22 ޖުލައި 2019 ( ހޯމަ )

ޑޮކްޓަރު ހޯދުމަށް މިރޭ ހަރަކާތްތެރިވާ ޓީމްގެ ބައެއް މީހުން ކަނޑުގެ ސަރަހައްދު ބެލުމަށްޓަކައި ފުރަން ތައްޔާރުވެގެން

މޫދަށް އެރި އުޅުނު ޑޮކްޓަރު ގެއްލިގެން ހޯދަނީ

ފުވައްމުލަކު އަތޮޅު ހޮސްޕިޓަލުގައި މަސައްކަތް ކުރަމުން އަންނަ އެތެރެ ހަށީގެ ހާއްސަ ޑޮކްޓަރު ޚާލިދު ޔޫސުފު މިރޭ މޫދަށް ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރަމުން އެބަގެންދެއެވެ.

މިއަދު ހަވީރު ޑޮކްޓަރާއި އޭނާގެ އަންހެނުން ހިގާލަން ގޮސްފައި މާނޭރެ ފަންނާއި ހަމަވުމުން މޫދަށް އެރި ފަތާލާފައި ދާންކަމަށް ބުނެ ޕާކިސްތާނު ޑޮކްޓަރު ޚާލިދު މޫދަށް އެރުނީ ކަމަށް ޑޮކްޓަރުގެ އަންހެނުންނާއި ހަވާލަދީ ހޮސްޕިޓަލުގެ މުވައްޒަފަކު ބުންޏެވެ. ޚާލިދު ޔޫސުފަކީ އާއްމުކޮށް މާނޭރެ ފަންނަށް މޫދަށް ގޮސް އުޅޭ، ރަނގަޅަށް ފަތަން ދަންނަ މީހެއްކަމަށް ވެސް ގެއްލިގެން ހޯދަމުންދާ ޑޮކްޓަރުގެ އަންހެނުންނާއި ހަވާލަދީ ހޮސްޕިޓަލުގެ މުވައްޒަފު ބުންޏެވެ.

ފުލުހުން ވިދާޅުވީ މިއަދު ހަވީރުގެ ވަގުތެއްގައި ފުވައްމުލަކު މާނެރު ސަރަޙައްދަށް މޫދަށް އެރި އުޅެނިކޮށް ބިދޭސީއަކު ގެއްލިގެން ފުލުހުންނަށް ހުށަހެޅުމާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުންނާ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ބޭކަލުންނާ ފުވައްމުލަކު ކައުންސިލްތަކުގެ މެމްބަރުންނާ ފުވައްމުލަކު ރައްޔިތުން ގުޅިގެން ކުރަމުން ގެންދާކަމަށެވެ.

“މިޙާދިސާގެ ޚަބަރު ފުލުހުންނަށް ހުށަހަޅާފައިވަނީ 18:15 ހާއިރު، އެވަގުތުން ފެށިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު އޭނާއާ ބެހޭ އެއްވެސް މަޢުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިއްޖެނަމަ ފުލުހުންނާ ގުޅޭ ނަމްބަރު 119 ނުވަތަ 3322111 އަށް ނުވަތަ ފުވައްމުލަކު ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9792803 އަށް ގުޅުއްވައި މަޢުލޫމާތު ޙިއްސާ ކުރެއްވުން އެދެން” ފުލުހުން ވިދާޅުވިއެވެ.
މިރޭ 6:00 އެހާކަންހާއިރުން ފެށިގެން އާއްމުންގެ ތެރެއިން ބަޔަކާއި ފުލުހުން އެކުވެގެން، ގެއްލިގެން އުޅޭ ޑޮކްޓަރު ހޯދުމުގެ މަސައްކަތް ކުރަމުން އެބަދެއެވެ. ޑައިވިން ބައްތި ހިފައިގެން އެހިސާބުން ފަރުމައްޗާއި މޫދު އަދި ކަނޑުގެ ސަރަޙައްދު ވެސް ބެލުމުގައި މީހުން އަންނަނީ ހަރަކާތްތެރި ވަމުންނެވެ. އަދި ކަނޑުގެ ބޭރު ސަރަހައްދު ބެލުމައްޓަކައި، ބަނދަރުން ދެ ދޯންޏެއް މިރޭގެ 9:15 އެހާކަންހާއިރު ފުރައިފައިވެއެވެ.
މިއަދަކީ ފުވައްމުލަކަށް ވެސް ވައި ބާރު މޫސުން ގޯސް، ދުވަހެކެވެ.


ކިޔުންތެރިންގެ ޚިޔާލު