15 ޑިސެމްބަރ 2018 ( ހޮނިހިރު )

banner

"ނާއިބު ރައީސް ކަމުން ޑރ. ޖަމީލު އައުޓު، އަދީބު އިން"

ޑރ. ޖަމީލު ވަކިކޮށް އަދީބު ނާއިބު ރައީސް ކަމަށް

ދިވެހި ޖުމްހޫރިއްޔާގެ ނާއިބު ރައީސް ކަމަށް ރައްޔިތުންގެ ވޯޓުން ހޮވާފައިވާ، ފުވައްމުލަކަށް ނިސްބަތްވާ ޑރ. މުޙައްމަދު ޖަމީލު އަޙުމަދު “ޔޯލަ” ތުހުމަތުތަކެއް އަޅުވައި އިއްޔެ މަގާމުން ވަކިކުރުމަށް ފަހު މިއަދު ނައިބު ރައީސްކަމަށް އަޙުމަދު އަދީބު ރައީސުލް ޖުމަހޫރިައްޔާ އައްޔަން ކުރައްވައިފިއެވެ.

މިއަދު 1:00 ޖެހިއިރު ރައީސް އޮފީހުގައި އަދީބު ވަނީ މަގާމުގެ ހުވާ ކުރައްވާފައެވެ. ކުރިން ޓްވައިރިޒަމް މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި އަދީބަކީ އާއްމުންނާއި އިދިކޮޅު ފަރާތްތަކުގެ ގިނަގުނަ ތުހުމަތުތަކެއް ވަރަށް ކުރީއްސުރެ އަމާޒުވެފައިވާ ފަރާތެވެ.

އެގޮތުން އަރުތޫރު ބްރަދަސް ގެ ވާހަކައާއި އީރާނު ބޯޓަކުން ރާއްޖެ ގެނެސް ލޯންޗަކުން ވިލިމާލެއަށް އެތެރެކުރި މަސްތުވާތަކެތީގެ މައްސަލައާއި ރައްޔިތުންގެ މަޖުލީހުގެ މެންބަރުންނަށް “ރިލޯޑު” ކޮށްދިނުން ފަދަ ތަފާތު ގިނަ ގުނަ ތުހުމަތުތަކެއް ވަނީ ފެންމަތި ވެފައެވެ. ނަމަވެސް، އެއަށް ބެލުމެއް ނެތި ރައީސް ޔާމީނު ވަނީ އަދީބު މަގާމަށް އިސްކުރައްވާފައެވެ.

ޑރ. ޖަމީލު އަހުމަދަކީ ޕީޕީއެމް ސަރުކާރު ގެނައުމަށް އެންމެ ބުރަކޮށް މަސައްކަތް ކުރި ފަރާތްކަމަށް ޚުދު ޕީޕީއެމުން މިހާރު ވެސް އެއްބަސްވާ ޙާލުގައި ވެސް ނާއިބު ރައީސްކަމުގެ މަގާމުން ވަކިކުރީ އެމަގާމު އަދީބަށް ދޭން ކަމަށް ކުރިން ވެސް އައީ ބުނެވެމުންނެވެ. އެކަން އެންމެ ބޮޑަށް ހާމަވެގެން ދިޔައީ އަދީބުގެ އުމުރަށް ފެތޭގޮތަށް ގާނޫނު އަސާސީގެ ނާއިބު ރައީސްގެ އުމުރު ބަދަލުކޮށް ލުމުންނެވެ.

މައްސަލަތައް އިންތިހާއަށް ބޮޑުވުމުން ނާއިބުރައީސް ގެ ސަލާމަތަކަށް އެބޭފުޅާ ވަނީ އަމިއްލައަށް ގައުމުން ބޭރަށް އަރުވާލެވިގެންނެވެ. އެގޮތުން އިނގިރޭސިވިލާތުން ހިމާޔަތް ހޯދަވައިގެން ހުއްޓާ އިއްޔެ ވަނީ މަގާމުން ވަކިކުރައްވާފައެވެ.

ޑރ. ޖަމީލު ޕީޕީއެމްގެ ރަނިންމޭޓަކަށް އިޚުތިޔާރު ކުރި ހިސާބުން ވެސް މަޖުލީހުގެ ރައީސް، މަސީހު، (ފުވައްމުލަކު ދެކުނު ދާއިރާއަށް ނިސްބަތްވާ ދެބޭފުޅުން)ގެ ގުޅުން ގޯސްކަމަށް އޭރުވެސް އަޑު ފެތުރިގެން ދިޔައެވެ. އަދި ޖަމީލަށް ގައުމުގެ ނާއިބު ރައީސްކަން ދޭ މަސީޙު އެއްބަސް ނޫންކަމަށް އަޑު ފެތުރިގެން ކަންބޮޑުވުނތައް ޕީޕީއެމްގެ އެތެރޭގައި ވެސް އުފެދިގެން ދިޔައެވެ. އަދި ބުނެވޭ ގޮތުން މަސީހަށް މަޖުލީހުގެ ރައީސް ކަން ލިބުނީ ޖަމީލަށް ނާއިބު ރައީސް ކަން ދޭން އެއްބަސްވުމުގެ ސިއްރު ޝަރުތެއްގެ ގޮތުންނެވެ. މިކަމަށް ބާރުލިބޭ ބައެއްހެކީގެ ގޮތުގައި ފާހަނގަ ކުރެވުނީ މަސީހަށް މަޖުލީހުގެ ރައީސްކަން ދިނުމަށް ޚުދު ޕީޕީއެމްގެ ތެރެއިން ވެސް މައްސަލަތަކެއް ޖެހިގެން ދިއުމެވެ. 

