާރިވެރިން ފާހަގަ ކުރެއްވި ގޮތުގައި ކަރަންޓް ބިލް ބޮޑު ވުމާއި ގުޅިގެން ފެނަކަ ކޯޕަރޭޝަންގެ ފުވައްމުލަކު ބްރާންޗްގެ އިސްވެރިންނާއި ބައްދަލުކުރުމަށް މިހާތަނަށް ކުރި މަސައްކަތުން އެކަން ކުރެވޭ ގޮތް ވަނީ ނުވެފައެވެ.

މީގެ އިތުރުން ކަރަންޓް ބިލްގެ ރޭޓްތަކަށް ގެނައި ބަދަލާއި ގުޅިގެން ވިޔަފާރިވެރިންގެ ކަންބޮޑުވުންތައް ވެސް ކައުންސިލްގެ އިސްފަރާތްތަކާއި މިއަދު ވަނީ ހިއްސާކޮށްފައެވެ. ގިނަ އަދަދެއްގެ ވިޔަފާރިވެރިން ބައިވެރިވި މިބައްދަލުވުމަގައި، ކަރަންޓްބިލް ބޮޑުވުމާއި ގުޅިގެން މިހާރު ވިޔަފާރިވެރިން ސޮއި ކުރަމުންދާ ޕެޓިޝަންއާއި ބެހޭ މަޢުލޫމާތު އަތޮޅު ކައުންސިލްގެ އިސްފަރާތްތަކާއި ވަނީ ހިއްސާކޮށްފައެވެ.

އަދި ކަރަންޓް ބިލް ބޮޑުވުމާއި ގުޅިގެން އަތޮޅު ކައުންސިލަށް މިކަމުގައި ކޮށްދެވޭނެ ކަންތައްތަކާއި މެދު ވަނީ މަޝްވަރާކޮށްފައިއެވެ..

ކަރަންޓު ބިލަށް އައި ބަދަލަކީ ވިޔަފާރި ކުރާ ތަންތަނަށް ދެމުންއައި ސަބްސިޑީޒް އަދި ފިއުލްސާޗާރޖް ކަނޑާލުމުން އައި ބަދަލެއް ކަމަށް ވިދާޅުވެ، ކަމުގެ ހަޤީޤަތް އޮޅުވާލުމަށް ބައެއް ފަރާތްތަކުން މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް، ބައްދަލުވުމުގައި ބައިވެރިވި ވިޔަފާރިވެރިން ވަނީ ފާހަގަކޮށްފައެވެ.

އެބޭފުޅުން ވިދާޅުވި ގޮތުގައި ފުވައްމުލަކުގެ ފިހާރަތަކުން މިހާތަނަށް ވެސް ކަރަންޓް ބިލަށް ފައިސާ ދައްކަމުން އައީ ކޮމާރޝިއަލް ރޭޓުންނެވެ. އެހެންކަމުން މީގެ ކުރިންވެސް ސަރުކާރުން ފުވައްމުލަކުގެ ވިޔަފާރި ވެރިންނަށް ކަރަންޓް ބިލަށް އެއްވެސް ފައިސާއެއް އެއްވެސް ސިފައެއްގައި ސަބްސިޑީގެ ގޮތުގައިވެސް ދައްކާފައި ނުވާކަން ވިޔަފާރިވެރިން ވަނީ ފާހަގަކޮށްފައެވެ.

ކަރަންޓް ބިލަށް އައި ބަދަލާއި ގުޅިގެން ވިޔަފާރިވެރިނަށް ލިބޭ ގެއްލުން ފޫބެއްދުމަށް، ތަކެތީގެ އަގުބޮޑު ކުރެވިދާނެ ކަމަށާއި އެހެންނަމެވެސް ރައްޔިތުންނަށް ނުކުޅަދާނަ ވަރަށް ތަކެތީގެ އަގު އުފުލުމަކީ އެބޭފުޅުން ބޭނުންވާ ގޮތެއް ނޫކަމަށް ގިނަ ވިޔަފާރި ވެރިން ވަނީ ފާހަގަކޮށްފައެވެ. ވިޔަފާރިވެރިން އިތުރަށް ވިދާޅުވީ ސަރުކާރުގެ ފަރާތްތަކައި އެކު މަޝްވަރާ ކުރުމަށް ފަހު އެކަށިގެންވާ ހައްލެ ނުލިބިއްޖެނަމަ އިތުރު ގޮތްތަކެއް ހިޔާރުކުމަށް ވިސްނާފައިވާ ކަމަށެވެ.

އަތޮޅު ކައުންސިލްގެ ފަރާތުން ވާހަކަ ދައްކަވުން އެ ކައުންސިލް ޒިންމާދާރު އިސްވެރިޔާ، އަހުމަދު މުހައްމަދު ވިދާޅުވީ ގޮތުގައި ކަރަންޓް ބިލަށް އައި ބަދަލާއި ގުޅިގެން ތަކެތީގެ އަގު އުފުލިގެން ދާނަމަ އެކަމަކީ އެކައުންސިލުންވެސް ކަންބޮޑުވާނެކަމެވެ. އަދި މިކަމުގައި ކައުސިލަށް ކޮށްދެވެން އޮތް ހުރިހާ ކަމެއް ކޮށްދެވާނެކަމަށް ކައުންސިލްގެ ފަރާތުން ބައިވެރިވި ބޭފުޅުން ވަނީ ވިދާޅުވެފައެވެ.

banner

ކިޔުންތެރިންގެ ޚިޔާލު