22 ނޮވެމްބަރ 2018 ( ބުރާސްފަތި )

banner

ހަސަން ފަރީދު (ގެރިންޕޯ) ކޯޓުން ނެރިގެންގެންދަނީ. ފޮޓޯ: ސީއެންއެމް

ޝުހާދު މަރާލުމުގެ ކުށުގައި ފަރީދު މެރުމަށް ހުކުމްކޮށްފި

ފުވައްމުލަކު ދޫނޑިގަން އަވަށުގައި 2010 ވަނައަހަރު މަރާލި ފުވައްމުލަކު ދޫޑިގަން، އާސްމާނުގެ ޢަބްދުﷲ ޝުހާދު ޤަޞްދުގައި މަރާލުމުގެ ކުށުގައި ފުވައްމުލަކު ކަރަންކާއާގެ ޙަސަން ފަރީދު (ގެރިންޕޯ) މެރުމަށް ޙުކުމް ކޮށްފިއެވެ.

ކްރިމިނަލް ކޯޓުން މިއަދު ވިދާޅުވީ ޙަސަން ފަރީދުމެރުމަށް ޙުކުމް ކޮށްފައިވަނީ، 27 ޖެނުއަރީ 2010 ދުވަހުގެ 21:30 ހައިއިރު، ޏ. ފުވައްމުލައް ދޫޑިގަން ބޮޑުފަންނުމަގާއި ބަހާރުމަގާ ގުޅޭ ހަތަރު އަގޮޅި އަށް ޙަސަން ފަރީދު، އިތުރު ބަޔަކާއެކު ގޮސް، ޏ. ފުވައްމުލައް، ކެއުފިނިގެ ކުރިމަތީގައި ހުންނަ ފަޅުގޭގެ ފާރުބުރިމަތީގައި ތިބި މީހުންގެތެރެއިން ޏ. ފުވައްމުލައް ދޫޑިގަން، އާސްމާނުގެ ޢަބްދުﷲ ޝުހާދުގެ މެއާއި ދިމާލުން ކަނާތު އަރިކަށްޓަށް ޙަސަން ފަރީދުގެ ކަނާތުގައި އޮތް ވަޅިން ޢަބްދުﷲ ޝުހާދުގެ ކަނާތު އަރިކަށްޓަށް ހެރުމުގެ ސަބަބުން ޢަބްދުﷲ ޝުހާދަށް ލިބުނު އަނިޔާއަށް ބޭސްފަރުވާ ކުރަމުން ދަނިކޮށް 28 ޖެނުއަރީ 2010 ދުވަހު ޢަބްދުﷲ ޝުހާދު ނިޔާވެފައިވާތީ ކަމަށެވެ.

ކްރިމިނަލް ކޯޓުން ކުރި ޙުކުމުގައިވަނީ “ދައުލަތުންކޮށްފައިވާ ޤަޞްދުގައި މީހަކު މަރާލުމުގެ ކުށުގެ ދަޢުވާ އަށް ހަސަން ފަރީދު އިންކާރުކުރާއިރު، ޙާދިސާ ހިނގިތަނަށް ހަސަން ފަރީދު ދިޔަކަމާއި، ހަސަން ފަރީދަކީ ކާކުކަން އެނގޭކަމާއި، ޢަބްދުﷲ ޝުހާދުގެ ގަޔަށް ޙަސަން ފަރީދު ވަޅިޖެހިކަމާއި، ވަޅިޖެހި މަންޒަރު ފެނިފައިވާކަން، ދައުލަތުގެފަރާތުން ހުށަހެޅިހެކިންގެ ހެކިބަހުން އެގެން އޮންނަކަމަށް، އަދި ޢަބްދުﷲ ޝުހާދަށް ލިބުނު އަނިޔާއަށް ބޭސްފަރުވާ ކުރަމުން ދަނިކޮށް، 28 ޖެނުއަރީ 2010 ދުވަހު، ޢަބްދުﷲ ޝުހާދު ނިޔާވެފައިވާކަން ދައުލަތުން ހުށަހަޅާފައިވާ ޢަބްދުﷲ ޝުހާދުގެ މެޑިކޯ ލީގަލް ރިޕޯޓާއި ޢަބްދުﷲ ޝުހާދުގެ މަރުފޯމުން އެގެން އޮތުމުން، ގަސްދުގައި މީހަކު މަރާލުމުގެ ކުށުން ޙަސަން ފަރީދު ކުށްވެރިވެއްޖެކަމަށް ކަނޑައަޅާކަމަށް” ކްރިމިނަލް ކޯޓްގެ ހުކުމްގައި ބުނެފައިވެއެވެ.

ހުކުމްގައި އިތުރަށް ބުނެފައިވަނީ “އަބުދު ﷲ ޝުހާދުގެ ވާރުތަވެރިންކަމަށްވާ އަބުދު ﷲ ޝުހާދުގެ ބައްޕަ (މުހައްމަދު ހުސައިނު) އާއި އޭނާގެ މަންމަ (ޚަދީޖާ މުހައްމަދު) ބޭނުންވަނީ އެދެމަފިރިންގެ ދަރިފުޅު އަބުދު ﷲ ޝުހާދު މަރާލިމީހާގެ ކިބައިން ޤިޞާސްހިފަންކަން، ޢަބުދު ﷲ ޝުހާދުގެ ބައްޕަ (މުހައްމަދުޙުސައިން) އާއި އޭނާގެ މަންމަ (ޚަދީޖާ މުޙައްމަދު) ގެ ބަޔާނަށް ބެލުމުން އެނގެން އޮތުމާއި، ޝަރޫޢީ ނުވަތަ ޤާނޫނީ ގޮތުން ކޮށްފައިވާ އަމުރަކަށް ނުކިޔަމަންތެރިވުމަކީ ކުށެއްކަމަށް ޤާނޫނުލް އުޤޫބާތުގެ 88 ވަނަމާއްދާގެ (ހ) ގައިބަޔާންކޮށްފައިވުމާއި، އެމާއްދާގެ (ރ) ގައި މިފަދަ ކުށުގެ އަމަލުގެ ސަބަބުން މީހަކު މަރުވެއްޖެނަމަ، އެކުށްކުރި މީހެއްގެ އަދަބަކީ އިސްލާމީ ޝަރިއަތުގައި ކަނޑައެޅިފައިވާ އަދަބެއްކަމަށް ބުނެފައިވާތީ،ޤާނޫނުލް އުޤޫބާތުގެ 88 ވަނަމާއްދާގެ (ރ)ގެދަށުން ޏ. ފުވައްމުލައް ކަރަންކާއާގެ ޙަސަން ފަރީދުމެރުމަށް ޙުކުމްކުރާކަމަށެވެ.”

ޝުހާދު މަރުގެ މައްސަލައާއި ގުޅިގެން ހަސަން ފަރީދުގެ އިތުރުން އިތުރު ތިން މީހަކުވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ. ނަމަވެސް އަދި އެމީހުންގެ މައްޗަށް ކުށް ސާބިތުވިކަމަށް ހުކުމް ކޮށްފައެއްނުވެއެވެ.

banner

ކިޔުންތެރިންގެ ޚިޔާލު