އިއްޔެއާއި ރޭ އަދި މިއަދު ފުވައްމުލަކަށް ކުރަމުންދާ ވިއްސާރައިގައި ބައެއް ގެތަކަށް ބޮޑެތި ގެއްލުންތަކެއްވެ ގިނަ އަދަދެއްގެ ރުއްގަސް ވެއްޓިއްޖެއެވެ.
ފުވައްމުލަކު ބައެއް ގެތަކުގެ ފުރާޅު ވަޔާއި އެކު އެއްލާލުމުގެ އިތުރުން ބައެއް ގެތަކުގެ މައްޗަށް ގަސްތައް ވެއްޓި ގެއްލުންތަކެއް ލިބިފައިވެއެވެ. އަދި ގޯތިތެރޭގައި އިންދާފައި ހުރި ފަތްކޭލާއި އެހެނިހެން މޭވާ ގަސްތަކާއި ބިޔަ ބޮޑެތި ގަސްތައްވެސް ވެއްޓިފައިވެއެވެ.
ފުވައްމުލަކު އަތޮޅު ކައުންސިލުން މިކާރިސާއާއި ގުޅިގެން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނި ގަދަވަޔާއި އެކު ބޯކޮށް ވާރޭވެހި ފުވައްމުލަކަށް ބޮޑެތި ގެއްލުންތެކެއް ވަމުންދާ ކަމަށެވެ.އެގޮތުން ލިބެމުންދާ ގެއްލުންތަކުގެ ތެރޭގައި މެވާއަޅާ ބޮޑެތި ގަސްތަކާއި ދިވެހި ރުއްތައް ވެއްޓި މީހުންގެ މުދަލާއި ތަކެއްޗަށް އަދި ގެދޮރަށް ގެއްލުންތަކެއް ވަމުންދާކަމަށެވެ.
“މިވަގުތަކީ އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވެދީ އެއްބައިވަންތަކަން އިތުރުކޮށް ސަލާމާއި ރައްކާތެރިކަމުގެ ގޮތުން ގުޅިގެން މަސްކަތްކުރަންޖެހޭ ވަގުތަކަށްވާތީ ހުރިހާ ރައްޔިތުންވެސް މިގޮތުގައި ސާބިތުވެ ތިއްބަވައިގެން މަސައްކަތް ކުރުމަށް އިލްތިމާސް ކުރަން” އަތޮޅު ކައުންސިލުން ވިދާޅުވިއެވެ.
އަތޮޅު ކައުންސިލުން ވިދާޅުވީ ގެއާއި ގޯތިތެރޭގައި ފެންބޮޑުވެގެން ލިބިދާނެ ގެއްލުމަކުން ސަލާމަތްވުމަށްޓަކައި އަގުބޮޑެތި މުދަލާއި ކާބޯތެކެތި ފެނުން ރައްކާތެރިކުރުމަށް އިލްތިމާސް ކުރާކަމަށެވެ. އަދި ބޯފެން ނެގުމުގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސް ކުރާކަމަށެވެ. އަދި ކުއްލިހާލަތެއްގައި 6865001 ނަންބަރަށް ގުޅުމަށްވެސް އަތޮޅުކައުންސިލުން އެދިފައިވެއެވެ.
ފުވައްމުލަކު ކައުންސިލްތަކުން މިހާރުވެސް ލިބުނު ގެއްލުންތައް ބަލަމުން އެބަގެންދެއެވެ. ކައުންސިލަތަކުން ބުނެފައިވަނީ ލިބުނު ގެއްލުމުގެ އަގު އަދި އަންދާޒާ ކުރެވިފައި ނުވާކަމަށާއި މިލިއަނުން ގެއްލުންވާނެ ކަން ޔަގީންކަމަށެވެ.
ޚިޔާލުތައް