A wide advertisement which will be shown on all devices. (700 x 100)

ދަރިވަރުންގެ ތިމާވެށީގެ ގައުމީ މަހާސިންތާގައި ފުވައްމުލަކުގެ ސްކޫލްތަކުން ފުރިހަމައަށް ބައިވެރިވޭ

ދަރިވަރުންގެ ތިމާވެށިގެ ގައުމީ މަހާސިންތާގައި ބައިވެރިވާ ހޭޒް ގެ ދަރިވަރުން ދަރުބާރުގެ ކައިރީގައި - ފޮޓޯ ޝިހާބު

މިއަދު ހެނދުނު މާލޭ ދަރުބާރުގޭގައި ފެށި ދަރިވަރުންގެ ތިމާވެށިގެ ގައުމީ މަހާސިންތާގައި ފުވައްމުލަކުގެ ސްކޫލްތަކުން ވަރަށް ފުރިހަމައަށް ބައިވެރިވެއެވެ. ފުވައްމުލަކުގެ ބޮޑު 4 ސްކޫލުން ވެސް މިސިމްޕޯސިއަމް ގައި ތިމާވެށިގެ ތަފާތު މައުޟޫއު ތަކަށް ޕްރެޒެންޓޭޝަން ހުށަހަޅައި ދޭނެ ކަމަށް އެމްޖޭއެމްގެ ޕްރިްނސިޕަލް އާރިފާ އަބްދުލް މަޖީދު ވިދާޅުވިއެވެ. ފުވައްމުލަކުގެ ބޮޑު 4 ސްކޫލް ކަމަށްވާ ޏ.އޭއީސީ، ހާފިޒް އަޙުމަދު ސްކޫލް، އެމްޖޭއެމް އަދި ފުވައްމުލަކު ސްކޫލް، ކޮންމެ ސްކޫލަކުން ވެސް 5 ދަރިވަރުންނާއި މުދައްރިސަކު މި ބައްދަލުވުމުގައި ބައިވެރިވެއެވެ.  

އެޑިއުކޭޝަން މިނިސްޓްރީއާއި އެންވަޔަރޮމެންޓް މިނިސްޓްރީ ގުޅިގެން ބާއްވާ މި މަހާސިންތާއަކީ ސްކޫލް ތަކުގައި އުފެދިފައިވާ ތިމާވެށި ކްލަބުތަކުގެ ހަރަކާތަތް އިތުރުކޮށް، އެފަރާތްތަކުން ކުރާ މަސައްކަތް ގައުމީ ފެންވަރެއްގައި ހުށަހަޅާ ދިނުމަށް ހުޅުވިގެންދާ ފުރުސަތެއްކަމަށް ތިމާވެއްޓާއި ބެހޭ މިނިސްޓްރީގެ ނާއިބު އަބްދުއްﷲ މުހައްމަދު (ހުނުބޮލި) މިކަލް ނޫހަށް މަޢުލުމާތު ދެއްވަމުން މިއަދު ހެނދުނު ވިދާޅުވިއެވެ. ސްކޫލްތަކަށް ހުށަހެޅުނު ދާއިރާތަކުގެ ތެރެއިން އެސްކޫލަކުން އިޚުތިޔާރުކުރާ ދާއިރާއަކުން ދަރިވަރުން މައުލޫމާތު ހުށަހަޅައި ދިނުމަށް މި ސިމްޕޯސިއަމްގައި ފުރުސަތުދެވިގެން ދާނެކަމަށެވެ. 

ދެ ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދެވޭ މި މަހާސިންތާގައި މިއަދު ހެނދުނު ދަންފަޅީގައި ފުވައްމުލަކު ސްކޫލުގެ ދަރިވަރުން ހުށަހަޅައި ދިނީ ރަށް ގިރުމުގައި އިންސާނުންގެ އަމަލުތައް (ސޮއިލް އެރޯޝަން އެންޑް ހިއުމަން އޮންފުލުއެންސް އޮން އިޓް) މިމައުޟޫއަށެވެ. މިއަދުގެ މެންދުރު ފަހުގެ ސެޝަނުގައި ހާފިޒު އަޙުމަދު ސްކޫލުގެ ދަރިވަރުން ހުށަހަޅައިދިނީ ގޮނުދޮށް ގިރުމުގެ ނާޒުކުކަމާއި އެކަމުން ދިމާވާ ގެއްލުމުގެ ނަތީޖާ ( ދަ ސިވިއަރިޓީ އޮފް ބީޗް އެރޯޝަން އެންޑް އިޓްސް ކެޓެސްޓްރޮފިކް ރިޒަލްޓް) އެވެ.

މާދަމާގެ ހެނދުނު ސެޝަނުގައި، “ތަރައްގީއާއެކު ގުދުރަތީ މާހައުލަށް ކުރުވާ އަސަރު” (އިމްޕެކްޓް އޮފް އާރބަނައިޒޭޝަން އޮން ނެޗަރަލް އެންވަޔަރޮމެންޓް)، މިމައުޟޫއަށް ޏ.އޭއީސީން ހުށަހަޅާއިދޭއިރު، މާދަމާ މެންދުރު ފަހު އެމްޖޭއެމްއިން ހުށަހަޅާއިދޭނީ ގަސް ހެއްދުމުގެ އައު އީޖާދުތައް (އިންނޮވޭޝަން އިން ޕްލާންޓޭޝަން) މިމައުޟޫއަށެވެ. 

މީގެ އިތުރުން ވެސް ބައެއް ދަރިވަރުންގެ އަދަބީ ހަރަކާތްތަކާއި އެހެނިހެން ތަފާތު ހަރަކާތްތައް މިސިްމޕޯސިއަމް ގައި ކުރިޔަށް ގެންދެވެއެވެ. ގިނަ ސްލޫލުތަކަކުން ބައިވެރިވާ މިމަހާސިންތާގައި 41 ސްކޫލަކަުން 205 ދަރިވަރުން ބައިވެރިވެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !