17 ނޮވެމްބަރ 2018 ( ހޮނިހިރު )

banner

މުހައްމަދު އިސްމާއިލް އާއި ފަރުޒާދު ގެ މައްޗަށް ކަރަޕްޝަންގެ ދައުވާ ކުރަން ފޮނުވައިފި…

މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމާއި، ހޯދައިދިނުމުގެ ކުށުގެ ދަޢުވާކުރުމަށްޓަކައި ޏ. ފުވައްމުލަކު ހޮސްޕިޓަލްގެ ކުރީގެ ޑެޕިއުޓީ ޑިރެކްޓަރު މުހައްމަދު އިސްމާއިލް ދީދީ އާއި އެތަނުގެ ކުރީގެ އެޑްމިނިސްޓްރޭޓިވް އޮފިސަރު މުހައްމަދު ފަރުޒާދުގެ މައްޗަށް ދައުވާކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

މަގާމުގެ ނުފޫޒް ބޭނުންކޮއްގެން ނަޖައިޒް ފައިދާ ހޯދިކަމުގެ ތުހުމަތުގައި މުހައްމަދު އިސްމައީލްގެ މައްޗަށް 4 މައްސަލަ އަކާއި ފަރުޒާދުގެ މައްޗަށް 1 މައްސަލައެއް ދައުވާ ކުރަންވަނީ ފޮނުވާފައެވެ .

މި ގޮތުން މުހައްމަދު އިސްމާއިލް ގެ މައްޗަށް ދައުވާކުރަން ފޮނުވި މައްސަލަތަކުގެ ތެރޭގައި 2008، 2009 އަދި 2010 ގައި ގަނެފައިވާ ތަކެއްޗާއި ހޯދާފައިވާ ޚިދުމަތްތަކުގެ ތަފްޞީލް ބެލިއިރު، މުހައްމަދު އިސްމާއިލްގެ މަސްލަހަތު އޮންނަ ނިރިލް ފާމަސީއިން ގިނަ ޢަދަދަކަށް ތަކެތި ގަނެ ޚިދުމަތް ހޯދާފައިވާކަން އެނގެން އޮތްކަމަށް އެސީސީން ވަނީ ހަމާކޮއްފައެވެ.

މިގޮތުން 2008 ވަނަ އަހަރު މުހައްމަދު އިސްމާއިލްގެ މަސްލަހަތު އޮންނަ ނިރިލް ފާމަސީއިން ޖުމުލަ 272,979.50ރ. (ދެލައްކަ ހަތްދިހަދެހާސް ނުވަސަތޭކަ ހަތްދިހަނުވާ ރުފިޔާ ފަންސާސް ލާރި) ގެ ތަކެތި ގަނެފައިވާކަމާއި، 2009 ވަނަ އަހަރު ނިރިލް ފާމަސީއިން ތަކެތި ގަނެ ޚިދުމަތް ހޯދުމަށް ޖުމުލަ 133,680.74ރ. (އެއްލައްކަ ތެއްތިރީސްހާސް ހަސަތޭކަ އަށްޑިހަ ރުފިޔާ ހަތްދިހަހަތަރު ލާރި) ޚަރަދުކޮށްފައިވާކަމާއި، އަދި 2010 ވަނަ އަހަރު އެފަރާތުގެ ވިޔަފާރިތަކުން 144,745.50ރ. (އެއްލައްކަ ސާޅީސްހަތަރުހާސް ހަތްސަތޭކަސާޅީސްފަސް ރުފިޔާ ފަންސާސް ލާރި) ގެ ތަކެތި ގަނެ ޚިދުމަތް ހޯދާފައިވާކަން ލިޔެކިޔުންތަކުން އެނގެން އޮތްކަމާއި، ނިރިލް ފާމަސީއިން ތަކެތި ގަނެ ޚިދުމަތް ހޯދުމަށް ޏ.އަތޮޅު ހޮސްޕިޓަލްގެ ޑެޕިއުޓީ ޑިރެކްޓަރ، މުޙައްމަދު އިސްމާޢީލްދީދީ ހުއްދަދީފައިވާއިރު، އޭނާއަކީ އެ ވިޔަފާރިތަކުގައި ހިއްސާ އޮންނަ ފަރާތެއްކަން ތަޙުޤީޤަށް ލިބިފައިވާ ލިޔުންތަކުންނާއި އޭނާގެ އިޢުތިރާފުން އަދި ތަޙުޤީޤުގައި ބަޔާންދީފައިވާ ފަރާތްތަކުގެ ބަހުން އެނގެން އޮތްކަމަކަށް ވަތީވެ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމާއި، ހޯދައިދިނުމުގެ ކުށުގެ ދަޢުވާކުރުމަށް މިމައްސަލަ ޝަރީޢަތަށް ހުށަހެޅުމަށްޓަކައި، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް އެސީސީ އިން ވަނީ ފޮނުވާފައެވެ.

