22 ޖުލައި 2019 ( ހޯމަ )

ރައްޔިތުންގެ މަޖުލީހުގައި ނާއިބުރައީސްގެ އިތުބާރު ނެތްކަމަށް ޖުލައި 21ގައި ނެގި ވޯޓު.

އެމްޑީޕީ ރަނގަޅަށް ހައްލުވާލެވިއްޖެ!

ސަރުކާރު ހިންގާ ޕީޕީއެމުން މައި އިދިކޮޅު ޕާޓީ އެމްޑީޕީ ރަނގަޅަށް ހައްލުވާލާއި އެމީހުން ބޭނުންވާ ހުރިހާ ކަމަކަށް އެމްޑީޕީގެ ވޯޓު ހޯދައިފި ކަމަށް އެމްޑީޕީގެ ބައެއް އާއްމު މެބަރުން ބުނަން ފަށައިފިއެވެ. މި ގޮތަށް ވާހަކަ ދެކެވެން ފެށީ އެމްޑީޕީގެ ގިނަ އާއްމު މެމްބަރުންތަކެއް ހިތްނުރުހޭ ގޮތަށް އެޕާޓީގެ އާއްމު ވިސްނުމާއި ދެކޮޅަށް ރައްޔިތުންގެ މަޖުލީހުގައި ވޯޓުދީ އަދި އެކަންކަން ދިފާއުކުރުމުގެ ގޮތުން އެޕާޓީގެ ލީޑަރށިޕުން ވާހަކަ ދައްކާފައި ވަނިކޮށެވެ. އެމްޑީޕީއަށް މުހިންމު ކަންތައްތަކެއް ސަރުކާރު ތެރެއިން ހާސިލުވާނެ ކަމަށް ޓީވީތަކުގައި އަދި ހަރުގޭގެ ޖަލްސާތަކުގައި ތަކުރާރުކޮށް ބުނެ މަޖުލީހުގައި ދެމުން ދިޔަ ވޯޓުގެ ދިފާއުގައި ދެއްކި ވާހަކަ ތަކުގެ ރާގު ބަދަލުވީ އެންމެ ފަހުވަގުތާޖެހެންދެން އެއްވެސް ކަމެއް ޙާސިލު ނުވެ ވަގުތު ފާއިތުވުމުން ކަމަށް މިކަލް ނޫހަށް އުލޫމާތު ދިން އެމްޑީޕީ އިސް ސަޕޯޓަރަކު ބުންޏެވެ.

“މިހާރު އެމްޑީޕީ އަކީ ފިކުރެއް ކަމަށް އަޅުގަޑުމެން ބަލަމުން އައި އައުމާއި މެދު އިތުރަށް ވިސްނަން ޖެހިއްޖެ. އެހެނީ އެމްޑީޕީން މީގެ ކުރިން އަޑު އުފުލައި، މަސައްކަތް ކުރަމުން އައީ ދިވެހިންގެ ފައިދާއަށް، މިނިވަންކަމާއެކު ވަކިފަރާތެއްގެ ދަށުނުވެ. އެކަމަކު މިހާރު މިފެންނަނީ ޕީޕީއެމް ސަރުކާރު ދަށުވެ އެއިން ސަލާމަތް ނުވެވިގެން އުޅޭތަން. މަޖުލީހުގައި ހުރިހާ ވޯޓެއްހެން ޕީޕީއެމުން ބޭނުންވާ ގޮތަށް ދިނީ ކުރިން ހިފަހައްޓަމުން އައި ފިކުރުތައް އެއްކިބާކޮށް، ޕީޕީއެމުން ދެއްކި އަވާމެންދުރެއްގެ ދަޅާގައި ޖެހިގެން. މިއަދު މިޖެހުނީ ހަމަ ސުމެއްގައި. އެއްވެސް ކަމެއް ހާސިލެއް ނުވި.” ނަން ނުޖެހުމަށް އެދި އެމްޑީޕީގެ އެސަޕޯޓަރުގެ ހިތްހަމނުޖެހުން ކިޔައިދިނެވެ.

އެމްޑީޕީގެ ހަރަކާތްތަކުގެ ތެރެއިން ސަރުކާރުން ވަނީ ގިނަ ބޔަކު ހިފާ ހައްޔަރުކޮށްފައެވެ. ބައެއް މީހުންނަށް ދައުވާކުރެވި އަނެއްބައި މީހުންނަށް ހުކުމް ކުރެވި، އަނެއްބަޔަކު ތަހުގީގަށް ބަންދުކުރެވި އަނެއްބަޔަކު އަތުނުޖެހެން ގައުމަން ބޭރަށް އަމިއްލައަށް ވަނީ އަރުވާލެވިގެންނެވެ. މިކަމަށް ހައްލެއް ހޯދައި ސިޔާސީ ހަރަކާތް ކުރިޔަށް ގެންދިއުމަށް އެމްޑީޕީން ސަރުކާރާއެކު މަޝްވަރާ ކުރުމަށް ނިންމީ އެމްޑީޕީން ކުރިން މަޝްވަރާއަށް ކުރި ޝަރުތުތައް ވެސް ދޫކޮށްލާފައެވެ.

އެމްޑީޕީން ބުނަމުން އައީ އެންމެ އިސްކަމެއްގެ ގޮތުން އަންނި ދޫކޮށް ސިޔާސީ އެހެން ކުށްވެރިން ވެސް ދޫކޮށްލަން ސަރުކާރުން އެއްބަސްވާ ކަމަށެވެ. އަދި ވާހަކަތަކުގެ އެޖެންޑާގައި އެވާހަކަތައް ހިމެނުނު ނަމަވެސް ޕީޕީއެމުން އެދުނު ކަންތައްތައް މަޖުލީހުންނާއި ސިޔާސީ މައިދާނުން އެމްޑީޕީން “ގުރުބާން ކުރީ” އެމްޑީޕީގެ އެދުނތަކަށް އެއްވެސް ކުރިއެރުމެއް ނުލިބި ކުޑަކުޑަ އުއްމީދެއްގައެވެ. ނަމަވެސް ޕާޓީގެ ބައެއް މެންބަރުންގެ ނުތަނަވަސްކަން އެއިރުވެސް އޮތްކަން މީޑިއާތަކުން އެގެއެވެ. ލީޑަރޝިޕުން އެދެމުން ދިޔައީ އެމީހުންނަށް އިތުބާރުކޮށް ހިތްއެދޭ ފޮނި ނަތީޖާއަށް ކެތްކުރުމަށެވެ.

މިއަދު ކުރާ ކަމަކުން ފެންނައެއްޗެއް އަދި އެންމެ ރަނގަޅު ނޫން ކަމަށް ވެސް ހީވެދާނެ ކަމަށާއި ނަމަވެސް ކަން ނިމޭއިރު އެހީތަށް ހިތްއެދޭ ފޮނި އެއްޗަކަށް ވާނެ ކަމަށް ބުނެ މާބޮޑަށް ދޫދިނުމުން ސަރުކާރުން އެއޮތީ އެމީހުން ބޭނުން ހުރިހާކަމެއް އެމްޑީޕީ ހައްލުވާލާފައި ކޮށް ނިންމާފައި ކަމަށް އެމްޑީޕީގެ އެސަޕޯޓަރު ބުންޏެވެ.

“ރައްޔިތުންގެ ކަންކަން ގުރުބާން ކުރަންޖެހޭ ވަރުގެ އެހެން ކަންތައް ފެންނަޏާ ޕާޓީއަކަށް އެންމެ ބޮޑު ޕާޓީގެ ގޮތުގައެއް ނޯވެވޭނެ. އަންނި މިނިވަން ވުން އަދި އެހެން ސިޔާސީ މީހުންވެސް މިނިވަންވުން އެއީ އަހަރެމެންވެސް ބޭނުންވާ އަދި މަސައްކަތް ކުރަންޖެހޭ ކަންކަން. އެކަމަށް ކުރާ މަސައްކަތަށް ރާއްޖެއިން ގޮތް ހުސްވެއްޖެއިޔާ، ބައިނަލް އަގުވާމީ މަސްރަޙު އެއޮތީ އެމްޑީޕީގެ އަޑުއަހަން. ވީއިރު ހުރިހާ ވޯޓެއް “އެހެން” ދުއްވާލައިގެން ނުވާނެ.” އޭނާގެ ކަންބޮޑުވުން ފާޅުކުރިއެވެ.

އެމްޑީޕީގެ އެހެން ސަޕޯޓަރަކު ގަބޫލުކުރާ ގޮތުގައި މިއީ އެމްޑީޕީއަށް ދަތި ދުވަސްތަކެކެވެ. ނަމަވެސް ސަރުކާރަށް އެއްޗެއް (ވޯޓެއް) ދޭންޖެހޭނީ އެމްޑީޕީ ބޭނުންވާ ކަންތައްތައް ވެސް ޙާސިލުވާ މިންވަރަކުން ކަމަށް އޭނާ ބުންޏެވެ. އަންނި ގޭބަނދަށް ބަދަލުކުރުމަކީ އަދި އެމްޑީޕީގެ އެދުން ހާސިލުވީއެއް ނޫން ކަމަށާއި ޝަރުޢީ ހުރިހާ މަރުހަލާތަކުން އެކަން ނިންމައި އެއްކޮށް މިނިވަންވާން ޖެހޭނެ، އިތުބާރު އުފައްދާށޭ ކިޔާފައި އެހުރިހާ ވޯޓެއް ދިނުމުގެ ކުރިންވެސް، އޭނާގެ ހިތްހަމަނުޖެހުން ފާޅުކުރިއެވެ.

ސަރުކާރުން ހިންގާ ދޯހަޅި ކަންކަމަށް ފާޑުކިޔައި ދެކޮޅު ހެދުން އެއްކޮށް ދޫކޮށްލާނަމަ އިދިކޮޅުޕާޓީގެ ޖާގަވެސް އެމްޑީޕީއަށް ގެއްލޭނެ ކަމަށް އެހެން ސަޕޯޓަރަކު ބުންޏެވެ. ރައްޔިތުންނަށް ފައިދާ ނުވާ ކަންކަމާއި ދެކޮޅަށް ރައްޔިތުންގެ މަޖުލީހާއި އާއްމު ފޯރަމްތަކުގައި ވެސް އަޑުއުފުލައި ރައްޔިތުންނަށް ރަނަގޅު ގޮތް ހޯދައިދިނުމަށް މަސައްކަތް ކުރާކަމަށް ގިނަ ބަޔަކަށް ބެލެވިފައި އޮތް އެމްޑީޕީއަކީ ފިކުރެއްކަމަށާއި އެއީ ރަށްޔިތުންގެ ހެވާ ލާބައަށް ކުރާ ކޮންމެ ކަމެއްގެ އިސްފަރާތްކަމަށް އޭނާ ދެކެއެވެ.

މިއަދު އެމްޑީޕީގެ ލީޑަރޝިޕުގެ ވިސްނުމާއި މެދު ޚުދު އެޕާޓީގެ އެހެން މެންބަރުންގެ ވެސް ނުތަނަވަސްކަމާއި ނުރުހުން ހައްގުކަމަށް އެހެން ސަޕޯޓަރު ބުންޏެވެ. އޭނާގެ އެވާހަކަތަކަށް ބާރުލިބެނީ އެންމެ ފަހު ވަގުތު އެމްޑީޕީގެ ލީޑަރޝިޕުން އާއްމުކުރި ޝަކުވާތަކުންނެވެ. އެއީ ސަރުކާރާއެކު ވި އެއްބަސްވުމާއި ޚިލާފުވީ ސަރުކާރުން އެދުނު ހުރިހާ ކަމެއް ހާސިލުކޮށްފައި ކަމަށް އެމްޑީޕީން ބުނެ ތަފުސީލުތައް ހާމަކުރަން ފެށުމުންނެވެ. އަދި އެމްޑީޕީން އެދުނު އެއްވެސް ކަމެއް ހާސިލުނުވާކަމަށް ބުނަން ފެށުމުންނެވެ.


ކިޔުންތެރިންގެ ޚިޔާލު