A wide advertisement which will be shown on all devices. (700 x 100)

އިބުރާހިމް ނާސިރު ފުވައްމުލަކަށް ނިސްބަތްވާ ގައުމީ ބަތަލެއް – 1

އިބްރާހިމް ނާސިރު ރަންނަބަޑޭރި ކިލެގެފާނުންގެ މައިކަބަލަކީ ދިވެހިރާއްޖޭގައި ރަސްކަންކުރެއްވި ދިޔަމިގިލީ ދަރިކޮޅަށް ނިސްބަތްވާ ފުވައްމުލަކު ނަޔާގޭ މޫސާ ދީދީގެ އައިޝަތު ދީދީ އެވެ. ބައްޕައަކީ ވެލާނާގޭ އަހުމަދު ދީދީއެވެ.

ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 2 ސެޕްޓެމްބަރ 1926 ގައި ފުވައްމުލަކުގައެވެ. މިދުނިޔެ ދޫކުރެއްވީ އުމުރުފުޅުން 82 އަހަރުގައި 22 ނޮވެމްބަރ 2008 ވަނަދުވަހު ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ހޮސްޕިޓަލުގައެވެ. ނަމަވެސް ފަސްދާނުވެޑުވުނީ ރަސްމީ އިއްޒަތުގައި މާލޭ ހުކުރު މިސްކިތު ގަބުރުސްތާނުގައެވެ. މިއީ މިހާތަނަށް ދިވެހިރާއްޖޭގެ ރައީސެއް ރަސްމީ އިއްޒަތުގައި ފަސްދާނުވެޑުވުނު ފުރަތަމަ ފަހަރުވެސްމެއެވެ. އިބްރާހިމް ނާސިރުގެ ތުއްޕުޅު ހަޔާތްވޭތުކުރެއްވީ ފުވައްމުލަކުގައެވެ. މަދުރަސީ ދައުރު ފެއްޓެވީ މަދަރުސަތުއް ސަނިއްޔާ (މިހާރުގެ މަޖީދިއްޔާ ސްކޫލް) އިންނެވެ. ތައުލީމީ ހަޔާތް ނިންމަވާލެއްވީ ސްރީލަންކާއިންނެވެ.

އިބްރާހިމް ނާސިރު ސްރީލަންކާގައި ކިޔަވާ ވިދާޅުވުން މެދު ކަނޑުއްވާލައްވާ މާލެވަޑައިގެންނެވި ދުވަސްވަރަކީ ސިޔާސީ ގޮތުންނާއި އިގްތިސާދީގޮތުން ދިވެހިރާއްޖެ ފުން އަދަވަޅަކަށްވެއްޓިފައިވާ ދުވަސްވަރެކެވެ.

މުހައްމަދު އަމީންގެ ވެރިކަން ރައްޔިތުން ނިކުމެ ވައްޓާލުމާ ގުޅިގެން އަލުން ދިވެހިރާއްޖޭގެ ވެރިކަން ރަސްކަމަކަށް ބަދަލުވެ ރަސްކަލަކަށް ސުމުއްވުލް އަމީރު މުހައްމަދު ފަރީދުއް އައްވަލް 01 ފެބްރުއަރީ 1954 ވީ އާދީއްތަދުވަހު އިސްކުރެވުނުވެ. ބޮޑުވަޒީރަކަށް އިސްކުރެއްވުނީ ސުމުއްވުލްއަމީރު އިބްރާހިމް ފާމްދޭރި ކިލެގެފާނެވެ. އިބްރާހިމް ނާސިރު އުމުރުފުޅުން އެންމެ 29 އަހަރުގައި ދައުލަތުގެ ވަޒީރެއްގެ ގޮތުގައި، ދިވެހިރާއްޖޭގެ އާވެރިކަމަށް 1 އަހަރު ވީތަނާ އައްޔަންކުރެވުނެވެ. އެއީ ހިޖްރީ ސަނަތުން 17 ޝައުބާން 1374 ގައެވެ. އަދި ހަމަ ޖެހިގެން އައިއަހަރު 1375 ޛުލްޤައިދާ މަހު 20ވަނަ ދުވަހު މަހުކަމަތުލް އަމަން އާންމުގެ ވެރިކަން އިބްރާހިމް ނާސިރާއި ހަވާލުކޮށްފިއެވެ.

ދުވަސްވަރަކީ ދެވަނަ ބޮޑު ހަގުރާމަ ނިމި އިގިރޭސިންނަށް ދިވެހިރާއްޖެ ގުދުރަތީ ގޮތުން އުފެދިފައިވާ ސަރަހައްދުގެ މުހިންމުކަން ވިސްނިގެން ދިވެހިރާއްޖެއަށް އެކިގޮތްގޮތުން ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރަމުންދިޔަ ދުވަސްކޮޅެވެ. ދިވެހިރާއްޖެއަށް އެކި ގޮތްގޮތުން އެހީތެރިވެދީގެން އޭރުގެ ބޮޑުވަޒީރުގެ ރުހުން ހޯދަމުން ދިޔަ ދުވަސްވަރެވެ.

ނަތީޖާއެއްގެ ގޮތުން ކެބިނެޓަށް އެންގުމަކާއިނުލާ، ރައްޔިތުންގެ މަޖިލީހުގެ ރުހުމަކަށް ނުބަލާ، އައްޑު އަތޮޅު ގަމާއި ހިތަދޫން ސަތޭކަ ދިހަ އޭކަރުގެ ބިން އަހަރަކަށް ދެހާސް ޕައުންޑަށް ކުއްޔަށް 100 އަހަރަށް ދިނުމަށް 15 ޑިސެމްބަރ 1956 ގައި ސްރީލަންކާގައި އިގިރޭސިންނާއިއެކު ސޮއިކުރެއްވިކަމަށް “އިއްޔެ”ގެ މަޖައްލާގައި އަބްދުލް ހަކީމު ހުސެއިން މަނިކު ލިއުއްވާފައިވެއެވެ. މިއީ ކުޑަކުޑަ އެގްރީމެންޓެއްކަމަށާއި މި އެގްރީމެންޓްގައި ސޮއިކުރެއްވުމުގެ ބަދަލުގައި ކޮންމެ ބޭފުޅަކުވެސްވަނީ އިނީޝިއަލްއެއް ޖައްސަވާފައިކަށް އަބްދުލް ހަކީމު ހުސެއިން މަނިކު ބަޔާންކުރައްވައެވެ.

ޖެހިގެން އައި ވަޒީރުންގެ މަޖިލީހަށް މިއިނީޝިއަލް ކުރެވުނު އެގްރީމެންޓާއި ފަހުން ސޮއިކުރުމަށް ކަނޑައެޅުނު އަސްލު އެގްރީމެންޓުގެ ފަހުކޮޕީ ހުށަހެޅި ބަހުސް ކުރެވުނެވެ. ކެރިގެން މިއެގްރީމެންޓާއި ދެކޮޅަށް ފުރަތަމަ ވަކާލާތުކުރެއްވީ ވަޒީރުންގެ މަޖިލީހުގައި އިންނެވި އެންމެ ހަގު ވަޒީރު އުމުރުން އެންމެ 30 އަހަރުގެ އިބްރާހިމް ނާސިރުކަމަށް އަބްދުލް ހަކީމް ހުސެއިންމަނިކު ލިއުއްވާފައިވެއެވެ. ކޮންމެއަކަސް އިބްރާހިމް ނާސިރާއި އެހެން ބައެއް ވަޒީރުންގެ ނުރުހުމުގައިވެސް މި އެގްރީމަންޓް ވަޒީރުންގެ މަޖިލީހުގެ އަޣުލަބިއްޔަތުން ފާސްކޮށްފިއެވެ. ނަމަވެސް އަސްލު އެގްރީމަންޓް، ރައްޔިތުންގެ މަޖިލީހާއި އާންމު ރައްޔިތުންގެ ވޯޓަކަށްދާ ގޮތަށް ފަހުން ފާސްވިއެވެ.