މުހައްމަދު އިސްމާއިލްގެ މައްޗަށް ދައުވާކުރަން ފޮނުވި އިތުރު މައްސަލަތަކުގެތެރޭގައި 2009 ވަނަ އަހަރުގެ ނޮވެމްބަރމަހު، ޖެހިޖެހިގެން އެއް މަހަކު ތިން ފަހަރު ޏ.އަތޮޅު ހޮސްޕިޓަލަށް ނިރިލް ފާމަސީއިން ޑިސްޕޯސަބަލް ގްލަވްސް ގަނެފައިވާކަމަށް ބުނާ މައްސަލަ އަކާއި 2009ވަނަ އަހަރު ޏ.އަތޮޅު ހޮސްޕިޓަލަށް އެކްސް-ރޭ ފިލްމް ގަތުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ޢަމަލުކޮށްފައިވާކަމަށް ބުނާ މައްސަލަ އެއްގެ އިތުރުން 2009 ވަނަ އަހަރު ޏ.އަތޮޅު ހޮސްޕިޓަލަށް އެކްސް-ރޭ ކެމިކަލްއާއި ފިލްމް އަދި މެޑިކަލް ކޮންސިއުމަބްލްސް ގަނެފައިވަނީ ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަމަށް ބުނާ މައްސަލަ އެއްގައިއެވެ.

ހޮސްޕިޓަލްގެ ކުރީގެ އެޑްމިނިސްޓްރޭޓިވް އޮފިސަރު މުހައްމަދު ފަރުޒާދުގެ މައްޗަށް އުފަލާފައި ވަނީ، ޏ.އަތޮޅު ހޮސްޕިޓަލަށް ބޭނުންވާ އެކްސް-ރޭ ކެމިކަލް އާއި ފިލްމް އަދި ބައެއް މެޑިކަލް ކޮންސިއުމަބްލްސް ގަތުމަށް 2009 ވަނަ އަހަރު ފުރަތަމަ ކުރި ދެ އިޢުލާނު ބާޠިލުކޮށްފައިވަނީ އެކަށީގެންވާވަރަށް އެސްޓިމޭޓް ހުށަހަޅާފައިނުވާތީ ވެ ޏ.އަތޮޅު ހޮސްޕިޓަލްގެ ނަންބަރު Gn.AH/2009/12 ( ސެޕްޓެމްބަރ 10، 2009) އިޢުލާނާ ގުޅިގެން ބޭއްވި މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ޙާޟިރުވީ ތިން ފަރާތަކުން ކަމާއި، އިޢުލާނާ ގުޅޭ މަޢުލޫމާތު ކަރުދާސް ޏ.އަތޮޅު ހޮސްޕިޓަލުން ފެންނަން ނެތްކަމާއި، އެސްޓިމޭޓް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޏ.ފުވައްމުލަކު ނިރިލް ފާމަސީއިން ހުށަހަޅާފައިވާ އެސްޓިމޭޓްގައި ސޮއިކޮށްފައިވަނީ ބިޑް ކޮމިޓީގެ މެމްބަރަކަށްހުރި ފަރުޒާދުގެ އެއްބަނޑު އެއްބަފާ ކޮއްކޮ އެވެ އަދި ހޮސްޕިޓަލްގެ އޭރުގެ ޑެޕިއުޓީ ޑިރެކްޓަރ، މުޙައްމަދު އިސްމާޢީލްދީދީ އަކީ އެ ދެ ފަރާތުގެވެސް ބޮޑުބޭބެއެވެ.

އެސްޓިމޭޓް ހުށަހެޅި ފަރާތަކީ އަކީ ބިޑް ކޮމިޓީގައި ބައިވެރިވި އެޑްމިނިސްޓްރޭޓިވް އޮފިސަރ، މުޙައްމަދު ފަރުޒާދުގެ ކޮއްކޮ ކަމަށްވީނަމަވެސް، މުޙައްމަދު ފަރުޒާދު ބިޑް އިވެލުއޭޓްކުރުމުގައި ބައިވެރިވެފައިވާކަމާއި، އެކަން އެއްވެސް ފަރާތަކާ ހިއްސާކޮށްފައިވާކަން އެނގެން ނެތްކަމާއި، މުޙައްމަދު އިސްމާޢީލްދީދީ ވެސް އެކަން އެއްވެސް ފަރާތަކާ ހިއްސާކޮށްފައިވާކަން އެނގެން ނެތްކަމާއި، އިޢުލާނާ ގުޅިގެން ހުށަހެޅި އެސްޓިމޭޓްތައް އިވެލުއޭޓްކުރިކަމަށް ބިޑް އިވެލުއޭޝަން ފޯމުތަކުގައި ސޮއިކޮށްފައިވާ 3 ފަރާތަކުން އިވެލުއޭޝަންގައި ބައިވެރިނުވާކަން އެސީސީގެ ތަޙުޤީޤަށް ލިބިފައިވާ ބަޔާންތަކުން އެނގޭތީ އާއި
ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 8.01 ވަނަ މާއްދާގެ (ކ) ގައި، ބީލަމާބެހޭ ލިޔުންތައް ހުށަހަޅާއިރު ތަކެތި ހޯދާ ފަރާތާ ތިމާގެކަމުގެ އެއްވެސް ގުޅުމެއް އެތަނުގެ ވެރިޔަކާ އޮތްކަމުގައިވާނަމަ އެކަން ލިޔުމުން ހުށަހަޅަންވާނެކަމަށް ބަޔާންކޮށްފައިވާއިރު، މި މަސައްކަތް ޙަވާލުކުރެވުނު ފަރާތާ މުޙައްމަދު އިސްމާޢީލްދީދީ އާ ޢާއިލީ ގުޅުން އޮންނަކަން އެއްވެސް ފަރާތަކުން ލިޔުމުން ހިއްސާކޮށްފައިނުވާކަމާއި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 6.08 ވަނަ މާއްދާގައި، އެތަނެއްގެ މުވައްޒަފަކާ ގުޅުންހުރި ވިޔަފާރިއަކުން އެތަނަކަށް އެއްޗެއް ގަންނަންވާނީ އެސީސީގެ ހުއްދަ ލިޔުމުން ހޯދުމަށްފަހު ކަމަށް ބަޔާންކޮށްފައިވާއިރު، މި މަސައްކަތް ޙަވާލުކޮށް ތަކެތި ގަތުމުގައި އެސީސީގެ ހުއްދަ ލިޔުމުން ހޯދާފައިނުވާތީވެ، މިމުޢާމަލާތުގައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ޚިލާފަށް ޢަމަލުކޮށްފައިވަނީ ނާޖާއިޒު ފައިދާ ހޯދައި، އަދި ވަކިފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދޭންކަމަށް ބެލެވެން އޮތްކަމަށްކަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ފެންނާތީވެ، މުޙައްމަދު ފަރުޒާދު ގެ މައްޗަށްވެސް ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމާއި، ހޯދައިދިނުމުގެ ކުށުގެ ދަޢުވާކުރުމަށްޓަކައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް މިހާރުވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފޮނުވާފައެވެ.

banner

ކިޔުންތެރިންގެ ޚިޔާލު