16 އޮކްޓޯބަރ 2018 ( އަންގާރަ )

banner
MDP

ފުވައްމުލަކުގައި އެމްޑީޕީއިން ބޭއްވި ޖައްސާގެ ތެރެއިން

އިދިކޮޅު ކެންޑިޑޭޓް ފުވައްމުލަކަށް ގިނަކަންތައްތަކެއް ކޮށްދެއްވާނެ ކަމަށް ވައުދުވެއްޖެ

އިދިކޮޅު އިއްތިހާދެއްގައި ފުވައްމުލަކަށް ގިނަ ކަންތައްތަކެއް ކޮށްދެއްވާނެ ކަމުގެ ވައުދު އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވެއްްޖެއެވެ. އިބޫ މިވައުދުތައް ވެފައިވަނީ، އިދިކޮޅު އިއްތިހާދުން ކުރިއަށް ގެންދާ ކެމްޕޭނު ފަހު ދަތުރުގެ ގޮތުގައި ފުވައްމުލަކަށާއި އައްޑުއަށް ކުރައްވާ ދަތުރުގައި ފުވައްމުލަކަށް ވަޑައިގެން ފުވައްމުލަކުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އިބޫ ގެ އިތުރުން މިދަތުރުގައި އިދިކޮޅު ކެންޑިޑޭޓްގެ ރަނިންމޭޓް ފައިސަލް ނަސީމާއި އިދިކޮޅު އިއްތިހާދުގެ ސީނީއާ ގިނަ ޕޮލިޓީޝަނުން މިދަތުރުގައި ބައިވެރިވިއެވެ. ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ ފުވައްމުލަކުގެ ހުރިހާ ބޮޑު މަގެއްގައި ތާރު އަޅައި، ގިރާ ސަރަހައްދު ހިމާޔަތްކޮށް، ފަތާ ފެންގަނޑެއް ހަދާނެ ކަަމަށާއި އަދި މި ރަށުގައި ސިޓީ ހޮޓަލެއް ގާއިމުކޮށް، 1000 ޓޫރިސްޓު އެނދު ތަރައްގީ ކުރައްވާނެ ކަމަށެވެ.

ގައުމީ ޔުނިވާސީޓީގައި އައިސީޓީއަށް ޚާއްސަ ފެކަލްޓީއެއް ހައްދަވާނެ ކަމަށާއި އެ ފެކަލްޓީގެ މައި މަރުކަޒަކަށް ފުވައްމުލަކު ހައްދަވާނެ ކަމަށްވެސް އިބޫ ވިދާޅުވިއެވެ.

ތާރީޚީ މުހިއްމު ބިނާތަކެއް ހުރި ފުވައްމުލަކުގައި ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި އޯޕަން މިއުޒިއަމެއް ތަރައްގީ ކުރައްވާނެ ކަމަށް ވެސް އިބޫ ވިދާޅުވިއެވެ.

އިބޫގެ އިތުރުން ރޭގެ ޖަލްސާގައި އިދިކޮޅު އިއްތިހާދުގެ ގިނަ ބަޔަކު ވާހަކަދެއްކެވިއެވެ. އެބޭބޭފުޅުންގެ ވާހަކަފުޅުތަކުގައި ފުވައްމުލަކަށް 1.2 ބިލިއަން ރުފިޔާ ޚަރަދުކުރައްވާފައިވާ ކަމަށް ރައީސް ޔާމީނު ވިދާޅުވި ވިދާޅުވުމަށް ފާޑުވިދާޅުވިއެވެ.

ޕީޕީއެމްގައި ތިއްބެވުމަށްފަހު އިދިކޮޅާއި ގުޅިވަޑައިގަތް ދެމެމްބަރުން ކަމަށްވާ އަލީ ޝާހާއި އަލީ ފަޒާދުވެސް ރޭގެ ޖަލްސާގައި ވާހަކަފުޅު ދެއްކެވިއެވެ. މިދެބޭފުޅުންގެ ވާހަކަފުޅުގައި އެދެބޭފުޅުން ސަރުކާރު ދޫކުރައްވާ އިދިކޮޅާއި ގުޅެން ޖެހުނު ސަބަބު ބަޔާންކުރެއްވިއެވެ. މައިގަނޑުގޮތެއްގައި ބަޔާންކުރެއްވީ ފުވައްމުލަކުގައި އެކަށީގެންވާ ތަރައްގީގެ މަޝްރޫއުތަކެއް ކުރިއަށް ނުގެންދެވުމާއި ފުވައްމުލަކަށްވި ގިނަ ވައުދުތައް ނުފުއްދުމެވެ.

އެމޭރުމުން ވާހަކަފުޅު ދައްކަވަމުން ޝާހު ވިދާޅުވީ މިރަށަށް 1.2 ބިލިއަން ރުފިޔާ ޚަރަދުކޮށްފިކަމަށް ރައީސް ޔާމީން އެވިދާޅުވަނީ ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކޮށް ތޮށި ލުމާއި، ހުރިހާ މަގުތަކެއްވެސް ހެދުން ހިމެނޭ ގޮތަށްކަމަށެވެ. އެހެން ނަމަވެސް އެތަންތަން ނެހެދި ހުރިކަން އެނގޭނީ އެތަންތަން ފެންނަ މީހުންނަށްކަމަށާއި، މިސަބަބުތަކާއި ހުރެ، ރައީސް ޔާމީންގެ އަރިހުގައި އެބޭފުޅުން ތިއްބަވަން ޖެހޭ ސަބަބެއް ނެތްކަމަށް ޝާހު ވިދާޅުވިއެވެ. ޝާހު ވިދާޅުވީ އޭނާއަކީ 2013 ވަނަ އަހަރު ރައީސް ޔާމީން ވެރިކަމަށް ގެންނަން އެރަށުގައި އެންމެ ގިނައިން ޕޯޑިއަމްތަކަށް އަރައި، އެންމެ ގިނައިން މެނިފެސްޓޯ ވިއްކި މީހާކަމަށާއި، އެރަށަށް ރައީސް ޔާމީންއަށް ކަމެއް ކޮށްނުދެވޭކަމަށެވެ. އެހެންކަމުން ފުވައްމުލަކު ރައްޔިތުން ރައީސް ޔާމީންއަށް ވޯޓު ދެއްވަން ޖެހޭ ސަބަބެއް ނެތްކަމަށް ޝާހު ވިދާޅުވިއެވެ. ޝާހު ވިދާޅުވީ ފުވައްމުލަކު ރައްޔިތުން ގުނބޯ ނުހެއްދޭނެކަމަށާއި، ރައީސް ޔާމީން ބަލިކުރާނެކަމަށެވެ.

އިދިކޮޅު އިއްތިހާދުގެ ޓީމުން ފުވައްމުލަކުގައި ޖަލްސާ ބޭއްވުމަށް ތައްޔާރުވަމުން ދަނިކޮށް ޓްވަރިޒަމް މިނިސްޓާރ ނޫސްކޮންފަރެންސެއް ބޭއްވުމަށްފަހު ފުވައްމުލަކުގައި 1000 އެދުގެ ސިޓީ ހޮޓަލެއް އަޅުއްވާނެ ކަމަށް ވަނީ އިއުލާން ކުރައްވާފައެވެ.

banner

ކިޔުންތެރިންގެ ޚިޔާލު