މިހާ ހިސާބުން އާންމުންގެ ތެރެއިންނާއި ސަރުކާރުގެ ތެރެއިން ޒުވާނުންތަކެއް މި އެގްރީމަންޓާއި ދެކޮޅަށް ތެދުވެ އަމިއްލަ މިނިވަންކަމަށް ވަކާލާތުކުރަން ފަށައިފިއެވެ. މި ގްރޫޕްތެރޭ ސަރުކާރުގެ މިނިސްޓަރުންގެ ތެރެއިން އިބްރާހިމް ނާސިރު ހިމެނުނީ ޖެހިލުން ކުޑަ ކެރިގެން މިނިވަންކަމަށް ވަކާލާތުކުރާ ގްރޫޕްގެ އިސް ލީޑަރެއްގެ ގޮތުގައެވެ. އިބްރާހިމް ނާސިރުގެ ލީޑަރުކަމުގެ ދަށުން ކުރިއަށް ދިޔަ ކެމްޕޭނުގެ ނަތީޖާއެއްގެ ގޮތުން އާންމުންގެ ތެރެއިންއެތައްބަޔަކު ސަރުކާރުގެ ރިފޯމަށް ގޮވާލަންވެސް ފަށައިފިއެވެ. އަނެއްކޮޅުން އިގިރޭސިން އައްޑު އަތޮޅުގައި އިދިކޮޅު ރޫހެއްވެސް އާލާކުރުމުގެ ކެމްޕޭނެއް ފަށައިފިއެވެ. އަދި އެކިއެކި އެހީތައްދީ ގެން ސަރުކާރު ހެއްދޭތޯ މަސައްކަތްކުރަމުން ގެންދިޔައެވެ. އެގޮތުން އާގުބޯޓެއް ދިނުމަށްވެސް އިގިރޭސިން ނިންމިއެވެ. (އާގު ބޯޓެއް ދިން ނަމަވެސް މިބޯޓު ބާކަމުން މާލެއާއި ހަމައަށް ގެނެވޭ ވަރެއްނުވެ ނީލަމުގައި ވިއްކާލެއްވުނު). ނަތީޖާއެއްގެ ގޮތުން އޭރުގެ ރަދުންނަށް މަޖުބޫރުވީ ރިފޯމް ކޮމިޓީއެއް އުފެއްދެވުމަށެވެ. މިކޮމިޓީއަށް ފެނުނީ އޭރުގެ ބޮޑުވަޒީރު އިސްތިފާދެއްވުމަށެވެ. މިކޮމިޓީގެ އެދިލެއްވުމަށް އޭރުގެ ބޮޑުވަޒީރު އަލްއަމީރު އިބްރާހިމް ފާމްދޭރިކިލެގެފާނު އިހްތިރާމް ކުރައްވައި ވަގުތުން އިސްތިއުފާ ދެއްވިއެވެ. އިސްތިއުފާ ދެއްވީ 11 ޑިސެމްބަރ 1957 ވަނަދުވަހުއެވެ.

މިކަމާއި ގުޅިގެން ހަމައެދުވަހު ހަވީރު ރައްޔިތުންގެ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބޭއްވިއްޖެއެވެ. މިބައްދަލުވުމުގައި އިބްރާހިމް ނާސިރު ބޮޑު ވަޒީރަކަށް އައްޔަންކުރުމަށް ނިންމައިފިއެވެ. ޖެހިގެން އައިދުވަހު 12 ޑިސެމްބަރ 1957 ވަނަ ދުވަހު އުމުރުފުޅުން އެންމެ 31 އަހަރުގައި ބޮޑު ވަޒީރުކަމުގެ ހުވާ ކުރެއްވިކަމަށް ރައްޔިތުންގެ މަޖިލީހުގައި އިބްރާހިމް ނާސިރު ބޮޑުވަޒީރަކަށް ފެންނަކަމަށް ހުށަހެޅުއްވި އިބްރާހިމް ޝިހާބުގެ ލިއުއްވުންތަކުގައި ބުނެފައިވެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !