24 ޖުލައި 2019 ( ބުދަ )

ހިސްޓޯ ހިއުމަން ރައިޓްސް ކޮމިޝަނަށް އައްޔަން ކުރުމަށް މަޖިލީހުން ރުހުން ދީފި

ފުވައްމުލަކު މެދުދާއިރާގެ މެމްބަރުކަން ކުރިން ކޮށްފައިވާ ޝިފާގު މުފީދު (ހިސްޓޯ) ހިއުމަން ރައިޓްސް ކޮމިޝަނަށް އައްޔަންކުރުމަށް ފެންނަކަމަށް މަޖިލީހުން މިއަދު ރުހުން ދީފި އެވެ. ޝިފާގުގެ އިތުރުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރުހުން ދީފައިވަނީ ހ، ހަބަރުގޭ އައިމިނަތު އީނާސް އާއި މ. ކޮރަލް ގާޑްންސް އާއިޝަތު އަފްރީން މުހައްމަދަށެވެ.

މިއަދުގެ ވޯޓުގައި ޝިފާގު މުފީދަށް ރުހުން ދޭން ފެންނަކަމަށް ވޯޓު ދީފައިވަނީ ހާޒިރުވެ ތިއްބެވި 69 މެންބަރުންގެ ތެރެއިން 50 މެންބަރުންނެވެ. އޭނާއާ ދެކޮޅަށް ވޯޓު ދެއްވީ ހަތަރު މެންބަރުންނެވެ. އަދި އައިމިނަތު އީނާސް އަށް ރުހުން ދޭން ފެންނަ ކަމަށް ފާސްވީ ހާޒިރުވެ ތިއްބެވި 69 މެންބަރުންގެ ތެރެއިން ވޯޓުގައި ބައިވެރިވި 64 މެންބަރުންގެ އިއްތިފާގުންނެވެ. އާއިޝަތު އަފްރީނަށް ރުހުން ދިނުމަށް ވޯޓު ދެއްވީ ހާޒިރުވެ ތިއްބެވި 69 މެންބަރުންގެ ތެރެއިން 59 މެންބަރުންނެވެ. އޭނާއާ ދެކޮޅަށް ވޯޓު ދެއްވީ އެންމެ މެންބަރެކެވެ. 

ހިސްޓޯގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައި ވަނީ، މިއަހަރު ޖޫން މަހު 10 ވަނަ ދުވަހުއެވެ. އެމްޑީޕީގެ ޓިކެޓުގައި ކުރީގެ މަޖިލީހަށް ހޮވިވަޑައިގެންނެވި ޝިފާގަކީ ކުރިން ޕީޕީއެމް އާއި ޑީއާރުޕީ އާއި ދެކޮޅަށް މަޖިލީހުގައްޔާއި ސިޔާސީ ޕޯޑިއަމްތަކުގައި ރައްދު ދެއްވަމުން ގެންދެވި ކުޅަދާނަ ވާހަކަ ދެއްކުން ތެރިއެކެވެ. އެމްޑީޕީގެ ވެރިކަން ބަދަލުވުމާއި ގުޅިގެން ޕީޕީއެމް އަށް ބަދަލުވެ ވަޑައިގެންނެވުމަށް ފަހު މިދިޔަ ރިޔާސީ އިންތިހާބުގެ ތެރޭގައި އޭނާ ޖޭޕީ އަށް ސޮއިކުރެއްވި އެވެ. އަދި، ފަހުން ވަނީ އަނެއްކާ ވެސް ޕީޕީއެމްއާ ގުޅިވަަޑައިގެންފަ އެވެ.


ކިޔުންތެރިންގެ ޚިޔާލު