ނައީބު ރައީސް ގެމަގާމުން ޑރ. ޖަމީލު ވަކިކުރުމަށް މަޖުލީހުގެ ރައީސް، މަސީހު “ފޫގަޅާއިގެން ހުރިކަން” ދޭހަވާ އެއްކަމަކީ އިއްޔެގެ މަޖުލީހުގައި މަސީޙު ނިންމެވި ނިންމެވުމެވެ. ގާނޫނު އަސާސީގައި، ނާއިބު ރައީސް ޖަވާބުދާރީ ވުމުގައި ގާނޫނީ ވަކީލަކު ބޭނުން ކުރެވޭނެކަމަށް ބުނެފައިވާ ހިނދު، އަދި ގާނުނު އަސާސީގައި ގާނޫނީ ވަކީލަކު މެދުވެރިކޮށް މަޖުލީހަށް ޖަވާބު ދާރީ ނުވެނޭނެ ކަމަށް ބުނެފައި ނުވާހިނދު، މަސީހު ނިންމެވީ ޖަމީލަށް ޖަވާބުދާރީ ވެވޭނީ ހަމައެކަނި ހާޒިރުވެގެން ކަމަށް ވުމެވެ. އަދި އެނިންމުން ނިންމެވީ ވެސް މަޖުލިސް ފެށި ވަގުތު ކަމަށްވެ، ލިޔުމުން ޖަވާބުދާރީ ވުމަށް ޑރ. ޖަމީލު ކުރިން އެދިފައިވާ ފުރުސަތު ވެސް ގެއްލުވާލުމަށް ފަހުގައި ކަމަށް ވުމެވެ. 

ޑރ.ޖަމީލުގެ ފަރާތުން މަޖުލީހަށް ފޮނުވި ސިޓީއަކީ ޑރ. ޖަމީލުގެ ސިޓީއެއްކަން މަސީހަށް އެގުނުކަމަކަށް ނުވި ހިނދު އެކަން ޔަގީން ކުރަން ބޭނުމެއް ވެސް ނުވެ މަޖުލީހުގެ ޖަލްސާ ވަގުތުން ކުރިޔަށް ގެން ގޮސް ނިންމާލީ ޖަމީލުގެ އަސާސީ ހައްގެއް ނިގުޅައިގަނެ ނާއިބުރައީސް ކަމުން ވަކިކޮށްފައެވެ.

މީގެ އިތުރުން ވެސް މިކަމަށް ބާރު ލިބޭ ކަންތައްތަކުގެ ތެރޭގައި، މަޖުލީހުގެ ރިޔާސަތުން މަސީހު އެދިގެން މަޖުލީހުގެ ގަވާއިދުތަކާއި އުސޫލުތައް، ބަދަލުކުރީ މެންބަރުންގެ ފާޑުކިޔުންތަކަށް ބަލާލުމެއް ނެތި އަސާސީ ހައްގަކަށް އުނިކަން ލިބޭ ގޮތަށް ކަން ހާމަވެއެވެ.

ޑރ. ޖަމީލި ވަކިކުރުމާއި ޕީޕީއެމްގެ ރައީސް މައުމޫނު ދެކޮޅު ހެދިނަމަވެސް އެކަން ކާމީޔާބުވާ ގޮތެއް ނުވިއެވެ. ޔަގީން ނުކުރެވުނު ބައެއް ޚަބަރުތައް ބުނާ ގޮތުގައި ޖަމީލާއި ދެކޮޅަ ވޯޓު ނުދިނުމަށް އުތުރު ދާއިރާގެ މެންބަރު ޝާހުއަށް، އަދި ބައެއް އެހެން މެންބަރުންނަށް މައުމޫނު  އެންގި ކަމަށް ވެއެވެ. ޝަހުގެ ފަރާތުން މިކަން ޔަގީން ވާގޮތެއް ނުވިއެވެ. ނަމަވެސް އަދީބުގެ ބާރު ނިހާނު ވަނީ ޕާލަމެްނޓްރީ ގުރޫޕުގައި އިންތިހާއަށް ވަރުގަދަކޮށްފައެވެ. އަދި ޕީޕީއެމުން ވެސް އެވޯޓާއި ދެކޮޅު ހަދާ ފަރާތަށް ކުރިމަތިލާން ޖެހޭނެ ބިރުވެރިކަމެއް އޮތްކަމަށް ވެއެވެ.

އިއްޔެގެ ޖަލްސާގައި މެބަރު ޝާހުއާއި މެދުދާއިރާގެ މެމްބަރު އަލީ ފަޒާދު ވެސް ވޯޓު ދީފައި ވަނީ ޖަމީލާއި ދެކޮޅަށެވެ.

ޑރ. ޖަމީލު ނާއިބުރައީސް ކަމުގެ މަގާމުން ވަކިކުރުމުން ފުވައްމުލަކުގައި ޕީޕީއެމް ސަޕޯރޓަށް އުނިކަމެއް ލިބޭނެ ކަމަށް ދެކެމު ހެއްޔެވެ؟

banner

ކިޔުންތެރިންގެ ޚިޔާލު