ފެނަކަ ކޯޕަރޭޝަން ފުވައްމުލަކު ބްރާންޗަށް ކޮށްދެވޭނެ ކަމައް ނެތް - އެގްޒެކެޓިވް މެނޭޖާރ މުހައްމަދު ތޯރިޤް
ކަރަންޓް ބިލްގެ ރޭޓްތަކަށް ގެނައި ބަދަލާއި ގުޅިގެން ހުރި ކަންބޮޑުވުންތައް ހިއްސާކުރުމަށް މިއަދު ފުވައްމުލަކު ފެނަކަ ކޯޕަރޭޝައާއި އެކު ފުވައްމުލަކު ވިޔަފާރި ވެރިން ބައްދަލުވުމެއް ބާއްވައިފިއެވެ.
މި ބައްދަލުވުމުގައި ވިޔަފާރިވެރިން، ވަނީ ކުރިން އެންގުމަކާއި ނުލާ ކަރަންޓް ބިލަށް އެހާ ބޮޑު ބަދަލެއް ގެނައުމުން އެކަން ކުވެރިކޮށްފައެވެ. އަދި މި މައްސަލައަށް ހައްލެން ލިބެންދެން ޖުރިމާނާ ކުރުމެއް ނެތި ކަރަންޓް ބިލަށް ފައިސާ ދެއްކުން ފަސްކޮށް ދިނުމަށް އެދިފައެވެ.
މިއަދުގެ ބައްދަލުވުގައިވެސް ވިޔަފާރިވެރިން ބުނެފައިވަނީ ތަކެތީގެ އަގުތައް އަތްނުފާރަފަށަށް ބޮޑު ކުރުމަކީ ހައްލެއް ކަމުގައި އެބޭފުޅުން ނުދެކޭ ކަމަށެވެ. އަދި ކަރަންޓް ބިލަށް އައި ބަދަލަކީ ސަބްޒިޑީޒް ނުވަތަ ފިއުލް ސާރޗާޖް ކަނޑާލުމުން އައި ބަދަލެއްކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނަމުން ދިޔަ ނަމަވެސް ފުވައްމުލަކު ވިޔަފާރި ކުރާ ތަންތަނުގެ ކަރަންޓް ބިލަށް ދިމާވެގެން އުޅޭ މައްސަލައަކީ އެއީ ނޫން ކަމަށް ވިޔަފާރިވެރިން ބުންޏެވެ.
ބައްދަލުވުމުގައި ބައިވެރި ވިޔަފާރިވެރިއަކު ބުނި ގޮތުގައި ކަރަންޓް ބިލުން ފިއުލް ސާރޗާޖް ނަގަން ފެށިފަހުން މިހާތަނަށް ވެސް ފުވައްމުލަކުގެ ވިޔަފާރި ވެރިން އައީ ފިއުލް ސާރޗާޖަށް ވާ ފައިސާ ސަރުކާރަށް ދައްކަމުންނެވެ. ” ހަޤީޤަތުގައި ޖެހިގެން މިއުޅޭ މައްސަލަ އަކީ 301 ޔުނިޓުން މަޗަށް ނަގަމުން އައި 3.50 ލާރި 6.00 ރުފިޔާއަށް ބޮޑު ކުރުން. މިއީ ވަރަށް ބޮޑު ބަދަލެއް، މިހާ ބޮޑު އަދަދެއް ނަގައިގެން ވިޔާފާރިން ދެކޮޅު ޖައްސާނީ ކިހިނެއްތޯ؟” އަދި 301 ޔުނިޓުން ދަށް ބޭންޑް ތަކަށްވެސް ބަދަލު ގެނެސްފައިވާކަން އެ ވިޔަފާރިވެރިޔާ ފަހަގަ ކުރިއެވެ.
ފެނަކަ ކޯޕަރޭޝަންގެ އިސްފަރާތްތައް އެ ވިދާޅުވާ ސަބްސިޑީޒް ފުވައްމުލަކުގެ ވިޔަފާރި ވެރިންނަށް މިހާތަނަށްވެސް ލިބިފައިނުވާކަން ފެނަކަ ކޯޕަރޭޝަންގެ ވެރިންނަށް ނޭގޭނަމަ އެކަން އެބޭފުޅުންނަށް ސާފުކޮށްދެއްވުމަށްވެސް ބައްދަލުވުމުގައި ބައިވެރިވި ވިޔަފާރިވެރިން ވަނީ ފުވައްމުލަކު ފެނަކަ ކޯޕަރޭޝަންގައި އެދިފައެވެ.
ފެނަކަ ކޯޕަރޭޝަން ފުވައްމުލަކު ބްރާންޗްގެ ފަރާތުން ވާހަކަ ދައްކަވަމުން އެކުންފުނީގެ އެގްޒެކެޓިވް މެނޭޖާރ މުހައްމަދު ތޯރިޤް އަހުމަދު ވިދާޅުވީ، ކަރަންޓް ބިލް ބޮޑުވުމާއި ގުޅިގެން ވިޔަފާރިވެރިންގެ ކަންބޮޑުވުންތައް ފެނަކަ ކޯޕަރޭޝަންގެ އިސްފަރާތް ތަކާއި ހިއްސާ ކުރައްވާނެ ކަމަށެވެ. އެހެންނަމަވެސް ކަރަންޓް ބިލްގެ ރޭޓްތައް ކުޑަކުރުމަށް ފެނަކަ ކޯޕަރޭޝަން ފުވައްމުލަކު ބްރާންޗަށް ކޮށްދެވޭނެ ކަމައް ނެތް ކަމަށް އެބޭފުޅާ ވިދާޅުވިއެވެ.
ކަރަންޓް ބިލްގެ ރޭޓްތަކަށް ގެނައި ބަދަލާއި ގުޅިގެން ފުވައްމުލަކު އަތޮޅު ކައުންސިލް އާއި އިއްޔެ ފުވައްމުލަކު ވިޔަފާރި ވެރިންވަނީ ބައްދަލު ކޮއްފައެވެ. މި ބައްދަލުވުމުގައި ކައުންސިލްގެ ފަރާތުން ކޮއްދެވެން އޮތް ހުރިހާ ކަމެއް ކޮށްދެވާނެކަމަށް ފުވައްމުލަކު އަތޮޅު ކައުންސިލް އިން ވަނީ ވިދާޅުވެފައެވެ